ކުޅި އަކީ ރަށެއްގެ ގުދުރަތީ މުއްސަނދިކަން އެތައް ގުނައަކުން އިތުރުކޮށްލާ، ރަށަށް ލިބިފައި އޮންނަ އެންމެ އަގުބޮޑު މުދާ ކަމަށް އޮންނަނީ ބެލެވިފަ އެވެ. ރާއްޖޭގެ ކޮންމެ ކޮންމެ ރަށެއްގައި ކުޅިއެއް ނޯވެ އެވެ. މިއަދު ރަށު ނޯޓުގައި އެ ރަށެއްގެ ވާހަކަ ދައްކަން މިއުޅޭ، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ހާއްސަ ވަނީ އެހެންވެ އެވެ. އެ ރަށުގައި އޮންނަނީ އެންމެ ކުޅިއެއް ނޫނެވެ. ދެ ކުޅިއެއް ވެސް ނޫނެވެ. "ބިމާފަޅު، ނައިފަޅު، ތޮޅިފަޅު އަދި ހިކިކުޅި" އާއެކު ޖުމުލަ ފަސް ކުޅި އެ ރަށުގައި އޮވެ އެވެ.
ކެނދިކުޅުދޫ އަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ރަށެކެވެ. ރަށުގެ ބޮޑު މިނުގައި 207.7 ހެކްޓަރު ހުރެ އެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޑީ-3 އެވެ.
ނަވާރަ ސަތޭކަ އައްޑަ ފަސް ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު ކެނދިކުޅުދޫގެ އާބާދީއަކީ 579 އެވެ. އެއީ 314 އަންހެނުންނާއި 265 ފިރިހެނުންނެވެ. 1995 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކެނދިކުޅުދޫގެ އާބާދީ ދަނީ އެއް ނިސްބަތެއްގައި މަޑުމަޑުން މައްޗަށެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު، އާބާދީއަކީ 928 އަންހެނުންނާއި 944 ފިރިހެނުންނާއެކު ޖުމުލަ 1872 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު 975 އަންހެނުންނާއި 997 ފިރިހެނުންނާއެކު މިހާރުގެ އާބާދީއަކީ ޖުމްލަ 1972 މީހުންނެވެ.
އޮކްޓޯބަރު 2019 އާ ހަމައަށް ހޯދިފައިވާ ހިސާބުތަކަށް ބަލާއިރު މިރަށުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ޖުމުލަ 22 މީހުން ރަޖިސްޓްރީވެފައި ވެއެވެ. އެއީ 10 އަންހެނުންނާއި 12 ފިރިހެނުންނެވެ.
މިރަށުގެ ރަށްވެހިން އާމްދަނީ ހޯދުމަށް ކުރާ އެންމެ އާންމު މަސައްކަތަކީ މަސްވެރިކަމެވެ. އާންމުކޮށް މިކުރާ ދޮށީގެ މަސްވެރިކަމެއް ނޫނެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. ރަށުގައި މަހަށް ދުއްވާ ހަ ގަނޑެތި އޮވެ އެވެ.

ކޮންސްޓްރަކްޝަންސް މަސައްކަތަކީ މިރަށަށް އާމްދަނީ ވަންނަ މަގެކެވެ. އެންމެ އާދައިގެ ގެދޮރު އިމާރާތްކުރުމުން ފެށިގެން ރިސޯޓު ކޮންސްޓްރަކްޝަންސްއާ ހިސާބަށް ހިދުމަތް ދެވޭނޭ ފަދަ ފަންނީ މީހުން މިރަށުގައި ކޮންސްޓްރަކްޝަންސް މަސައްކަތްތަކުގައި އުޅެ އެވެ. ރަށުގެ ވަރަށް ގިނަ ޒުވާނުން އާމްދަނީ ހޯދަނީ ރިސޯޓުތަކުގައި ވިޔަފާރިކޮށްގެންނެވެ. އަންހެންވެރިން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ކޭކު، ހެދިކާ ފަދަ ކާބޯތަކެތި ހަދައި ވިއްކުމެވެ. ދަނޑުވެރިކަން އޮތީ ކޮންމެވެސް މިންވަރަކަށެވެ.
އާންމު ވިޔަފާރިކުރާ 14 ފިހާރައެއް މިރަށުގައި ރަޖިސްޓްރީކޮށް ހިންގަ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ފެންވަރު ރަނގަޅު ދެ ކެފޭ އެއް ހުރެ އެވެ. ފިހާރަތަކުގެ ނިސްބަތަށް ބަލާއިރު އާންމު ބޭނުންތަކަށް ބޭނުންވާނޭ ތަކެތީގައި މިރަށުން ނުލިބޭނޭ އެއްޗެއް ނެތެވެ.
ރަށުގައި ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އޮތީ ފެށިފަ އެވެ. ފެނަކައިގެ އިންޖީނުގެއާއި އޮފީސް އެޅުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. ފުޓުބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ކެނދިކުޅުދޫ ސުކޫލުގެ ދެ ކްލާސްރޫމާއި ސުކޫލު ހޯލު ހެދުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ.
ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް 2020 ވަނަ އަހަރު ޕްލޭން ކުރެވުނެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުގެ ބަޖެޓް ރިވައިޒް ކުރެވުނު އިރު މި ޕްރޮޖެކްޓް ހިމެނިފައި ނުވާތީ ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ.
ގޭދޮށު މަސްފެކްޓްރީއެއް މި ރަށުގައި ގާއިމުކުމުގެ މަސައްކަތް އޮތީ ޕްލޭންކުރެވިފަ އެވެ. މި މަސައްކަތް ނިމޭނޭކަމަށް ލަފާކޮށްފައިވާ ތާރީހަކީ ސެޕްޓެމްބަރު 2022 އެވެ. ސްލިޕްވޭ ހެދުމުގެ މަސައްކަތް އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ. ރަށުގައި ޖޫނިއާ ކޮލެޖެއް ހުޅުވުމުގެ މަސައްކަތް މިހާރު އޮތީ ބިޑަށް ހުޅުވާލެވިފަ އެވެ.
މިހާރު ރޭވި، އަދި ޓެންޑަ ކުރެވިފައި ހުރި މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ އެއީ ކެނދިކުޅުދޫގެ ތަރައްގީއަށް ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭރުން އެރަށަށް ވަންނަ އާމްދަނީ އެތައް ތަނަކުން އިތުރުވެގެންދާނެ އެވެ. ރަށު ކައުންސިލްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕްރޮޖެކްޓްތައް ލަސްވުމެވެ. ހާއްސަ ގޮތެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިނގާތާ ދެ އަހަރު ވެގެންދިޔައިރު އަދިވެސް މަސައްކަތް ނިންމާލެވިފައި ނެތުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.
ބިންބޮޑު، އާބާދީ ހެޔޮވަރު ކެނދިކުޅުދޫއަކީ ރާއްޖޭހެ ރަށްތަކުގެ ތެރެއިން ވަނަ ދެވޭހާ ރީތި ރަށެވެ. އެރަށުގެ ރީތި ކުޅިތަކުގައި ނޭޗަރޕާކު ތަރައްގީކުރުމަށް ރަށުގެ ޒުވާނުން ދަނީ މަސައްކަތްކުރަމުންނެވެ. ކޯވިޑް19 އާ ގުޅިގެން އެރަށު ވަރަށް ގިނަ ޒުވާނުން ވަޒީފާ ދޫކޮށް ރަށަށް ބަދަލުވާންޖެހުމުން އެދުވަސްވަރު ވަރަށް ފުޅާކޮށް މި މަސައްކަތް ހިންގިވެސްމެ އެވެ. އެހެންނަމަވެސް، ރޭވިގޮތަށް މުޅި ޕްރޮޖެކްޓް ނިންމާ ނުލެވުނުކަމަށް އެރަށުން މައުލޫމާތު ދިން ބައެއް ޒުވާނުން ބުނެ އެވެ. މައްސަލައަކަށް ދިމާވީ ފައިސާ އެވެ.
އެހެންނަމަވެސް، ކެނދިކުޅުދޫ ޒުވާނުން ތިބީ އެކަމުގައި ދޫ ދޭ ގޮތަކަށް ނޫނެވެ. ބިމާފަޅު، ނައިފަޅު، ތޮޅިފަޅު އަދި ހިކިކުޅި" އާއެކު ޖުމުލަ ފަސް ކުޅި ތަރައްގީކޮށް، 'ކުޅި ދައްކާލަން' ތައްޔާރުވެގެންނެވެ.










