މެންޗެސްޓާ (އޭޕްރީލް 21) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން އަދި އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ ދިރިއުޅޭ ގެޔަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާތީ މެންޗެސްޓާ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި އީމެއިލެއް މެދުވެރިކޮށް މެގުއާ ދިރިއުޅޭ ގެ އަށް ބޮމުގެ ހަމަލާދޭން އުޅޭ ކަމުގެ އިންޒާރު ލިބުމާ އެކު، މެގުއާ ވަނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މެންޗެސްޓާ ސަރަހައްދުގެ ޗެޝަޔާ ފުލުހުންގެ ޓީމެއް އަންނަނީ މެގުއާ ދިރިއުޅޭ ގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ކަމަށް ޔުނައިޓެޑުން ވަނީ އިނގިރޭސި މީޑިއާ އަށް މައުލޫމާތު ލިބިފަ އެވެ.
ހަމަލާގެ އިންޒާރު ލިބުމާ އެކު، މެގުއާ، 29، އާއި އޭނާގެ އަންހެނުން އަދި ދަރިން ތިބީ "ޝޮކެއްގައި" ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ.
މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ޔުނައިޓެޑުން މެގުއާ ގެނައީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގަ އެެވެ. އެއީ ލެސްޓާ ސިޓީ އަށް 80 މިލިއަން ޕައުންޑް (108 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
މެގުއާގެ ކިބައިން އެ އަގުގެ ޑިފެންޑަރުންގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނުފެންނަ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނަގަން ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އަދި ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން އަންނަނީ ފޯމު ރަނގަޅުވަންދެން މެގުއާ ޓީމުގެ ފުރަތަމަ އެގާރައިގައި ނުހިމަނަން ގޮވާލަމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެގުއާ ބުނީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ދޭން ކޯޗުން ނިންމާތީ، އެ ކަމުން ދޭހަވަނީ އޭނާގެ ކުޅުން އެހާ ގޯސްވުމެއް ނޫން ކަމަށެވެ.
މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރު ޔުނައިޓެޑްގެ ސަޕޯޓަރުންވަނީ އެ ކްލަބްގެ ވައިސް ޗެއާމަން، އެޑް ވުޑްވާޑް ދިރިއުޅޭ ގެޔަށް އަލިފާން ބޯޅަ އުކައިފަ އެވެ. އެއީ ޔުނައިޓެޑްގެ ވެރިން ގްލޭޒާ އާއިލާއާ ދެކޮޅަށް ބާއްވަމުން އަންނަ ޝުއޫރުފާޅުކުރުމުގެ އެއްވުންތައް ހޫނުވެގެން ހިނގި ކަމެކެވެ.












