މެންޗެސްޓާ (އޭޕްރީލް 22) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޮގްބާގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަބަބުން ހަތަރު ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ދެން އޭނާ އަށް މި ސީޒަނުގައި ކުޅެވޭނެ ކަމަށް ނުބެލެވޭ ކަމަށް ޔުނައިޓެޑުން ކޯޗު ރާލްފް ރަންގްނިކް ބުނެފި އެވެ.
ޕޮގްބާ، 29، ކުޑަކަޅުވާ އަށް އަނިޔާވީ އަންގާރަ ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގަ އެވެ. އެ މެޗުގެ 10 ވަނަ މިނިޓްގައި އަނިޔާވެގެން ޕޮގްބާ ވަނީ ބަދަލުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރަންގްނިކް ބުނީ ޕޮގްބާ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ހަތަރު ހަފްތާ ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އަދި އަންނަ މަހު 22 އަކީ މި ސީޒަނުގައި ޔުނައިޓެޑުން ކުޅޭ ފަހު މެޗު އޮންނަ ދުވަސް ކަމަށްވާއިރު، މި ސީޒަނުގައި ދެން ޔުނައިޓެޑްގެ މެޗަކުން ޕޮގްބާ ނުފެންނާނެ ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑުން ޕޮގްބާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ޔުނައިޓެޑާ އެކު ޕޮގްބާ އާ ކޮންރެކްޓެއް ނުހަދާނެކަން ޔަގީންވެފައިވާއިރު، މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ޕޮގްބާ ދެން ޔުނައިޓެޑް މެޗަކުން ނުފެންނާނެ ކަމަށެވެ. ލިވަޕޫލް މެޗުގެ އެ 10 މިނިޓަކީ ޕޮގްބާ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފަހު ވަގުތު ކޮޅު ކަމަށެވެ.
ޔުނައިޓެޑް މެޗަކުން އަދިވެސް ޕޮގްބާ ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ސީދާ ޖަވާބެއް ދޭން ރަންގްނިކް ބޭނުމެއްނުވި އެވެ.
ޔުނައިޓެޑް ދަނޑުގައި އެންމެ ފަހުން އެ ޓީމުން ލީގު ފުލުގައި އޮތް ނޮރިޗް ސިޓީ އަތުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޕޮގްބާއާ ދިމާކޮށްލައިފަ އެވެ. އެ މެޗަށް ފަހު ރަންގްނިކް ވަނީ ކުޅުންތެރިއަކާ އެ ގޮތަށް އަމިއްލަ ދަނޑުގައި ދިމާކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ، ޕޮގްބާ ދިފާއުކޮށްފަ އެެވެ.
ޔޫތު ކެރިއަރު ޔުނައިޓެޑްގައި ހޭދަކުރި ޕޮގްބާ އެ ކްލަބާ ދެ ވަނަ ފަހަރަށް ގުޅުނީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑު ފީއެއްކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، ޕޮގްބާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ އިނގިރޭސި މީޑިއާގެ ފާޑުކިޔުން އަންނަނީ ކޮންމެ ސީޒަނަކު ޕޮގްބާ އަށް އަމާޒުވަމުންނެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑާ އެކު 2017 ވަނަ އަހަރުގެ ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި ޕީއެސްޖީގެ އިތުރުން ރެއާލް މެޑްރިޑުން މަސައްކަތްކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން މާދަމާ އާސެނަލާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގައި ޕޮގްބާ ނުފެންނާކަން ވަނީ ޔަގީންވެފަ އެވެ. އެކަމަކު، އާއިލާ އަށް ވަގުތު ދޭން މަޑުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އާސެނަލް މެޗަށް ޔުނައިޓެޑްގެ ޓްރެއިނިންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އާސެނަލާ ދެކޮޅަށް ރޮނާލްޑޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރަންްގްނިކް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑުން އިއްޔެ ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އެ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަމަޖައްސަައިފަ އެވެ. ޓެން ހާގް، ރަސްމީކޮށް ޔުނައިޓެޑާ ހަވާލުވާނީ މި ސީޒަން ނިމުމުންނެވެ.












