ދިވެހިރާއްޖޭގައި އަންނަ މަހު މަހު ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ހޯދަން ބޭނުންވަނީ ދިވެހި ސަޕޯޓަރުންގެ އެހީ ކަމަށް ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ހޯލުގައި ސައުތު އޭޝިއާގެ ޖޫނިއާ މުބާރާތް ކުރިއަށްދާނީ އަންނަ މަހު 9-11 އަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން ބައިވެރިވެ އެވެ.
ސައުތު އޭޝިއާ މުބާރާތުގެ ލޯގޯ ލޯންޗްކުރުމުގެ ގޮތުން ރޭ ހުޅުމާލޭ ޓީޓީ ހޯލުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަަވަމުން އައްޔަ ވިދާޅުވީ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގައި ބާއްވާ އެންމެ މުހިންމު އެއް މުބާރާތް ކަމަށެވެ. ސަބަބަކީ މި މުބާރާތުން ފެންނަނީ ގައުމުތަކުގެ މުސްތަގުބަލު ކަމަށް އައްޔަ ވިދާޅުވި އެވެ.
"މި މުބާރާތުގައި ކުޅޭ ހަގު އުމުރުފުރާގެ ޅަ ކުޅުންތެރިންނަކީ ކުރި މަގުގައި މި ސަރަހައްދުގައި ގައުމުތަކުގެ ގައުމީ ޓީމު ތަމްސީލްކުރާނެ ކުޅުންތެރިން،" އައްޔަ ވިދާޅުވި އެވެ. "އުންމީދަކީ ދިވެހި ސަޕޯޓަރުންގެ އެހީގައި މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް،"
އައްޔަ ވިދާޅުވީ ރާއްޖޭން މި މުބާރާތުގައި ކާމިޔާބު ހޯދަން ބަލާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކުޅުންތެރިން ކަމަށްވާ، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް މި މުބާރާތުގައި ކުޅުން ކަމަށެވެ. އަދި އުންމީދަކީ އަމިއްލަ ގައުމުގައި އެ ކުޅުންތެރިންނަށް ހައްގުވާ ސަޕޯޓް ލިބުން ކަމަށް އައްޔަ ވިދާޅުވި އެވެ.
"މި މުބާރާތަކީ ފަހަކަށް އައިސް ދިވެހި ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދަމުން އަންނަ މުބާރާތެއް. އެންމެ ފަހުން މި މުބާރާތް ބޭއްވުނުއިރު ވެސް ރާއްޖޭގެ ކުޅުންތެރިން މޮޅަށް ކުޅުނު. ޝައްކެއް ވެސް ނެތް ގޮތުގައި މި ފަހަރު ވެސް އެކަން ތަކުރާރު ކުރެވޭނެ،" ދެ ވަނަ ދައުރަކަށް ޓީޓީގެ ރައީސްކަން ކުރައްވަމުން އަންނަ އައްޔަ ވިދާޅުވި އެވެ.
ރޭގެ އިވެންޓް ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުތު އޭޝިއާގެ ޓީޓީ މުބާރާތުގެ ލޯގޯ ލޯންޗްކުރުމަށް ރޭ ބޭއްވި އިވެންޓްގެ ތެރެއިން .-- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ޝަރަފްވެރި ވަނަތަކެއް ހޯދާފައިވާ ކުޅިވަރެއް ކަމަށްވާ ޓީޓީން މި ފަދަ ކަމެއް ބާއްވާއިރު، މީގައި ބައިވެރިވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރާއްޖެ އަށް ޓީޓީން ހޯދައިދީފައިވާ ރީތި ނަންތަކުގެ ފަހަތުގައި ޒުވާން ކުދިންގެ ބެލެނިވެރިންނާއި ކޯޗުން އަދާކުރި ދައުރު ފައިސަލް ވަނީ ފާހަގަކުރައްވައިފަ އެވެ.
ކުޅިވަރަކީ ގައުމެއް ބިނާކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، ފައިސަލް ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް އިސްކަންދެއްވާ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ކުޅިވަރު އިތުރަށް ފުޅާކޮށް، ހާއްސަކޮށް ޒުވާން ކުދިން ކުޅިވަރުގެ މައިދާނަށް އެކިއެކި ކުޅިވަރުތަކުން ނެރުމަށްޓަކައި، ކުޅިވަރުގެ އެކިއެކި ކަންކަން ދުވަހަކު ވެސް ރާއްޖޭގައި ތަރައްގީ ނުކުރެވޭ މިންވަރަށް ކުރަމުން އަންނަކަން ފައިސަލް ފާހަގަކުރެއްވި އެވެ.
"ކުޅިވަރަކާ ނުލައި، އެއްބައިވަންތަކަމެއް ނޯންނާނެ. ފަހަރެއްގައި ތި ކުދިން ޒުވާން ކުދިންނަށް ވީމަ، ހަނދާނެއް ނުހުންނާނެ. ފެނިފައި ނުހުންނާނެ، 1980 އަހަރުތަކުގެ ތެރޭގައި އުފެދިގެން އައި ފޯރި. ކުޅިވަރުގެ ފޯރިން އެކަކު އަނެކަކާ ގުޅުވައިދީ ދަނޑުތަކުގައި އެ އޮތް ގުޅުން ވެގެންދިޔައީ ދިވެހި ރާއްޖޭގެ އާއިލާ އަކަށް ވި ކަމަކަށް،" ފައިސަލް ވިދާޅުވި އެވެ.
މިއަދުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވައިފަ އެެވެ. އެއީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕްގައި ވެސް ދިވެހި ކުޅުންތެރިން ސާބިތުކޮށްދިނީ ރާއްޖެ އަށް ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ކަންކަން ހާސިލްކުރެވޭނެކަން ކަމުގައި ފައިސަލް ފާހަގަކުރެއްވި އެވެ.
"އެންމެ ފަހުން އައިއޯއައިޖީގައި ވެސް ސާފް ޗެމްޕިއަންޝިޕްގައި ވެސް. ޕްރޫވްކޮށްދިނީ ދިވެހި ރާއްޖެ އަށް ވެސް މިކަން ކުރެވޭނެއޭ. ދިވެހިރާއްޖޭގެ ޒުވާން އެތުލީޓުންނަށް، ދިވެހިރާއްޖޭގެ ކުޅުންތެރިންނަށް ދުނިޔޭގެ ގައުމުތަކުގައި އަޅުގަނޑުމެންނާ ވާދަކުރަން ތިބި ކުޅުންތެރިންނާ ޗެލެންޖްކޮށްފައި. ކުޑަކުޑަ ދިވެހިރާއްޖެ އަށް ވަރަށް ބޮޑެތި ރީތި ނަންތައް ހޯދިދާނެއޭ. އަޅުގަނޑު މި މުބާރާތުގައި ވާދަކުރާ ކުދިންނަށް ވެސް އެކަން ކުރަން ހިތްވަރުދެން،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ ދެކެމުން އަންނަ ހުވަފެނަކީ ރާއްޖެ އަށް ސައުތު އޭޝިއާ މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބުން ކަމަށާއި އިންޑިއާ ފަދަ ގައުމުތަކުގެ އެންމެ ވަރުގަދަ ޓީމު އައި ކަމުގައި ވިޔަސް ރާއްޖެ އަށް ކާމިޔާބު ހޯދޭނެ ކަމަށެވެ.
ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ސައުތު އޭޝިއާ މުބާރާތުގެ ކުރިން ރާއްޖޭގެ ޓީޓީ ކުޅުންތެރިންނަށް ރަނގަޅު މެޗުތަކެއް އިންތިޒާމްކުރުމުގެ ކަންކަން ރޭވިފައިވާ ކަމަށެވެ.
ގައުމީ ޓީޓީ ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ވަނީ މި އަހަރު ކުރީކޮޅު ގައުމީ ޓީމުގެ މަސައްކަތާ އަލުން ހަވާލުވެފަ އެވެ. ސައުތު އޭޝިއާ މުބާރާތަށް ތައްޔާރުވާން ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.













