ސައުދީ އަރަބިއްޔާއިން ކޮންމެ ރޯދަމަހަކު ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިފަހަރު ލިބޭނީ ރޯދަމަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އާންމު ގޮތެއްގައި ސައުދީން ހަދިޔާކުރާ ކަދުރު ރޯދަ މަސް ފެށުމުގެ ކުރިއަށް ލިބެ އެވެ. ނަމަވެސް، މި އަހަރު އެކި ސަބަބުތަކާ ހެދި އަދިވެސް ކަދުރު ލިބިފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު މި ނޫހަށް ވިދާޅުވީ ކަދުރު ޝިޕްމަންޓު ހަމަޖެހިފައިވާ ކަމަށް ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށެވެ.
"ކަދުރު ޝިޕްމަންޓް އަންނާނެ ކަމަށް ބެލެވެނީ ރޯދަ މަހުގެ ފަހުކޮޅަށް، މި ފަހަރު މިހާ ލަސްވި ސަބަބެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގެ،" އަފްރާހު ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ސައުދީން ހަދިޔާ ކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާ ކުރީ 25 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ސައުދީ ސަރުކާރުން ފޮނުވަނީ ކިހާ ޓަނެއްގެ ކަދުރު ކަމެއް ނޭނގޭ އެވެ. ނަމަވެސް، އާންމު އުސޫލުން 50 ޓަނު ކަދުރު ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.













