އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ނިސްބަތްވާ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝު ހައްޔަރު ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށް އޭނާ ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރައިގެ ތެރެއިން ނަރީޝު ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދަށް އިއްޔެ ވަނީ ދެ ދުވަސް ޖަހާފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އޭނާ ހައްޔަރުކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ. އަދި، އެއީ ޑިމޮކްރަޓިކް ވެއްޓެއްގައި ކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
"މާލެ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނު އަސާސީ އިން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް،" ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
ނަރީޝު ހިމެނޭހެން އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 17 މީހުން ވެސް ބަންދުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރީ މުޒާހަރާ ފެށުމުގެ ވެސް ކުރިންނެވެ.

ހައްޔަރުކުރި 17 މީހުންގެ ތެރެއިން އަށް މީހަކު ދޫކޮށްލައިފައި ވާއިރު ބާކީ ތިބި ނުވަ މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ތިން މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.











