ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި އެވެ.
ނަހުލާއަށް މި ފިޔަވަޅު އެޅީ މިދިޔަ އަހަރު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ އިންތިހާބަށް ފަހުގަ އެވެ. އެ ގޮތަށް އޭރު ފިޔަވަޅު އެޅީ 2024 ގެ ނިޔަލަށެވެ.
ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހަށް ވިދާޅުވީ ޕާޓީގެ ސުލޫކީ ކޮމިޓީން ނަހުލާއަށް އަޅާފައިވާ ފިޔަވަޅުތައް މީގެ ދެ ދުވަސް ކުރިން އުވާލާފައިވާ ކަމަށެވެ.
"ކޮމިޓީއަށް އެ ނިންމުން ރިވިއު ކުރަން ހުށަހެޅީ ޕާޓީގެ ލީޑާޝިޕުން، ޕާޓީގެ ލީޑާޝިޕްގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު،" ހީނާ ތަފްސީލް ކޮށްދެއްވި އެވެ.
ނަހުލާ އޭރު ސަސްޕެންޑް ކުރީ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތުގެ އިތުރަށް ޖަލްސާތަކުގައި ވާހަކަ ވެސް ނުދެކެވޭ ގޮތަށެވެ.

އެނގިފައިވާ ގޮތުގައި ނަހުލާއާ މެދު ސުލޫކީ ކޮމިޓީން ފިޔަވަޅު އެޅީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ޕާޓީގެ ނިންމުމާ ދެކޮޅަށް މަސައްކަތްކުރެއްވުމުންނެވެ.
ނަހުލާ ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފަ އެވެ.













