އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި، ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު ނުވަ މީހަކު ހައްޔަރުކުރީ އިއްޔެ އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އެ އަތޮޅަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫއިން އިއްޔެ ނުވަ މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އައްޑޫއިން ހައްޔަރު ކުރި ނުވަ މީހުން ހައްޔަރު ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނޭ ކަމަށް، އިތުބާރުހިފޭ މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދިނެވެ.
އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ މިހާރު ބަލަމުންނެވެ. ނަމަވެސް، އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް ހިންގަން އުޅުނު ޓެރަރިޒަމްގެ ހަމަލާއަކީ ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ރޭވި ރޭވުމެއްކަން އަދި ސާފެއް ނުވެ އެވެ.
ރައީސް ސޯލިހު، ދިވެހި ސަރުކާރުގެ އިސްވެރިންނާއެކު އިއްޔެ އައްޑޫއަށް ވަޑައިގެންނެވީ އެތަނުގެ ޕޮލިސް އެކަޑަމީ ހުޅުވައި، ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކެއް ފެއްޓެވުމުގެ ގޮތުންނެވެ. ރައީސް ސޯލިހާއެކު އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- އަވަށްޓެރި އިންޑިއާއިން މެދުކެނޑުމެއްނެތި ރާއްޖެއަށް އެހީތައް ދެމުން ދަނީ ވެރިކަމުގައި އޮތް ޕާޓީއަކަށް ބެލުމެއްނެތި، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
- އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އެޅި ޕޮލިސް އެކަޑަމީ (ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް) ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ.
- ޓެކްސް ޒިންމާތައް އަދާނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އަންމަ މަހުން ފެށިގެން އެންފޯސްމަންޓު ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އިއްޔެ ވިދާޅުވީ:
"ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ، އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީ، އެއި ހަމައެކަނި ބަސްތަކެއް ނޫން. އެކަމަކު އެއި އަޅުގަނޑުމެންގެ ގުޅުމުގެ މައިގަނޑު އަސާސު،"
ދުވަހުގެ ފޮޓޯ

އައްޑޫ ސިޓީގެ 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ފައްޓަވައި ދެއްވަނީ --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިރާސާތަކުން ކިޔާލުމަށް
މި ރިޕޯޓަކީ އެންޓި ޓޯޗާ ގާނޫނުގެ 37 މާއްދާގެ (ށ) އިން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، އާއްމު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ލާޒިމްކޮށްފައިވާ އަހަރީ އެންޓި ޓޯޗާ ރިޕޯޓުގެ 2015 ވަނަ އަހަރުގެ އަދަދެވެ.












