ލިވަޕޫލުން ސެމީއާ ގާތަށް، ސިޓީން ފުރަތަމަ ލެގުގައި އެތުލެޓިކޯ ބަލިކޮށްފި

Apr 5, 2022, 9:24 PM
ލިވަޕޫލްގެ ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަަތަމަ ލެގުގައި މިރޭ ކުޅުނު ފުރަތަމަ މެޗުތަކުން، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، ރަށުންބޭރުގައި ބެންފީކާ 3-1 އިން ބަލިކޮށް ލިވަޕޫލުން ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ދެ ލެގުގެ އެގްރިގޭޓް ނަތީޖާ ކަނޑައަޅާއިރު، ރަށުންބޭރުގައި ޖަހާ ގޯލުގެ ގަވާއިދަށް އަމަލުކުރުން ހުއްޓާލާފައިވާއިރު، ކޮންމެ ޓީމެއް ވެސް ޖެހޭނީ ސީދާ ސްކޯއަކުން މޮޅުވާށެވެ. އެ ގޮތަށް ބަލާއިރު އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު، މިރޭ މޮޅުވި ސިޓީ އާއި ލިވަޕޫލަށް ހިތްހަމަޖެހުން އޮންނާނެ އެވެ. ލިވަޕޫލަށް އޮތް އެޑްވާންޓޭޖަކީ ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމެވެ.

ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު ކުޅުމުގެ ކުރިން މި ހަފްތާ ބަންދުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗު އޮންނާނެ އެވެ.

އެތުލެޓިކޯ ކޮޅަށް ސިޓީގެ ޑި ބްރޭނާ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ގަދަ 16 ޓީމުގެ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލާފައި ކުއާޓާ ފައިނަލަށް ދަތުރުކުރި އެތުލެޓިކޯ އިން މިރޭ ސިޓީ ދަނޑުގައި ކުޅުނީ ޑިފެންސިވް ގޭމެކެވެ. އެތުލެޓިކޯގެ ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗުގައި ސިޓީ އަށް ގޯލު ޖަހަން ހުސް ފުރުސަތުތައް ތަނަވަސްކުރުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ.

ސިޓީން މިރޭގެ މެޗުން މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މިިއީ ޓީމުގެ ކެޕްޓަން ކެވިން ޑިބްރޭނާ ޖެހި ގޯލެކެވެ. މެޗުގެ 70 ވަނަ މިނިޓްގައި ޑިބްރޭނާ މި ގޯލު ޖެހީ އޭރިއާތެރެއިން ފިލް ފޯޑެން ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލުގެ ދުުރު ކަނަށް ފޮނުވާލައިގެންނެވެ. ފޯޑެން ކުޅެން އެރިތާ 80 ސިކުންތު ތެރޭ އެތުލެޓިކޯގެ ހަތަރު ވަރަކަށް ކުޅުންތެރިން ތެރެއިން ހުސްކޮށްލާފައި ޑި ބްރޭނާ އަށް ދިން ބޯޅަ އޭނާ ވަނީ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯޯލަށް ވައްދާލައިފަ އެވެ.

އަންނަ ހަފްތާގައި އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ ދެ ވަނަ ލެގުން ސިޓީ އަތުން ދެ ގޯލުގެ ތަފާތުން އެތުލެޓިކޯ މޮޅުވާން ޖެހޭނެ އެވެ. އެހެން ނޫނީ އެ ޓީމު މުބާރާތުން ކަޓާނެ އެވެ.

ބެންފީކާގެ ޑްރަގާއޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ 34 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ލިވަޕޫލަށް ލީޑުނަގައިދިނީ އިބްރާހިމާ ކޮނާޓޭ އެވެ. މިއީ ޒުވާން ޑިފެންޑަރު، ކޮނާޓޭ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދެ ވަނަ ގޯލު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. މިއީ އޭރިއާތެރެއަށް މަތިން ހުރަސްވި ބޯޅައަކުން ލުއިސް ޑިއާޒް ހުސްކޮށްލާފައި ދިން ބޯޅައަކުން މާނޭ ޖެހި ގޯލެކެވެ.

ލިވަޕޫލްގެ ކޮނާޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިއިރު، ލިވަޕޫލްގެ ފަހަތުން ފަރުވާކުޑަކޮށްލުމުގެ ފައިދާނަގައި ބެންފީކާ އިން ގޯލެއް ޖެހި އެވެ. މި ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ބެންފީކާގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން ބެންފީކާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ލިވަޕޫލުން ވަނީ އެއް ފަހަރާ ތިން ބަދަލެއްގެ ގޮތުގައި ރޮބާޓޯ ފިރްމީނޯ، ޖޯޑަން ހެންޑަސަން އަދި ޑިއޯގޯ ޖޮޓާ ކުޅެން އަރުވައިފަ އެވެ.

އެ ބަދަލުތަކާ އެކު ލިވަޕޫލްގެ ކުޅުން ރަނގަޅުވިއިރު، މެޗުގެ 87 ވަނަ މިނިޓްގައި ޑިއާޒް ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ޖެނުއަރީ ޓްރާންސްފާގައި ޕޯޗުގަލްގެ ޕޯޓޯ ދޫކޮށް ލިވަޕޫލަށް ބަދަލުވި ޑިއާޒް މި ގޯލު ޖެހީ ބެންފީކާގެ ކީޕަރު އޮޑީސިއަސް ވްލަޝޯޑިމޯސް ކައިރިން ނައްޓައިފަ އެވެ. އޭގެ ފަހުން ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ޖޮޓާ އަށް ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ކީޕަރު އޮޑީސިއަސް ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލަށް އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި އެއް ގޯލުން ބަލިވެގެން ވެސް ސެމީގެ ފުރުސަތު ހޯދޭނެ އެވެ. ބެންފީކާ އަށް ސެމީ ފައިނަލްގެ ފުރުސަތު ލިބޭނީ ތިން ގޯލުން މޮޅުވެގެން ނޫނީ ދެ ގޯލުން މޮޅުވެ، މެޗު ޕެނަލްޓީން ކާމިޔާބު ކޮށްގެންނެވެ.

މިރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން އަށް މެޗުން ރަށުންބޭރުގައި މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox