ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކުރަން މަގުފަހިކޮށްދިން ކަމަށް އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކުރޫގެ މައްޗަށް ކުރާ ތުހުމަތުގައި, ދައުލަތުން ހުށަހެޅި ނޯޓެއްގައި އެކައުންޓް ނަންބަރު ދިމާނުވިއަސް ލޯންޑަ ކުރި ފައިސާ އާއި އެ ފައިސާ ޖަމާކުރި އެކައުންޓް އެނގޭނެ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.
އާޒިމާއަށް ކުރާ ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް އޭނާ ވިދާޅުވެ އެވެ. ނަމަވެސް އޭނާގެ ފަރާތުން ހުށަހެޅި އެ ނުކުތާއަށް ކްރިމިނަލް ކޯޓުން ނިންމީ މަދަނީ މިންގަނޑުން އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަަމަށެވެ. އެހެންވެ، އާޒިމާ ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، އާޒިމާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް މައިގަނޑު ގޮތެއްގައި އޭނާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތު ފާހަގަ ކުރެއްވީ އާޒިމާއަށް ކުރާ ދައުވާގައި ހިމެނޭ އަމަލު ކަމުގައިވާ ޔާމީނަށް މަނީ ލޯންޑަ ކުރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ.
ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރައްވާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީއާއި އެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރައްވަ އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ މަނީ ލޯންޑަ ކުރުމަށް ޔާމީނަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އެއީ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ.

އާޒިމާގެ ވަކީލު ނިހާޔަތު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުގެ މައި މީހަކީ ޔާމީން ކަމުގައިވާއިރު ޔާމީން ކުށް ކުރި ކަން ސާބިތު ނުވާ ކަން އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމާފައި އޮއްވައި، އެ ކުށަކަށް މަގުފަހިކޮށްދިން ކަމުގެ ދައުވާއެއް އާޒިމާއަށް އުފުލޭނެ ގާނޫނީ އަދި ޝަރުއީ އަސާސެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ، އޭސީސީއަށް ލަފައެއް ދިން ކަމަށް ދައުވާގައި ބުނާއިރު، އެއީ އާޒިމާ ލަފާ ދޭން ޖެހޭ މުއައްސަސާއެއް ނޫން ކަމަށެވެ. އަދި އޭސީސީއަށް ފޮނުވި ލިޔުމުގައި ދައުލަތުން ބުނާ އެކައުންޓަކުން ފައިސާ ނަގައި ފައިސާ ޖަމާ ކުރަން ނެތް ކަމަށެވެ. އެއީ އޭސީސީއަށް އަންގަން ޖެހޭ ކަމެއް އެންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް އާޒިމާގެ ފަރާތުން އޭނާއަށް ކުރާ ދައުވާގެ ދިފާއުގައި ތަކުރާރުކޮށް ބުނާތީ ދައުލަތުން ވަނީ އެ ވާހަކަތަކަށް ވެސް ރައްދުދީފަ އެވެ. އާޒިމާ ފޮނުވި ނޯޓެއްގައި އެހެން އެކައުންޓް ނަންބަރެއް އޮތީ ކުށަކަށް ވެސް ވެދާނެ ކަމާއި ނޫނީ ގަސްތުގައި ލިޔުނު ކުށަކަށް ވެސް ވެދާނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހެއްކަކަށް ހުށަހެޅީ ހަމައެކަނި އެ ނޯޓެއް ނޫން، [އޭސީސީއާ އެކު] ހަދާފައިވާ އެކްސްކްރޯ އެއްބަސްވުން ވެސް ހެއްކަކަށް ހުށަހަޅާފައި އޮންނާނެ، އިތުރު ލިޔެކިއުންތައް ވެސް ހުންނާނެ، މި ހުރިހާ ލިޔެކިއުމަކަށް ބެލުމުން ޖަމާވީ ކޮން ފައިސާއެއް ކަމާއި ކޮން އެކައުންޓެއް ކަން އެނގެން އޮންނާނެ،" ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވި އެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފަރުހީޒާ ވިދާޅުވީ މި މައްސަލާގައި ބާއްވަން ޖެހޭ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ހުކުމުގެ ކުރިއަށް ދެން އަޑުއެހުމެއް ބާއްވާނަމަ ބާއްވަނީ ކަމެއް ސާފުކުރަން އޮތް ނަމަ ކަމަށް ވިދާޅުވި އެވެ.












