ރޯދަމަހު އާއްމު ގޮތެއްގައި އަތްނުފޯރާ ވަރަށް ތަކެތީގެ އަގު ބޮޑުވާކަން ފާހަގަކޮށް، ތަކެތީގެ އަގު ހެޔޮކުރަން މިއަދުގެ ހުކުރު ޚުތުބާގައި ވިޔަފާރިވެރިންނަށް ނަސޭހަތް ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ލިޔެ، ފޮނުވާފައިވާ ގޮތަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކީ ޚުތުބާގައި ބުނީ ރަމަޟާން މަހު ރައްޔިތުންގެ އަތްނުފޯރާ ހިސާބަށް ބައެއް ތަކެތީގެ އަގުބޮޑުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމަކު އެގޮތަށް ކަންތައް ކުރުމަށް ވުރެ ރަނގަޅީ ރަމަޟާން މަހު އާންމުކޮށް ބޭނުން ޖެހޭ ތަކެތި ވީހާވެސް ކުޑަ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"...ކުއްލިއަކަށް ރަމަޟާން މަހު ތަކެތީގެ އަގުތައް ބޮޑުކުރުމަށް ވުރެ އައުލާކަން ބޮޑުވެގެން ވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްގެ ގޮތުގައި ވީހާވެސް ކުޑައަގެއްގައި، ވަކިން ހާއްސަކޮށް ރަމަޟަން މަހު އާއްމުކޮށް ބޭނުންޖެހޭ ތަކެތި ލިބޭނެ ގޮތަށް ވިޔަފާރީގެ އިންތިޒާމްތައް ހަމަޖައްސައިދިނުމެވެ،" ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ދުއާކުރަމުން ހުތުބާގައި ބުންޏެވެ.
ރޯދަމަހު އުފެދޭ ޑިމާންޑާ އެކީ ރާއްޖޭގައި ކާބޯތަކެތީގެ އަގުބޮޑުވުމަކީ އާއްމުކޮށް ކަން ހިނގާ ގޮތެވެ. އެހެން ނަމަވެސް، ބައެއް ބޮޑެތި ވިޔަފާރިތަކުން އެބާވަތްތައް އަގުހެޔޮ ކުުރުމަކީ ވެސް މިހާރު އޮންނަ ކަމެކެވެ. މާދަމާ ރޯދަމަސް ފެށޭނެ ކަމަށް ބެލެވޭ އިރު ބާޒާރުގައި މިހާރު އެންމެ އަގުބޮޑު އެއް ބާވަތަކީ ލުނބޯ އެވެ. އެކަމަކު ބައެއް ބޮޑެތި ވިޔަފާރިތަކުން މިހާރު ވަނީ ލުނބޯ އަގުހެޔޮކޮށްފަ އެވެ.
ވަޒީފާގައި ކަންނެތްވާ މަހަކަށް ނުހަދާ
މިއަދުގެ ފަހު ޚުތުބާގައި ރޯދަމަހާ ގުޅުވައި ދިން އަނެއް ނަސޭހަތަކީ މުވައްޒަފުންނަށް ލުއި ގޮތްތައް ހަމަޖައްސައި ދޭން ވަޒީފާދޭ ފަރާތްތަކަށް ދިން ނަސޭހަތެކެވެ. ހަމަ އެއާ ގުޅުވައި ހުތުބާގައި މުވައްޒަފުންނަށް ދިން ނަަސޭހަތަކީ ރޯދަ މަހަކީ ކަންނެތް ކަމުގެ މަހަކަށް ނުހެދުމުގެ ނަސޭހަތެކެވެ. އެކަމުގައި އިސްވެ ދިޔަ ހެޔޮލަފާ މީހުންނަކީ ނަމޫނާއަކަށް ބަލަން ވެސް ގޮވައިލި އެވެ.

ރޯދަމަހަށް އެކަށީގެންވާ ލުޔެއް ނުދޭ ކަމަށް ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ކުރީގެ ރޯދަމަސްތަކުގައި ޝަކުވާކޮށްފައި ވެ އެވެ. ހަމަ އެގޮތަށް މުވައްޒަފުން ފަރުވާ ކުޑަކުރާ ކަމުގެ ކަންބޮޑުވުން ކުންފުނިތަކުގެ ވެސް އޮވެ އެވެ.
މިއަހަރުގެ ރޯދަމަހަށް ހަނދު ބަލާނީ މިރެ އެވެ.













