ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދެ ދައުވާއާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމި ނިންމުމުގެ ބައެއް, ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފި އެވެ.
ދައުލަތުން އިސްތިއުނާފު ކުރަނީ، މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިިމިނަލް ކޯޓުން ކަނޑައަޅާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ދައުލަތުން ފާހަގަ ކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެން ހައި ކޯޓުން ނިންމި ނިންމުމެވެ. އެ ކޯޓުން ނިންމީ އިސްތިއުނާފު ކުރެވޭނެ ކަމުގަ އެވެ.
އާޒިމާގެ ދައުވާ ބޭރުކޮށްލަން އޭނާ ކުރާ މަސައްކަތް ވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ވަނީ ނިންމަވައިފަ އެވެ. އޭނޭގާ މައްޗަށް ކުރާ ދެ ދައުވާ ވެސް މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް އޭނާ ވަކާލާތު ކުރައްވަ އެވެ. ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ މަދަނީ މިންގަނޑަށް ފެތޭ ކަމުގަ އެވެ.
ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް، އާޒިމާގެ ފަރާތުން ފާހަގަ ކުރި މައިގަނޑު ނުކުތާ އަކީ، އާޒިމާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެންމެ މަތީ ބުރަދަން ދިނަސް، މަދަނީ މިންގަނޑަށް މައްސަލަ ނުފެތޭ ކަމުގަ އެވެ. އަދި ހުށަހެޅި ގިނަ ހެކިތަކާއި ދައުވާގައިވާ ތުހުމަތާ ގުޅުވެން ނެތް ކަމުގަ އެވެ.
މީގެ އިތުރަށް އާޒިމާގެ ދިފާއުގައި ދެއްކެވި މައިގަނޑު އެއް ނުކުތާއަކީ ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ނެރުނު އަމުރެވެ. ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު އުފެދޭ ސުވާލުތަކަށް ދައުލަތަށް ޖަވާބު ނުދެވޭ ކަމަށް އޭގައިވެ އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، މަދަނީ މިންގަނޑުން ގެންދެވޭތޯ ބަލާއިރު ދައުލަތުން ހުށަހެޅި ހެކިތަކުގެ އެންމެ ފުނަށް ދާން ނުޖެހޭ ކަމަށެވެ. އެހެންވެ މިހާރު ހުށަހަޅާފައިވާ ހެކިތަކުން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.
ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީ އާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރެ އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ މަނީ ލޯންޑާ ކުރުމަށް ޔާމީނަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އެއީ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.
އާޒިމާއަށް ކުރާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއަށް ވެސް އޭނާ އިންކާރު ކުރައްވަ އެވެ. 2019 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ގޮތެއް ނުނިމި މާ ބޮޑަށް ދިގުލައިގެން ދާތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.












