ބާސެލޯނާ (އޭޕްރީލް 11) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހުނަރުވެރި ތަރި ރޮބަޓް ލެވަންޑޯސްކީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީ، 33، ވަނީ ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރާނެކަން އެ ކްލަބަށް އަންގައިފަ އެވެ. ބަޔާނާ އެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ޕޮލެންޑްގެ މީޑިއާއެއް ކަމަށްވާ ޓީވީ ސްޕޯޓް އިން ރިޕޯޓްކުރާގޮތުގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ސީއީއޯ އޮލިވާ ހާން އަށް މި ސީޒަނަށް ފަހު ކްލަބް ބަދަލުވާން ބޭނުންވާކަން އަންގައިފަ އެވެ. އަދި ލެވަންޑޯސްކީ ދެން ކުޅެން ބޭނުންވާ ކްލަބަކީ ބާސެލޯނާ ކަމަށް ޓީވީ ސްޕޯޓް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިދިޔަ ދެ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ، ފީފާ ބެސްޓް އެވޯޑް ހާސިލްކުރި ލެވަންޑޯސްކީ، ބާސެލޯނާ އަށް ގެންދަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަށް ބޭނުންވެ އެވެ. އަދި ލެވަންޑޯސްކީ ގެންނަން ކުރާ މަސައްކަތުގައި ބާސެލޯނާ އިން އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
މި ސީޒަނުގައި މިހާތަނަށް 40 މެޗުން 46 ގޯލު ޖަހާފައިވާ ލެވަންޑޯސްކީގެ މުސްތަގުބަލާ ބެހޭގޮތުން ފާއިތުވި ދުވަސްތަކުގައި ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް އަންނަނީ ގިނަ ސުވާލުތަކެއް އަމާޒުވަމުންނެވެ. އެކަަމަކު، އެ ސުވާލުތަކަށް ދޭ ޖަވާބުގައި ލެވަންޑޯސްކީ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނާގަލްސްމަން އަށް ނުދެވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީ ބަޔާން ދޫކޮށްލައިފިނަމަ އެ ޓީމުން ގެންނަން މަސައްކަތްކުރާނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ.
ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. މިދިޔަ އަހަރުތަކުގައި ބަޔާނުން ޖެހިޖެހިގެން ޖަރުމަނު ލީގު ދިފާއުކުރުމުގައި ލެވަންޑޯސްކީގެ ގޯލުތައް މުހިންމު ރޯލެއް ކުޅުނެވެ. ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 369 މެޗުން 340 ގޯލު ޖަހައިފަ އެވެ.












