ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އެ މުއައައްސާސައިން "ޕޮލިސްއެމްވީ" ގެ ނަމުގައި އިފްތިތާހުކުރި މޯބައިލް އެޕްލިކޭޝަނެވެ. މިއީ ފުލުހުންގެ ހިދުމަތް ޒަމާނީ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް އިފްތިތާހުކުރި އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ މިހާރުވެސް އޮންލައިންކޮށް ފޯރުކޮށްދެމުން އަންނަ ހުރިހާ ހިދުމަތެއް މޯބައިލް ފޯނާ ހަމައަށް ގެނެސްދެވޭ ގޮތަށެވެ. މިއީ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރި ނަމަވެސް ފުލުހުންގެ ހިދުމަތް ފަސޭހައިން ހޯދުމަށް އަމާޒުކޮށް ނެރުނު އެޕްލިކޭޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވި މި އެޕުން އެމީހެއްގެ ޒާތީ މުހިންމު މައުލުމާތުތައް ވަގުތުން ބަލާލެވޭނެ އެވެ. އަމިއްލަ ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭ ތަފްސީލީ މައުލޫމާތާއި އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ވަގުތުން ބަލައިލެވެ އެވެ.
އޭގެ އިތުރުން، ފުލުހުންނަށް އެޕް މެދުވެރިކޮށް މައްސަލަ ހުށަހަޅައި، އެ މައްސަލަތައް އޮތް ހިސާބު ބަލައި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ވެސް ހުށަހެޅެ އެވެ. ހަމައެހެންމެ، ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމަށް ފަހު ކްލިއަރެންސް ސެޓިފިކެޓް އެޕް މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ސެޓިފިކެޓުގެ ސައްހަކަން ވެސް އެޕް މެދުވެރިކޮށް ކަށަވަރު ކުރެވޭނެ އެވެ.
ފުލުހުންނާ ކުރާ މުއާމަލާތްތަކުގެ ރެކޯޑު ވެސް އެޕުން ބަލާލެވެ އެވެ. އަދި، ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި އެޕުން ބަލާލެވޭނެ އެވެ. މިއީ ހައްތަހާ ވެސް މި އެޕުގައި ހުރި ރަނގަޅު ކަންކަމެވެ.
ނަމަވެސް، އެޕު ފޯނަށް އިންސްޓޯލުކޮށް ރެޖިސްޓާ ކުރުމަށްފަހު އެޕުގެ ހުރި ފީޗާތައް ބަލައިލުމުން އެޕުގައި ރަނގަޅު ކުރެވިދާނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވުނެވެ. މިއަށް ވުރެ ވެސް ޔޫސާ ފްރެންޑްލީކޮށް އާންމު ރައްޔިތު މީހާއަށް ވެސް އެއްވެސް އުނދަގުލެއް ނެތި މި އެޕު ބޭނުންކުރުމަށް ގެނެވިދާނެ ބަދަލުތަކެއް އަޅައިގަތެވެ. އޭގެ ތެރެއިން، ފާހަގަކުރެވުނު ބައެއް ކަންކަން ތިރީގައި ހިއްސާކޮށްލާނަމެވެ.
ޔޫސާ ފްރެންޑްލީ ވާން ޖެހޭ
އެޕުގައި މައްސަލައެއް ރިޕޯޓު ކުރުން ފިޔަވައި މުހިންމު ގިނަ ކަންކަން ކުރުމަށް ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ޕޮލިސް ސެޓިފިކެޓަށް އެދުމުގައި ވެސް ބޭނުންކުރަން ޖެހެނީ އިނގިރޭސި ބަހެވެ. އެޕުގައި ދިވެހި ބަހަށް އިސްކަން ދިން ނަމަ އިތުރަށް ފުރިހަމަވީހެވެ. ނުވަތަ، އިނގިރޭސި ބަހުން ދިވެހި ބަހަށް ބަދަލުކުރެވޭނެ ގޮތް ހިމަނައިލިނަމަ ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވާނެ އެވެ.
މި އެޕުގައި ރަޖިސްޓްރީ ކުރެވެނީ އައިޑީ ކާޑު ނަންބަރާއި އޭގެ ސީރިއަލް ނަންބަރު ވެސް ޖަހައިގެންނެވެ. އޭގެ މާނައަކީ އެޕު ބޭނުންކުރާ ސިންގަލް ޔޫސާގެ ހުރިހާ މައުލޫމާތެއް ފުލުހުންގެ ޑޭޓާބޭސްގައި ހުންނާނެ އެވެ. ނަމަވެސް، އަމިއްލަ ޕޮލިސް ސެޓިފިކެޓަށް ރިކުއެސްޓު ކުރާނަމަ އަލުން ހުރިހާ މައުލޫމާތެއް ފުރަން ޖެހެ އެވެ. އޭގެ ބަދަލުގައި އަމިއްލަ ސެޓްފިކެޓް ހޯދުމަށް އެދޭނަމަ އިތުރު މައުލޫމާތު ފުރުމެއް ނެތި އެއް ކްލިކުން ރިކުއެސްޓް ކުރެވޭ ގޮތަށް ހެދިދާނެ އެވެ.
އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައި ހުންނަ ހުރިހާ އުޅަނދެއްގެ މައުލޫމާތު އެޕުން ފެނެ އެވެ. އެހެން ނަމަވެސް، ޕާކިން ސްޓިކާ ޖަހާފައިވާ ނުވަތަ ޓޯ ކުރެވިފައިވާ އުޅަނދެއްގެ މައުލޫމާތު ބަލަން ބޭނުންނަމަ ޖެހެނީ ކޮންމެ އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ވަކިން ޖަހާށެވެ. އޭގެ ބަދަލުގައި އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްގައި ޕާކިން ސްޓިކާ އެއް ޖަހައިފިނަމަ ނުވަތަ ޓޯ ކުރުމުން "ޕާކިން ސްޓިކާ" ޓެބުން ފެންނަ ގޮތް ހެދިދާނެ އެވެ.
އެޕް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށްޓަކައި ވެސް އައިޑީ ކާޑު ނަންބަރާއި، އައިޑީ ކާޑު ސީރިއަލް ނަންބަރާއި، އީމެއިލް ލިޔެ، އީމެއިލް ކޮންފާމުކޮށް، މިހާރު ދިރިއުޅޭ އެޑްރެހާއި ގުޅޭނޭ ފޯނު ނަންބަރު ވެސް ކޮންމެ ރިޕޯޓަކަށް ވަކިން ޓައިޕް ކުރަންޖެހެ އެވެ. އެޕްލިކޭޝަންގައި ރަޖިސްޓްރީ ވަނީ މި ހުރިހާ މައުލޫމާތެއް ދީގެން ކަމަށްވާއިރު، އަލުން މި މައުލޫމާތުތައް ޓައިޕްކުރަން ނުޖެހި މައްސަލަ ހުށަހެޅޭނެ ގޮތަށް ބަދަލުކުރެވިދާނެ އެވެ.
މައްސަލަ ހުށަހެޅުމަށް ހަތަރު ސްޓެޕެއް އެޕުގައި ހިމަނާފައި ވެއެވެ. ފުރަތަމަ ސްޓެޕުގައި ފުރިހަމަކުރާ ރިޕޯޓުކުރާ މީހާގެ މައުލޫމާތުތައް އެންޓާ ކުރުމަށްފަހު ކެޕްޗާ ދިމާކުރުމުން ވެސް އިތުރަށް ކުރިއަށް ނުދެވެ އެވެ. މާނައަކީ މިވަގުތު އެޕް މެދުވެރިކޮށް މައްސަލަ ހުށަނޭޅުމެވެ. މިއީ ޓެކްނިކަލް މައްސަލައެއް ކަމަށް ގަބޫލުކުރެވެ އެވެ. މިކަން ވެސް ހައްލުކޮށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތް ހަދަން ޖެހެ އެވެ.
މައްސަލަ ހުށަހެޅުމުގެ ދެވަނަ ސްޓެޕަކީ 'ހާދިސާއާ ގުޅޭ މައުލޫމާތު' އަދި ތިންވަނަ ސްޓެޕަކީ 'މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު' ހިމެނުމެވެ. ކޮންމެ މައްސަލައެއްގައި ޝާމިލުވާ މީހުން، ރިޕޯޓުކުރާ މީހާއަށް ނޭނގިދާނެ އެވެ. އެހެންކަމުން މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު ނޭނގޭނަމަ އެބައި ސްކިޕް ކުރުމަށްފަހު ކުރިއަށް ދެވެން ވާނެ އެވެ. އެއީ، އެ މައުލޫމާތު ފުރިހަމައަށް ނޭނގުނު ނަމަވެސް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުމަށެވެ.
އެޕު މެދުވެރިކޮށް ނުވަތަ އެހެން ގޮތަކުން ނަމަވެސް ފުލުހުންނަށް މައްސަލައެއް ހުށަހެޅުމަށް ފަހު އެޕުގައި ހުންނަ "އަޕްޑޭޓްސް" ޓެބުން ބަލާލެވެން ވާނެ އެވެ. މިހާރު އޮތްގޮތުން ޖެހެނީ ކޮންމެ މައްސަލައެއްގެ ކޭސް ނަންބަރު ވަކިން ޖަހައިގެން ބަލާށެވެ. އޭގެ ބަދަލުގައި، ހުރިހާ ކޭސްއެއްގެ ވެސް މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތް ހެދިދާނެ އެވެ. އަދި، އެ މައްސަލައަކާ ގުޅޭ މައުލޫމާތު ހޯދުމަށް ގުޅަންވީ އޮފިސަރެއްގެ ނަންބަރު ވެސް ހިމެނިދާނެ އެވެ.
މި އެޕްލިކޭޝަންގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ފީޗާއަކީ ކުށެއް ކުރާ ކަމުގެ މައުލޫމާތު ރިޕޯޓުކުރާ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް ފޮނުވުމަށް ހިމަނާފައިވާ "ކްރައިމް ޓިޕް" ފީޗާ އެވެ. މި ބައި ވެސް ފުރަން ޖެހެނީ އިނގިރޭސި ބަހުންނެވެ. ކުށުގެ ބާވަތް ރިޕޯޓުކުރާއިރު "ވެންޑަލިޒަމް" އާއި "އެމްބެޒެލްމަންޓް" އަކީ ކޮންއެއްޗެއްކަން އެންމެނަށް ނޭނގިދާނެ އެވެ. ފުރަން ޖެހޭ މައުލޫމާތުތައް ވެސް މާ ގިނަ އެވެ. ކުށް ރިޕޯޓު ކުރުމަށް މަގުފަހިކުރަން ބޭނުންނަމަ ވީ އެންމެ ކުރުކޮށް، ފަސޭހަކޮށް ރިޕޯޓު ކުރެވޭނޭ ގޮތަށް އޮތުން މުހިންމެވެ.
ފުލުހަކާ ގުޅޭ ޝަކުވާއެއް ނުވަތަ ތައުރީފެއް ހުށަހެޅުމަށް އެ ފުލުހަކާ އެކު ކުރި މުއާމަލާތުގެ ކަންހިނގައިދިޔަ ގޮތް ޓައިޕް ކުރުމާއެކު ހާދިސާގެ ފޮޓޯ ނުވަތަ ވީޑިއޯ އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވޭނެ ގޮތް ހެދިދާނެ އެވެ. އެއީ، ޝަކުވާ ކުރުމަށްޓަކައި ނުވަތަ ތައުރީފު ކުރުމަށްޓަކައި އެ ހާދިސާއެއްގައި ހިމެނޭ އޮފިސަރުގެ މައުލޫމާތު އެނގެން ނުހުންނަ ހާލަތުގައިވެސް ޝަކުވާކޮށް ތައުރީފުކުރެވޭނޭ މަގު ފަސޭހަކުރުމަށްޓަކަ އެވެ.
އިތުރަށް ހިމެނިދާނެ ބައެއް ފީޗާތައް
ބަންދުގައި ހުރި މީހެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނުވާން އެދޭ ވަކީލުންނަށް އެ އިޖުރާއަތު އެޕްލިކޭޝަންގެ ތެރެއިން ފުރިހަމަ ކުރެވޭ ގޮތަށް ހަމަޖެއްސިދާނެ އެވެ. ބަންދުގައި ހުންނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާ ފޯމާއި ގާނޫނީ އިންޒާރު ފަދަ ވަކީލާ ހިއްސާ ކުރަންޖެހޭ ޑޮކިއުމަންޓުތައް ވެސް ވަކީލެއްގެ ގޮތުގައި އައްޔަނުވާ މީހާއަށް އެޕުން ބަލާލެވޭނޭ ގޮތަށް ހަމަޖެއްސިދާނެ އެވެ.
އެމީހަކާ ގުޅުންހުރި އެއްވެސް ހިދުމަތެއް، ނުވަތަ ޕޮލިސް އިންޓަރެކްޝަނެއް ހިނގައިގެން އެޕްލިކޭޝަންއަށް އެކަން އަޕްޑޭޓް ކުރެވޭ ކޮންމެ ފަހަރަކު މޮބައިލް ނޮޓިފިކޭޝަން އަަންނަ ގޮތް ހެދިދާނެ އެވެ. އޭރުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން ފިޔަވަޅެއް އެޅޭ ކޮންމެ ފަހަރަކު އެ އަޕްޑޭޓް ފޯނަށް ލިބޭނެ އެވެ.
އޭގެ އިތުރުން، އެޕް މެދުވެރިކޮށް ފުލުހުންގެ އިމަޖެންސީ ނަންބަރަށް ގުޅޭނޭ ގޮތް ނުވަތަ އިމަޖެންސް އެސްއެމްއެސް ފޮނުވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެކެވެ. އަދި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި މައްސަލަ ހުށަހެޅޭނޭ ފީޗަރއެއް އިތުރު ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ސިންގަޕޫރު ފުލުހުންގެ މޮބައިލް އެޕްލިކޭޝަންގައި މި ހިދުމަތްތައް ހަމަޖެހިފައި ހުރެ އެވެ.
ހަމައެހެންމެ، ހާދިސާއެއް ހިނގައިގެން އުޅޭ ސަރަހައްދެއް ނަމަ، އެ ސަރަހައްދެއް ފްލޭގް ކުރެވޭ ގޮތަށް ގްރޭޓާ މާލެ އޭރިއާގެ ޗާޓެއް ވެސް ހިމެނިދާނެ އެވެ. އޭރުން، އެތަނަކަށް އަވަހަށް ރެސްޕޮންޑު ކުރަން ފުލުހުންނަށް ވެސް ފަސޭހަވާނެ އެވެ. އަދި، ހާދިސާގެ މާ ގިނަ މައުލޫމާތުތަކެއް ނުހިމަނައި އަވަހަށް ރިޕޯޓުކުރަން ވެސް މަގުފަހިވާނެ އެވެ.
އަލަށް ތައާރަފްކުރި މި އެޕްލިކޭޝަނަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިއަދު، ފުލުހުންގެ ފަރާތުން ހޯދަން ޖެހޭ ގިނަ ހިދުމަތްތައް ކޮންމެ މީހެއްގެ ވެސް ފޯނުން ހޯދާލަން މިވަނީ މަގުފަހިވެފަ އެވެ. އެހެން ނަމަވެސް، އެޕުގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ވަރަށް ގިނަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ގެންނަ އަޕްޑޭޓުތައް މެދުވެރިކޮށް މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ ފުލުހުންގެ އެޕްލިކޭޝަނަކަށް މި އެޕު ބަދަލުކޮށްލެވިދާނެ އެވެ.












