ރޭޑިއަންޓަކީ ނިއުރޭޑިއަންޓާ ގުޅުން އޮތް ކްލަބެއް، ދަރަންޏަށް ޒިންމާވާން ޖެހޭ: އޭއެފްސީ

Apr 22, 2022, 8:17 PM
ރޭޑިއަންޓްގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރޭޑިއަންޓް/ފޭސްބުކް

ރޭޑިއަންޓްގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރޭޑިއަންޓް/ފޭސްބުކް

ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއު ރޭޑިއަންޓާ ގުޅުން އޮތް ކްލަބެއް ކަމަށާއި ރޭޑިއަންޓަށް ކުރިއަށް ދެވޭނެ ގޮތަކީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ރަސްމީކޮށް އަންގައިފި އެވެ.

ރޭޑިއަންޓަކީ މި ވަގުތު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ "ސްޕޯޓިން ސަކްސެސާ" ގޮތުގައި އޭއެފްސީން ކަނޑައަޅާފައިވާތީ މި ވަގުތު ހާލަތު އޮތްގޮތުން ރޭޑިއަންޓަށް އެފްއޭއެމްގެ މުބާރާތެއްގައި ވާދަނުކުރެވޭނެ ކަމަށް، މިދިޔަ ބުދަ ދުވަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފަ އެވެ.

ނިއުގެ "ސްޕޯޓިން ސަކްސެސާ" އަކީ ރޭޑިއަންޓް ކަމަށް އޭއެފްސީން ކަނޑައަޅާފައިވާ ގޮތުގެ ލިޔުމެއް ހޯދަން ރޭޑިއަންޓުން އެދިފަ އެވެ. އޭއެފްސީން މިއަދު އެ ލިޔުން އެފްއޭއެމަށް ފޮނުވާފައިވާއިރު، އެނގިފައިވާ ގޮތުގައި އެފްއޭއެމުން ވަނީ ރޭޑިއަންޑަށް ވެސް މި ލިޔުން ހިއްސާކޮށްފަ އެވެ.

އޭއެފްސީގެ ލިޔުމުގައި ބުނެފައިވަނީ، ރޭޑިއަންޓަކީ 2019 ވަނަ އަހަރު ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައި އޮތް ނިއު ރޭޑިއަންޓާ ގުޅުން އޮތް ކްލަބެއް ކަމަށެވެ. އެ ގޮތުން ރޭޑިއަންޓާއި ނިއު ރޭޑިއަންޓްގެ ނަމާއި ލޯގޯ، ކްލަބްގެ ކުލަ، ސަޕޯޓަރުން އަދި ކްލަބްގެ ހިންގާ ބޯޑުގައި ވެސް ގުޅުން ބޮޑުކަން އޭއެފްސީ އަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި ހުރިހާ ކަމަކަށް ބަލާފައި އޭއެފްސީން ނިންމާފައިވަނީ ރޭޑިއަންޓަށް ދެން ކުރިއަށް ދެވޭނެ ގޮތަކީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވެގެން ކަމަށެވެ. އެއީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓަށް ކުރިއަށް ދެވޭނެ އުސޫލެވެ. މިއީ ފީފާގެ ގަވާއިދުގައި ކުޅުންތެރިންގެ ޓްރާންސްފާއާ ގުޅޭ ބައިގެ 15 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެކެވެ.

"ހޯދުނު ހޯދުންތަކުގެ އަލީގައި ބަލާއިރު، ނިއު ރޭޑިއަންޓުން މަސައްކަތް ކުރަމުން އެ ދަނީ އެ ކްލަބްގެ ދަރަނިން ސަލާމަތްވުމަށް އާ ކްލަބެއް ގެންނަން. އެ ކްލަބްގެ ނަން ވެސް މި އޮތީ ދާދި އެއްގޮތް ގޮތަކަށް. މި ކަންކަމަށް ބަލާފައި އެފްއޭއެމުން ރޭޑިއަންޓްގެ ރަޖިސްޓްރޭޝަން ކުރިއަށް ގެންދިއުމާއި އެފްއޭއެމްގެ މުބާރާތެއްގައި ރޭޑިއަންޓް ބައިވެރިކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުފެނޭ،" އޭއެފްސީން ފޮނުވި ލިޔުމުގައިވެ އެވެ.

ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އިސްވެ، މިދިޔަ މަހު 10 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" ކްލަބެއްގެ ގޮތުގައި އޭއެފްސީން " "ފްލެގް" ކުރީ މިދިޔަ މަހު އެވެ. އެކަން، ރޭޑިއަންޓްގެ ފައުންޑަ މެމްބަރުންނަށް އެންގި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެކަމަކު، އެ އަށް ބެލުމެއް ނެތި ރޭޑިއަންޓުން އިންތިހާބެއް ބޭއްވިއިރު، އެ ކްލަބްގެ ބޯޑުގައި އުވިދިޔަ ނިއު ރޭޑިއަންޓްގެ ދެ ބޯޑު މެމްބަރުން ހިމެނެ އެވެ. ރޭޑިއަންޓްގެ އިންތިހާބު ކާމިޔާބުކޮށް، ކްލަބްގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ވާސިފް އާއި ހަޒާންދާރު ޒަހީނުއްދީން ސައީދު އަކީ އެންމެ ފަހުން އުވިދިޔަ، ނިއު ރޭޑިއަންޓްގެ ބޯޑުގައި ހިމެނޭ ފަރާތްތެކެވެ. މިއީ އޭއެފްސީން ބެލި މިންގަނޑުގައި ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި ކަނޑައަޅަން ފަސޭހަވި ސަބަބެކެވެ.

ރޭޑިއަންޓް މައްސަލައިގެ ޓައިމްލައިން:

10 މާޗް: ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވުނު، އޭރު އެފްއޭއެމާ ރޭޑިއަންޓްގެ މައުލޫމާތެއް ހިއްސާއެއް ނުކުރޭ. އެކަމަކު، ސޯޝަލް މީޑިއާގައި ރޭޑިއަންޓް ވަރަށް އެކްޓިވް، އެ ކްލަބްގެ މަގުސަދާއި ވުޖޫދަށް ގެނެވޭ ސަބަބު ވެސް ދިޔައީ ހާމަކުރަމުން.

15 މާޗް: އޭއެފްސީން "ފްލެގް" ކުރި. އެއީ ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމުގައި ކްލަބެއް ހެދިފައިވާ ކަމަށާއި އެއީ ނިއު ރޭޑިއަންޓްތޯ ކަށަަަވަރުކުރުމަށް. ފުރަތަަމަ، އޭއެފްސީން ނިންމީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސަކްސެސާއެއްގޮތުގައި އެއް ނޫން. ރޭޑިއަންޓްގެ މައުލޫމާތު ސާފުކުރަން އެދުނު. އެފްއޭއެމުން ނިންމީ އޭއެފްސީގެ އެދުމުގެ މަތިން މައުލޫމާތު ހޯދަން.

16 މާޗް: ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފައުންޑަރު، އަހުމަދު ވާސިފް އެފްއޭއެމާ ބައްދަލުކުރަން އެދުނު. އެ ދުވަހު ވާސިފްއާ ބައްދަލުކުރެވުނުއިރު، އެފްއޭއެމް އިން ހިއްސާކުރި އޭއެފްސީން މި ގޮތަށް "ފްލެގް" ކޮށްފައިވާ ކަމަށް. އެހެންވެ، އެފްއޭއެމުން އެދުނީ އިންތިހާބަކާ ހަމައަށް ދާއިރުގައި މި ހުރި ކަންކަން ހައްލުކުރަން. އޭއެފްސީ އަށް ރޭޑިއަންޓް ފްލެގްވި ގޮތުގެ މައުލޫމާތުތައް ރޭޑިއަންޓްގެ ފައުންޑަރާ ހިއްސާކުރެވުނު. އޭއެފްސީގެ އެކި ޑިޕާޓްމަންޓްތައް މި ފަދަ ކަންކަމަށް ފާރަވެރިވެގެން އެބަ އޮންނަ ކަމަށް އެންގުނު. ނިއު ރޭޑިއަންޓް ކިޔާ ކްލަބެއްގެ މުސާރަ މައްސަލަތަކެއް އޮތުމުން އެ ކަހަލަ ނަމެއްގައި އަންނަ އެހެން ކްލަބެއް ފްލެގް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފްއޭއެމުން ރޭޑިއަންޓްގެ ސަމާލުކަމަށް ގެނައި.

17 މާޗް: ރޭޑިއަންޓްގެ އިންތިހާބު ބޭއްވުނުއިރު، އެފްއޭއެމާއި ރޭޑިއަންޓްގެ ފައުންޑަރުގެ ބައްދަލުވުމުގައި ހިއްސާކުރެވުނު ކަންތައްތަކަށް ސަމާލުކަމެއް ދެވިފައިނުވާ ކަމަށް އެފްއޭއެމުން ގަބޫލުކުރެވޭ.

28 މާޗް: ރޭޑިއަންޓްގެ އިންތިހާބަށް ފަހު، އެފްއޭއެމަށް ރޭޑިއަންޓްގެ ލިޔެކިޔުންތައް ފުރަތަމަ ފަހަރަށް ލިބުނު. ރޭޑިއަންޓުން ހުށަހެޅީ އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރަކަށް ވުމަށް. އެއީ އެފްއޭއެމްގެ މުބާރާތްތަކުގައި ބައިވެރިވުމަށް. އެ ހިސާބުން އެފްއޭއެމުން ރޭޑިއަންޓްގެ މައުލޫމާތު އޭއެފްސީން އެދުނު ގޮތަށް ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ހޯދި. އެ ލިބުނު މައުލޫމާތު އޭއެފްސީ އަށް އެފްއޭއެމުން ހިއްސާކުރި.

5 އޭޕްރީލް: ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ރޭޑިއަންޓުން ޓީމު އެކުލަވާލުމުގެ މަސައްކަތުގައި ކޯޗަކަށް ސޮބާހު މުހައްމަދު ހަމަޖައްސައި، ކުޅުންތެރިންނާ އެކު ކޮންޓްރެކްޓްގައި ސޮއިކުރަން ފެށުނު.

13 އޭޕްރީލް: އޭއެފްސީން ބަލާ މިންގަނޑުތަކުން ގަބޫލުކުރެވެނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ކްލަބް ކަމަށް ކަނޑައެޅި. އެހެންވެ، އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރުކަން ރޭޑިއަންޓަށް ދެވެން ނެތް ކަމަށް ކަނޑައަޅަން ޖެހުނު.

19 އޭޕްރީލް: އޭއެފްސީން މި ކަމުގައި ނިންމި ނިންމުމާއި ރޭޑިއަންޓަށް މިކަމުގައި ދެން އޮތީ ކޮން ފުރުސަތުތަކެއްތޯ ކަނޑައަޅައި މަޝްވަރާކުރަން ބައްދަލުވުމެއް ބޭއްވުނު. އެކަމަކު، ބައްދަލުވުން ދިޔައީ ހީކުރި ގޮތާ ހިލާފަށް ކަމަށް އެފްއޭއެމަށް ގަބޫލުކުރެވޭތީ، ބައްދަލުވުން ޖެހުނީ ކުރުކޮށްލަން. ހުއްދައެއް ނެތި ބައްދަލުވުމުގެ ކަންކަން ކުއްލިއަކަށް ފޭސްބުކް ލައިވް ކުރުމަށް ވެސް ރޭޑިއަންޓުން މަސައްކަތް ކޮށްފައިވާ ކަަމަށް އެފްއޭއެމުން ބުނި.

20 އޭޕްރީލް: ރޭޑިއަންޓް މައްސަލައިގައި ކަންތައްތައް ހިނގާދިޔަ ގޮތް ކިޔައިދޭން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް، ލީގަލް ހެޑް، މުހައްމަދު ޖައުޝަން ޝަރީފް އާއި އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ކްލަބް ލައިސަންސިން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި، އަހުމަދު ޝިބާއު (ޝިބާ) ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި.

21 އޭޕްރީލް: އޭއެފްސީން ފޮނުވި ލިޔުން ނުލިބޭތީ ރޭޑިއަންޓުން ކަންބޮޑުވުން ފާޅުކުރި.

22: އޭޕްރީލް: ރޭޑިއަންޓުގެ މައްސަލައިގައި އޭއެފްސީން އެފްއޭއެމަށް ލިޔުން ފޮނުވި، އެފްއޭއެމުން ރޭޑިއަންޓަށް ލިޔުން ހިއްސާކުރި. ލިޔުމުގައި އޭއެފްސީން އަންގާފައިވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ގޮތުގައި. ރޭޑިއަންޓަށް ކުރިއަށް ދެވޭނީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވެގެންކަން އަންގާފައިވޭ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox