ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މާޗް 28) - އިނގިރޭސި ކްލަބް ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާއި ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ނެގޯޝިއޭޓަރުންގެ ބަޔަކު ކާނާ ވިހަވެގެން ފަރުވާ ދެމުން އަންނަ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކުން ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ވިޔަފާރިވެރިންގެ ތެރޭގައި އަބްރަމޮވިޗް ހިމެނެ އެވެ.
އަބްރަމޮވިޗްގެ ވިޔަފާރިތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޗެލްސީ އަށް ވެސް ބޮޑެތި ފިއްތުންތައް ކުރިމަތިވެފައިވާއިރު، އޭނާ ވަނީ އެކަށީގެންވާ އަގެއްގައި ޗެލްސީ ވިއްކާލަން ތައްޔާރު ކަމަށް ބުނެފަ އެވެ. އަދި ޗެލްސީ ވިއްކާލުމަށް ފަހު ލިބޭ ފައިސާގެ ބޮޑުބައި ޔޫކްރެއިންގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދޭން އަބްރަމޮވިޗް އޮތީ ނިންމައިފަ އެވެ. އެކަމަކު، މިހާތަނަށް އިނގިރޭސި ސަރުކާރުގެ ނުފޫޒާހެދި ޗެލްސީ ވިއްކާލުމުގެ ކަންކަން ވެސް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދެ އެވެ. އެއީ އިނގިރޭސި ސަރުކާރުން ރުހޭ ގޮތަށް އަބްރަމޮވިޗް އެކަން ކުރަން ބޭނުންނުވާތީ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއޭ ޕުޓިންގެ އަރިސް މީހެއް ކަމަށްވާ އަބްރަމޮވިޗް ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިންގެ ވެރިރަށް ކިއޭވް އާއި ރަޝިއާގެ ވެރިރަށް މޮސްކޯ ދެމެދުގައި އެކި ފަރާތްތަކާ އެކު ވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި އަބްރަމޮވިޗާ އެކު ޔޫކްރެއިންގެ ފަރާތުން ބައިވެރިވާ ސުލްހައިގެ މަޝްވަރާތަކުގެ ނެގޯޝިއޭޓަރުންތަކެއް ހިމެނެ އެވެ.
އެމެރިކާގެ ނޫހެއް ކަަމަށްވާ ވޯލް ސްޓްރީޓްސް ޖޯނަލް އިން ރިޕޯޓްކުރާގޮތުގައި ދާދި ފަހުން މޮސްކޯގައި ބޭއްވި ބައްދަލުވުމަކަށް ފަހު އަބްރަމޮވިޗާއި ޔޫކްރެއިންގެ ދެ ސުލްހައިގެ ނެގޯޝިއޭޓަރުގެ ކިބައިން ވަނީ ކާނާ ވިހަވުމުގެ އަލާމާތްތަކެއް ފެންނަން ފަށައިފަ އެވެ. އެ ގޮތުން ލޯ ރަތްވުމާއި ގައިގައި ރިއްސުމުގެ އިތުރުން ލޮލުން ފެން އައުމުގެ ކަންކަން އަންނަނީ ކުރިމަތިވަމުންނެވެ.
ކާނާ ވިހަވުމުގެ މީޑިއާ ރިޕޯޓްތަކާ ގުޅިގެން ޔޫކްރެއިން ސަރުކާރުުގެ އެޑްވައިޒަރީ ގްރޫޕުން ވަނީ ރަސްމީ ހައިސިއްޔަތުން މީޑިއާގައި ސީދާ އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.
އަބްރަމޮވިޗާއި ނެގޯޝިއޭޓަރުންގެ ސިއްހަތާ ބެހޭ މައުލޫމާތު އެނގޭ މީހަކު މީޑިއާ އަށް ދީފައިވާ އިންޓަވިއުއަކަށް ބަލާއިރު، ކާނާ ވިހަވުމުގެ ކަންތައްތަކުގެ ތެރެއިން އަބްރަމޮވިޗާއި ނެގޯޝިއޭޓަރުންގެ ފުރާނަ އަށް ނުރައްކާވާވަރުގެ ގެއްލުމެއް ލިބިފައިނުވެ އެވެ.
ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދާދި ފަހުން ދެއްވި މީޑިއާ އިންޓަވިއުއެއްގައި ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަން ރަޝިއާގެ ގިނަ ވިޔަފާރިވެރިންތަކެއް ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި އަބްރަމޮވިޗް ހިމެނޭކަން ޒެލެންސްކީ ވަނީ މީޑިއާ އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ވޯލް ސްޓްރީޓް ޖޯނަލް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒެލެންސްކީ ވަނީ އެމެރިކާ އިން އަބްރަމޮވިޗާ ދެކޮޅަށް މި ވަގުތު ފިޔަވަޅު ނާޅަން އެދިވަޑައިގެންފަ އެވެ.












