ޓެރަރިޒަމްގެ ތުހުމަތެއްގައި ރާއްޖޭގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މަރުވި ޔަމަންގެ ޔާސިރު ޔަހްޔާ ސޯލިހް އާއި އައިސިސްގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންއާ ގުޅުމެއް އޮތް ކަމަށް ދައުލަތުން ޝަރީއަތަށް ހުށަހެޅި ހެކިވެރިއަކު ބުނީ އިއްޔެ އެވެ.
ޓެރަރިޒަމް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް އުފުލައިގެން ކުރިއަށްދާ ޝަރީއަތުގެ އިއްޔެގެ އަޑުއެހުމަށް ހާޒިރު ކުރި ސިއްރު ހެކިވެރިއަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތެކެވެ.
އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ، އަމީންގެ އަމަލުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ކައިރިން ބަލާފައި ވާނެ ކަމަށެވެ. އަމީން އާއި ދީނީ ހަރުކަށި ފިކުރުގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ސޯޝަލް މީޑިއާ އެނައިލައިޒް ކުރުމަށް ފަހު އަމީންގެ ލިންކް ހުރި ފަރާތްތައް އޭނާ އިއްޔެގެ އަޑުއެހުމުގައި ހާމަ ކުރި އެވެ.
އެގޮތުން ޓެރަރިސްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޔާސިރު ޔަހްޔާ އާއި އަމީންއާ ގާތް ގުޅުމެއް އޮތް ކަން ސޯޝަލް މީޑިއާ އެނަލައިޒް ކޮށްގެން އެނގުނު ކަމަށް ހެކިވެރިޔާ އިއްޔެ ބުންޏެވެ.
މާޗު 3، 2017 ގައި ޔާސިރު ޔަހްޔާ ރާއްޖޭން ހައްޔަރު ކުރީ ވެސް ބޭރުގެ މީޑިއާތަކުން އެ މައުލޫމާތު ފަތުރައިގެންނެވެ. އެ ފަހުން ޖަލުގައި އޮއްވައި އޭނާ މަރުވީ އޮގަސްޓް 2، 2020 ގަ އެވެ.

ސިއްރު ހެކިވެރިޔާ އިއްޔެ ކިޔައިދިން ގޮތުން ޔާސިރު ޔަހްޔާ އާއި އަމީން މުއާމަލާތް ކުރަމުން ދިޔަ އެވެ. އަދި އަމީން ދިރިއުޅޭ ގެ ކައިރި ސަރަހައްދުން ވެސް ޔާސިރު ޔަހްޔާ ފެނިފައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. ޔާސިރު ޔަހްޔާ އާއި އަމީން ބައްދަލުވިތޯ ފަހުން ދިފާއުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ބައްދަލުވެފައި އޮތް ކަން އެނގެން ނެތް ކަމަށެވެ. އެކަމަކު ގުޅުމެއް އޮތް ކަން އެނގެން އޮތް ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ސީރިއާއަށް ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކާ ވެސް އަމީން ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރި އެވެ. އެ ގޮތުން، 2010 ވަނަ އަހަރުގެ ތެރޭގައި އަޑި ޕާކް ސަރަހައްދުން އަލީ އާދަމް އާއި ޝިފާޒް ނަމަކަށް ކިޔާ ދެ މީހުންނާ އަމީން ބައްދަލު ކުރި ކަމަށް އިއްޔެ ބުންޏެވެ. އަދި 2012 ގައި ޝިފާޒް ސީރިއާއަށް ދިޔަ ކަމާއި ހަނގުރާ މަތީ މަރުވި ކަން ސޯޝަލް މީޑިއާއިން އެނގެން އޮތް ކަމަށް ބުންޏެވެ.
ސިއްރު ހެކިވެރިޔާ މި ހުރިހާ ވާހަކައެއް ކިޔައިދިން ފަހުން އަމީންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވަނީ ސޯޝަލް މީޑިއާގައި ޕަބްލިޝް ވެގެން ދިޔަ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ވަކިން ވެރިފައި ކުރިންތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ ވަކިވަކިން ވެރިފައި ކުރުމުގެ މަސައްކަތް ހަވާލުކުރީ އޭނާއަކަށް ނޫން ކަމަށާއި އެހެންވެ އެ މަސައްކަތް ނުކުރާ ކަމަށް ވެސް އިއްޔެގެ އަޑުއެހުމުގައި އޭނާ ބުންޏެވެ.
ބައެއް މުހިންމު ހަބަރުތައް
- އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ޕެސިފިކުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް، މި އަހަރު އެންމެ ބާރު ދުވެލީގައި ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ލަފާކޮށްފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާއި ގުޅިގެން ބައެއް ފަރާތްތަކުން ޕާޓީގެ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެ ޕާޓީގެ އިންތިހާބާ ގުޅޭ ޝަކުވާ ކޮމިޓީން ބަލަމުންދާ ކަމަށް އެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ބުނީ އިއްޔެ އެވެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ހުޅުވުން އަންނަ މަހަށް ލަސްކޮށްފައިވާ ކަމަށް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އިން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ލާމަރުކަޒު ކުރުމާއި ކައުންސިލްތަކަށް ވިޔަފާރި ކުރުމާއި އެކި އެކި ބާރު ދިނުމުގެ އެމްޑީޕީގެ ތަސައްވުރާއި ދެކޮޅަށް ކަންކަން ސަރުކާރުން ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ހާމަކުރައްވަމުން އިމްތިޔާޒު ފަހުމީގެ ކެމްޕޭނު ތަރުޖަމާނު މުހައްމަދު ވަހީދު ވިދާޅުވީ:
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބައެއް ވަޒީރުން. އަޅުގަނޑުމެން އެ ތަސައްވަރުކުރި. އެ ވައުދުވި ގޮތް ނޫން ގޮތްގޮތަށް ބާރުތައް ހިފަހައްޓަން، އޮބަހައްޓަން، މަރުކަޒު ކުރަން އުޅޭ އުޅުން،"
ދުވަހުގެ ފޮޓޯ

ކިރިގިސްތާނުގައި އިއްޔެ ފެށި އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ގައުމީ ޓީމު. މިދުނިޔޭގެ ރޭންކިން ހަ ވަަނައިގައި އޮތް އީރާނުން މި މެޗުގައި ރާއްޖެ ބަލިކުރީ 17-0 އިން. މިހާތަނަށް އޭޝިއާގެ ފުޓްސަލް މުބާރާތް 15 ފަހަރު ބޭއްވިއިރު، އިރާނަކީ 12 ފަހަރު ޗެމްޕިއަނުން --- ފޮޓޯ: އޭއެފްސީ
ދިރާސާތަކުން ކިޔާލުމަށް
"ރިވިއު ރިޕޯޓު އޮން ވޯޓާ އެންޑު ވޭސްޓު އެކައުންޓްސް"
މިއީ ރާއްޖޭގައި ސާފު ބޯފެން ލިބޭ ގޮތަށް ގާއިމުކޮށްފައިވާ ނިޒާމުތަކާއި ކުނި ނައްތާލާ ނިޒާމާ ގުޅޭގޮތުން 2018 ވަނަ އަހަރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައިވަނީ ރާއްޖޭގައި މިވަގުތު ލިބެން ހުރި ޑޭޓާ ބޭނުންކޮށްގެން ކުނި ނައްތާލުމާއި ފެނުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކެއް ހުށަހަޅާފަ އެވެ.













