ބާސެލޯނާ (އޭޕްރީލް 14) - ބާސެލޯނާގެ ސަޕޯޓަރުންނަށްޓަަކައި މި ސީޒަނުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން އެ އެ ޓީމަށް ހޯދައިދޭން ބޭނުންވާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، ބާސެލޯނާ މި ވަނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގައި ކުޅެން ޖެހިފަ އެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ ކުޅުނީ ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގުގަ) އެވެ. އެއީ 2003/2004 ވަނަ ސީޒަނުގަ އެވެ.
ގަތަރުގެ އަލް ސާދު ދޫކޮށް، މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާއާ ޒަވީ ހަވާލުވިއިރު، އެ ވަގުތު އެ ޓީމުގެ ފޯމު އޮތްގޮތުން އޭނާ އަށް ވެސް ނަތީޖާތަށް ރަނގަަޅުކުރަން ވަގުތު ބޭނުންވި އެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ގެނައި ކުޅުންތެރިންނާ އެކު އެ ޓީމުގެ ނަތީޖާތަށް މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ނަޕޯލީއާ ކުޅުނު މެޗެއްގެ ކުރިން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެމުން ޒަވީ ބުނީ ބާސެލޯނާ އަކީ ޔޫރޮޕާ ލީގުގެ "ފޭވަރިޓެއް ނޫން" ކަމަށެވެ. އެކަމަކު، ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒަވީ ބުނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަކީ މިހާރު އެ ޓީމުގެ ޓާގެޓް ކަމަށެވެ.
"ސީޒަން ފެށިއިރު، އަހަރެމެން އޮތީ ޗެމްޕިއަންސް ލީގުގައި، އެކަމަކު، މި ވަގުތު މި ވާދަކުރަނީ ޔޫރޮޕާ ލީގުގައި. ބޭނުންވަނީ ޔޫރޮޕާ ލީގު ކާމިޔާބުކުރަން. މިއީ ވެސް ޔޫރަޕްގެ މުބާރާތެއް. އަހަރެމެންނަށް ޔޫރޮޕާ ލީގު މީގެ ކުރިން ލިބިފައިނުވޭ. އެހެންވެ، މި ވަގުތަށް ސަޕޯޓަރުންނަށްޓަކައި އެބަޖެހޭ މި މުބާރާތް ކާމިޔާބު ކުރަން،" ޒަވީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އޮތީ ސްޕެއިންގެ ދެ ކްލަބާއި އިންގްލެންޑްގެ ދެ ކްލަބް (މެންޗެސްޓާ ސިޓީ، ލިވަޕޫލް، ރެއާލް މެޑްރިޑް އަދި ވިޔަރެއާލް) އެވެ. ޒަވީ ބުނީ އެ ކަމުން ސާފުވާ މަންޒަރަކީ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގު މިއޮތީ ހަމަހަމަ ލެވަލެއްގައި ކަމަށެވެ. އަދި އަންނަ ސީޒަނުގައި ބާސެލޯނާ އިން ރަނގަޅު ލެވަލެއްގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބޭނުންވާ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.
ފާއިތުވި ހަފްތާގައި މީޑިއާގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަންނަ ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. އެ ކަމާ ބެހޭގޮތުން ޒަވީއާ ސުވާލުކުރުމުން ބުނީ މިއީ އެހެން ކްލަބެއްގައި ހުރި ކުޅުންތެރިއެއްގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
މިިދިޔަ ހަފްތާގައި ފްރޭންކްފާޓް ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭ ބާސެލޯނާ ދަނޑުގައި ފްރޭންކްފާޓާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީން ޖާގަ ކަށަަވަރުވާނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.












