ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ނެދަލެންޑްސްގެ ރެނޭ ހިޑިންކް މިިދިޔަ އަހަރު މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލް އިން ބަލައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދައްކަން އަންގައިފި އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އެސިސްޓަންޓަކަށް ރެނޭ ހަމަޖެއްސީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭގެ އެއް އަހަރު ފަހުން، މިދިޔަ އަހަރު އިތުރު ތިން އަހަރަށް ރެނޭގެ ކޮންޓްރެކްޓް އާ ކުރި އެވެ.
މަޝްހޫރު ފުޓްބޯޅަ ކޯޗު، ގޫސް ހިޑިންކްގެ ކޮއްކޮ، ރެނޭ ވަޒީފާ އިން ވަކިކުރިކަމަށް ފީފާ ޓްރިބިއުނަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ 23 ޖޫން 2021 ގަ އެވެ. އޭނާ ފީފާ ޓްރިބިއުނަލް އަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ.
ރެނޭއާ އެކު، ފަހުން ހެދި ކޮންޓްރެކްޓްގައި މުއްދަތު ހަމަވާ ތާރީހަކަށް ހިމަނާފައިވަނީ 25 ޖެނުއަރީ 2024 އެވެ. އެކަށީގެންވާ ނޯޓިސް އެއް ވެސް ދިނުމެއް ނެތި ރެނޭ ވަޒީފާ އިން ވަކިކުރި ކަމަށް ބުނެ، އޭނާ ފީފާ އަށް ހުށަހެޅި މައްސަލައިގައި ފީފާ ޗެމްބަރުން ގޮތް ނިންމީ ޖެނުއަރީ 11 ވަނަ ދުވަހު ރެނޭއާ އެއްކޮޅަށެވެ.
ފީފާގެ ޗީފް ލީގަލް އެންޑް ކޮމްލްޕަލަޔަންސް އޮފިސަރު، އެމިލިއޯ ގާސިއާ ސޮއިކުރައްވައި އާންމުކުރި ރިޕޯޓްގައިވަނީ އެފްއޭއެމުން ރެނޭ އަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލެއް ދީފަ އެވެ.
އެ ގޮތުން، ފީފާ އިން އަންގާފައިވަނީ ރެނޭ އަށް 2021 ވަނަ އަހަރުގެ ޖޫން މަހު ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. އެ އަށް ފަހު، އެ އަހަރު 2021 ގެ ޖުލައި އިން ޖެނުއަރީ 2024 އާ ހަމައަށް ދައްކަން ޖެހޭ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. މި އަދަދު ކަނޑައަޅާފައިވަނީ ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރު ޖުމްލަ އެއްކޮށް ކޮންޓްރެކްޓްގެ ބާކީ މުއްދަތަށްވާ 31 މަހަށް ބަހާލުމުންނެވެ.
މީގެ އިތުރުން ރެނޭގެ ޕޮކެޓް މަނީގެ ގޮތުގައި އެފްއޭއެމުން ދޭން ޖެހޭ ފައިސާ އިން 15,500 ޑޮލަރު ދައްކަން ވެސް ވަނީ އަންގައިފަ އެވެ. ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު ވެސް ބަހާލާފައިވަނީ ކޮންޓްރެކްޓްގެ ބާކީ މުއްދަތު (31 މަސް) އަށެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަދަދު އެއްކޮށްލުމުން ޖެހެނީ 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) އެވެ.
ޓްރިބިއުނަލްގެ ރިޕޯޓްގައިވާ ގޮތުން އެފްއޭއެމުން ރެނޭގެ ކޮންޓްރެކްޓް އުވާލަން ޖެހުނު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި މާލީ ދަތިތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ހިންގުން ރީސްޓްރަކްޗާ ކުރުމުގެ ގޮތުން ގެނެވޭ ބަދަލެއްގެ ތެރެއިން ކަމަށެވެ.
އެކަމަކު، ކޮންޓްރެކްޓް އާ ކުރިތާ ތިން މަސް ފަހުން ކޮވިޑްގެ ހާލަތާ ހެދި ކޮންޓްރެކްޓް އުވާލެވޭނެ މަގުބޫލު ސަބަބެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފީފާގެ ރިޕޯޓްގައިވެ އެވެ. އަދި ކޮންޓްރެކްޓް އާ ކުރީ ވެސް ކޮވިޑްގެ ހާލަތުގެ ތެރޭގައި ކަމަށްވާއިރު، ކޮންޓްރެކްޓް އުވާލުވާ މެދު އެފްއޭއެމްގެ އެ ދިފާއީ ޖަވާބަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ރެނޭ އަށް 2.9 މިލިއަން ރުފިޔާ ދައްކަން ފީފާ އިން އެންގުމާ އެކު، އެފްއޭއެމަށް މީގެ ޖަވާބުދާރީވާން ލިބޭ މުއްދަތުގެ ތެރެއިން އަންނަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަމުންނެވެ.
އެފްއޭއެމުން ރެނޭ އަށް ދޭން ޖެހޭ ފައިސާ އަދާކޮށްނުދޭނަމަ ފީފާ އިން ދޭ ޑިވެލޮޕްމަންޓް ފަންޑްގެ ވަކި ޕަސެންޓެއް މަދުވާނެ ކަމަށް ޓްރިބިއުނަލް ރިޕޯޓްގައިވަނީ ބަޔާންކޮށްފަ އެވެ.
ކޫޕްމަންއާ އެކު ރެެނޭ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ގެނައި ނަމަވެސް ފަހުން އޭނާއާ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި އެހެން ޒުވާން ގައުމީ ޓީމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކުރި އެވެ. އެކަމަކު، މިދިޔަ ޖޫން މަހު އެފްއޭއެމުން ރަސްމީކޮށް ރެނޭގެ ކޮންޓްރެކްޓް އުވާލި އެވެ. އަދި ޖޫން މަހު ޔޫއޭއީގައި ބޭއްވި ވޯލްޑް ކަޕް މެޗުތަކަށް ފަހު އެފްއޭއެމުން ވަނީ ކޫޕްމަންގެ ކޮންޓްރެކްޓް ވެސް ނިމުމަކަށް ގެނެސްފަ އެވެ.












