މެންޗެސްޓާ (އޭޕްރީލް 1) - މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ބޮޑުކޮށް އެ ކްލަބްގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ފެނާންޑޭސް، 27، ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. އޭރު ސޮއިކުރި ކޮންޓްރެކްޓް، މިއަދު އާ ކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަމަވެސް، ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އެ ކޮންޓްރެކްޓް އާ ކުރެވޭނެ އެވެ.
ފެނާންޑޭސް ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 117 މެޗުން ވަނީ 49 ގޯލު ޖަހައި، 39 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޔުނައިޓެޑާ ފެނާންޑޭސް ގުޅުނު ފަހުން ޔޫރަޕްގައި އެންމެ ރެކޯޑް ރަނގަޅު އެއް މިޑްފީލްޑަރަކީ އޭނާ އެވެ. ފެނާންޑޭސް އަށް ޔުނައިޓެޑުން އާ ކޮންޓްރެކްޓެއް ދިނީ ކުރިން ދެމުން އައި މުސާރަ ދެގުނަ ބޮޑުކޮށްފަ އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ "ދި އެތުލެޓިކް" އިން ރިޕޯޓްކުރާގޮތުގައި ފެނާންޑޭސް ސޮއިކުރި އާ ކޮންޓްރެކްޓްގައިވާ ގޮތުން ހަފްތާ އަކު 240،000 ޕައުންޑް (315،000 ޑޮލަރު) ލިބޭނެ އެވެ. މިއީ ޔުނައިޓެޑުގައި މި ވަގުތަށް ބަލާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ، ޖޭޑަން ސަންޗޯ، ރަފައެލް ވަރާން, ޕައުލް ޕޮގްބާ އަދި ޑޭވިޑް ޑެހެއާ އަށް ދެމުން އަންނަ މުސާރަ އަށް ވުރެ ކުޑަ އަދަދެކެވެ. ފެނާންޑޭސް އަށް މިހާރު ދޭ ވަރަށް އެޑިންސަން ކަވާނީ އަށް ވެސް ޔުނައިޓެޑުން މުސާރަ ދޭ ކަމަށް ފްރާންސްގެ ލެކިއުޕޭ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ކުރިން ސްޕޯޓިން ލިޒްބަންގެ ކެޕްޓަންކަން ކުރި ފެނާންޑޭސް ބުނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާ ކުރަން ނިންމީ އެ ކްލަބްގައި ހުރެ ގިނަ ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާތީ ކަމަށެވެ. އަދި ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވާ ހައްގު ކާމިޔާބީ ހޯދައިދޭން ވަރަށް ބޭނުންވާ ކަމަށް ފެނާންޑޭސް ވަނީ ބުނެފަ އެވެ.
ދާދި ފަހުން ޕޯޗުގަލް އިން ޔޫރަޕްގެ ޕްލޭއޮފްގައި ނޯތު މެސެޑޯނިއާ ބަލިކޮށް ގަތަރު ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖެހީ ފެނާންޑޭސް އެވެ. ޔުނައިޓެޑްގައި މި ސީޒަން ފަށައިގެން ފެނާންޑޭސަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ދިޔަ ނަމަވެސް ފަހަކަށް އައިސް ފެނާންޑޭސް އަންނަނީ ޔުނައިޓެޑްގެ މެޗުތަކުގައި ކުޅުން ރަނގަޅުކުރަމުންނެވެ.












