އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާދަމާރޭ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗަށް ރާއްޖޭގެ ކްލަބް ވެލެންސިއާ ނުދިއުމުން އެކަމާ މެދު ހިތާމަކުރާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބަންގްލަދޭޝްގެ ސިލްހެޓު ސިޓީގައި މާދަމާރޭ ކުޅެން އޮތް މެޗަށް ވެލެންސިއާ އަށް ނުދެވުނީ މާލީ ހާލަތުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ. ވެލެންސިއާ އިން ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝަށް ފުރަން މަސައްކަތް ކުރިއިރު، އެ ރޭ އެ ކަމެއް ނުވި އެވެ. ދެން މަސައްކަތް ކުރީ އިއްޔެ، ފުރާށެވެ. އެކަމަކު، އިއްޔެ މެންދުރު ޓިކެޓް ލިބުނު ނަމަވެސް އެކޮމަޑޭޝަންގެ ކަންކަމަށް ބޭނުންވާ ފައިސާ އާއި މާލީގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އެހެނިހެން ކަންކަން ފުރިހަމަނުވާތީ ވެެލެންސިއާ ޓީމުން ނިންމީ ބަންގްލަދޭޝަށް ދަތުރުކުރެވެން ނެތް ކަމަށެވެ.
އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމުގެ ގިނަ ހަރަދުތައް ހަމަޖައްސަނީ އެފްއޭއެމާއި ޔޫތު މިނިސްޓްރީ އަދި އެ ކްލަބަކުންނެވެ. އެއީ އޭއެފްސީ ކަޕްގައި ކުޅޭ ކްލަބްތަކުން އޭގެ ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން (އެއާ ޓިކެޓް އާއި ހޮޓެލް ބުކިން ފަދަ އިންތިޒާމް) ފުރިހަމަކުރުމަށް ފަހު މިނިސްޓްރީ އާއި އެފްއޭއެމަށް ހުށަހެޅުމުންނެވެ. މިއީ ތިން ފަރާތް ގުޅިގެން ހަމަޖައްސަން ޖެހޭ ކަންކަމެވެ.
ވެލެންސިއާ އަށް އޭއެފްސީ ކަޕް މެޗަށް ނުފުރުމުގައި ޔޫތު މިނިސްޓްރީން ވެސް ޒިންމާވާން ޖެހޭ ސަބަބެއް އޮތް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް ޔޫތު މިނިސްޓްރީން މިއަދު ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ވެލެންސިއާ އިން އޭއެފްސީ ކަޕް މެޗަށް ބަންގްލަދޭޝަށް ނުފުރުމާ ގުޅިގެން މީޑިއާގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ދީފައިވާތީ ކަންބޮޑުވާ ކަމަށެވެ.
މިއަދު ހަވީރު ނެރުނު ބަޔާނުގައި މިނިސްޓްރީން ބުނެފައިވާގޮތުން އޭއެފްސީ ކަޕްގައި މާދަމާރޭ ވެލެންސިއާ އިން ކުޅެން ޖެހޭ މެޗަށް ދާން ޓިކެޓާއި ބަންގްލަދޭޝްގައި ތިބެން ބޭނުންވާ އެކޮމަޑޭޝަން ފައިސާ އަށް އެދި ވެލެންސިއާ އިން މިނިސްޓްރީގައި އެދުނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
ވެލެންސިއާ އިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ވަންނަން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން މިނިސްޓްރީން މާލީ އެހީތެރިކަން ދޭން ނިންމި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ވެލެންސިއާގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓް ފައިސާ 28،809 ޑޮލަރު (444،234.78 ރުފިޔާ) އާއި އެކޮމަޑޭޝަން 4736.36 ޑޮލަރު (73،034.67 ރުފިޔާ) އަކީ ޖުމްލަ އެއްކޮށް ބަލާނަމަ 33،540.36 ޑޮލަރު (517،192.35 ރުފިޔާ) އެވެ.

ފުޓްސަލް ގައުމީ ޓީމު ކިރްގިސްތާނަށް ފުރިތަނަށް ގޮސް ގައުމީ ފުޓްސަލް ޓީމާ ބައްދަލުކުރުމުގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޔޫތު މިނިސްޓްރީން ބުނީ އެ ފައިސާ މި މަހު ހަތް ވަނަ ދުވަހު ވެލެންސިއާ އަށް ޖަމާކޮށްދޭން ބެލިއިރު، ކްލަބް ހިންގަން މި ވަގުތު ބޭނުންކުރަމުން އަންނަ އެކައުންޓެއް ނެތް ކަމަށް މިނިސްޓްރީ އަށް މައުލޫމާތު ދިން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ ވެލެންސިއާގެ ހިންގާ ކޮމިޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުމެއްގެ ތެރެއިން ކްލަބްގެ އެކައުންޓް މެދުވެރިކޮށް މި ވަގުތު ޓީމުގެ ހަރަދުތަކުގެ މުއާމަލާތު ނުކުރާތީ އެވެ. އެހެންކަމުން މިނިސްޓްރީން ދެން ބެލީ އެ ފައިސާ އެފްއޭއެމް އެކައުންޓަށް ޖަމާކުރުމަށެވެ.
"ނަމަވެސް އޭޕްރީލް 8 އާއި 9 އަކީ ހަފްތާ ބަންދު ދުވަހަށް ވުމާ އެކު ކްލަބް ވެލެންސިއާ އިން 9 އޭޕްރީލް 2022 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓް މިނިސްޓްރީން ނަގައިދިނުމަށް ސިޓީ ފޮނުވުމާ ގުޅިގެން ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައިވެ އެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަކު ވެލެންސިއާ އަށް ޓިކެޓް ލިބުނީ އިއްޔެ މެންދުރު ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާ އިން ދަތުރުނުކުރީ އެކޮމަޑޭޝަން 4736.36 ޑޮލަރު (73،034.67 ރުފިޔާ) ހަމަނުޖެހިގެން ކަމަށެވެ. މި ފައިސާ މިނިސްޓްރީން ހަމަޖައްސައިދޭން ނިންމާފައިވީ ނަމަވެސް ދައުލަތުގެ ހަރަދުކުރުމުގެ ނިޒާމުގެ ތެރެއިން ވަގުތުން ފައިސާ ނަގައިދިނުމަކީ ވަގުތުން ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެ އެވެ.
"އާންމު އުސޫލެއްގެ ދަށުން ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ފައިސާ ޖަމާވަމުންދާނީ ޕޯސްޓް ކުރާތާ 14 ދުވަސް ފަހުން ކަމަށް ވުމާ އެކު މި ގޮތަށް މުބާރާތްތަކަށް ހިނގާ ހަރަދުތަކަށް ރީއިމްބާސް ކުރާގޮތަށް ޒިންމާވަމުންދާނީ ކްލަބްތަކުންނެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުތަކުގައި ބައެއް ޓީމުތަކުން އޭއެފްސީ ކަޕްގައި ކުޅޭ ހަރަދުތައް ފުރަތަމަ އަމިއްލަ އަށް ހަމަޖައްސަ އެވެ. އެއީ އެނބުރި އައުމުން މިނިސްޓްރީން ރީއިމްބާސް ކޮށްދޭ އުސޫލުގެ ދަށުން އެކަން އޮންނާތީ އެވެ.
މާކުރިން ޝެޑިއުލްކުރެވިފައި އޮތް މުބާރާތަކަށް ކުޑަތަންވެ، ވެލެންސިއާ އިން ފުރަންޖެހުނުއިރު، ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ވިސާ ކަންތައްތައް ހަމަނުޖެހި ހުރުމަކީ ހިތާމަކުރާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ކްލަބްތަކަކީ ގާނޫނީ ގޮތުން ބާރު ލިބޭ މިނިވަން ބަޔަކަށްވީހިނދު އެ ފަދަ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނީ ކްލަބަކުން އަމިއްލަ އަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ކްލަބްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަކީ މި މިނިސްޓްރީގެ މެންޑޭޓެއް އަދި މަސައްކަތެއް ވެސް ނޫނެވެ." ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ވެލެންސިއާ އަށް މިނިސްޓްރީގެ ހަރަދުގައި ބަންގްލަދޭޝަށް ދިއުމަށް ނަގައިދިން ޓިކެޓަކީ ނޮން ރިފަންޑަބަލް ޓިކެޓް ކަމަށްވާތީ، ކުރިއަށް އޮތްތަނުގައި ޔޫތު މިނިސްޓްރީން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދޫކުރާ ފައިސާގެ ތެެރެއިން ވެލެންސިއާ އަށް ދޭންޖެހޭ ފައިސާ ދޭނީ ޓިކެޓަށްވާ ފައިސާ "އުނިކޮށްފައި" ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ ތަމްސީލްކުރަން ލިބޭ މި ފަދަ ފުރުސަތުތައް ގެއްލުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށްވާތީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މި މިނިސްޓްރީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.،" މިނިސްޓްރީން މިއަދު ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދި ޑެއިލީ ސްޓާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު ވެލެންސިއާ އިން ބަންގްލަދޭޝަށް ދާން މަސައްކަތްކުރި އެވެ. އެކަމަކު، ވެލެންސިއާ އިން މެޗަށް ނުދެ އެވެ. ވެލެންސިއާ އިން މުބާރާތުގައި ކުރިއަށްނުދާން ނިންމި ނިންމުމާ މެދު އޭއެފްސީން ގޮތެއް ނިންމާނެ އެވެ.
އެފްއޭއެމުން މިއަދު ވަނީ ވެލެންސިއާ އޭއެފްސީ ކަޕްގައި ކުރިއަށްނުދާނެކަން އޭއެފްސީ އަށް އަންގައިފަ އެވެ. އެހެންކަމުން އަބަހާނީ އަށް މެޗު ލިބުނީ އެވެ. މިއާ އެކު ޕްލޭއޮފްގައި އަބަހާނީން ކުޅެން ޖެހޭނީ ޕްރިލިމިނަރީ ދެ ވަނަ ބުރުގެ އަނެއް މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ސްރީ ލަންކާގެ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ ކޮލިފައިން ޕްލޭއޮފް ކާމިޔާބުުކުރާ ޓީމެކެވެ. އަންނަ މަހު 18-24 އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ.












