އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ އެކު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ނުވަ މީހަކު ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެ އެވެ.
ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖެހިއިރު މިއަދު އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ފުލުހުން ބުނީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ މިހާރު އެ ހަ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކުރި ތިން މީހަކު ވަނީ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފަ އެވެ.
އައްޑޫއިން ހައްޔަރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެމީހުން ހައްޔަރު ކުރީ ސީދާ ކޮން ކަމެއް ކުރަން އުޅެގެން ކަމެއް ވެސް ނުބުނެ އެވެ. ހަމައެކަނި ބުނީ "ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި" ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު އައްޑޫގައި ހުންނަވަނިކޮށް ކުރިއަށްގެންދިޔަ ނަމަވެސް، ޓެރަރިޒަމްގެ އަމަލު ހިންގަން އުޅުނީ އެ ދެ ބޭފުޅުންގެ ދަތުރާ ދިމާކޮށްކަން ބުނާކަށް ނޭނގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، މާލޭގައި ގޮއްވާލި ވަރުގަދަ ބޮމަށްފަހު ވެސް އައްޑޫއިން ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި، ނަޝީދަށް ދިން ހަމަލާ މާސްޓާމައިންޑު ކުރި ކަމަށް ބެލެވޭ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ހިމެނެ އެވެ.













