މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާ މިއަދު ބޭއްވިިއިރު، ބުރަ މަސައްކަތްތަކެއް ކުރިމަތީގައި އޮތް މި އަހަރަށް އެ ކޮމިޓީން ފާސްކޮށްފައިވަނީ ލިބޭ އާމްދަނީ އަށް ވުރެ، ހޭދަވާ ހަރަދުކުޑަ، އަރަނި ބަޖެޓެކެވެ.
ފާއިތުވި ދެ އަހަރު އޮންލައިންކޮށް އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ފަހު އޮލިމްޕިކް ކޮމިޓީން މި ފަހަރުގެ ޖަލްސާ ބާއްވާފައިވަނީ ހ. މީރުމާ، ކީރަންމާ މާލަމުގަ އެވެ.
މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި އޮލިމްޕިކް ކޮމިޓީން ފާސްކުރި ބަޖެޓްގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ 50 މިލިއަން ރުފިޔާ އެވެ. އަދި ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ރާއްޖެ ވާދަކޮށް، ސްކޮލަޝިޕްތަކާއި ގޭމްސްތަކުގެ ތައްޔާރީތަކާއި އޮލިމްޕިކް ކޮމިޓީގެ މުވައްޒަފުންނާއި ކުޅިވަރު އެސޯސިއޭޝަނަށް ފަހިކޮށްދޭ އެކި ފުރުސަތުތަކަށް ހިނގާނެ ހަރަދުތައް ކަމަށް ޖުމްލަ އެކު ހިމަނާގައިވަނީ 47 މިިލިއަން ރުފިޔާ އެވެ. އޮލިމްޕިކް ކޮމިޓީގެ ބަޖެޓްގެ ތެރޭގައި ޔޫތު މިނިސްޓްރީން އެކި ގޭމްސްތަކަށް ދޭ މާލީ އެހީ ހިމަނާފައިވެ އެވެ.
މި ފަހަރު ރާއްޖޭން ވާދަކުރާނެ ގޭމްސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ. މި އަހަރުގެ ޖުލައި މަހު ބާމިންހަމްގައި ވާދަކުރާ ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ މެދު ކެނޑުމަކަށްފަހުގަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އޮލިމްޕިކް ކޮމިޓީން ބުނީ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑުބައެއް ހިނގަނީ ގޭމްސްތަކަށް ކަމަށާއި ގާތްގަނޑަކަށް ޖުމްލަ އެކުގައި 36 މިލިއަން ރުފިޔާ ވަރު އަރާ ކަމަށެވެ. އެ ގޮތުން އޭޝިއަން ގޭމްސް އަށް އެކަނި ވެސް 16 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މިއަދުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް މި އައި ހުއްޓުމުގެ ތެރެއިން އަލުން ކަންކަން ފަށައިގެން ކުރިއަށް ވުރެ ރަނގަޅަށް ކުރާ މަަސައްކަތުގައި އޮލިމްޕިކް ކޮމިޓީގެ ވިސްނުމަކީ ވީހާވެސް ބޮޑަށް އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
އަދި އޮލިމްޕިކް ކޮމިޓީގައި މި ވަގުތު އޮތް ލީޑަޝިޕުން ކުރިއަށް އޮތް 10 އަހަރަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހަދާއިރު، މިއީ ރާއްޖޭގެ ކުޅިވަރު ބައްޓަން ކުރަން ބައިނަލްއަގުވާމީ ފްރޭމްވޯކެއްގެ ތެެރެއިން ކުރެވޭ ކަމެއް ކަމަށާއި މީގެ ފައިދާ ޖުމްލަކޮށް މުޅި ރާއްޖޭގެ ކުޅިވަރަށް ކުރާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އަހަރީ އާންމު ޖަލްސާގެ ޝަރަފްވެރި މެހެމާން އިބްރާހިމް އިސްމާއިލް ވާހަަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަހަރީ އާންމު ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމާއި ނައިބް ރައީސްކަމާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ އިބްރާހިމް އިސްމާއިލް އެވެ. ޖަލްސާގައި ބައިވެރިވި އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއާ މުހާތަބުކޮށް އިބްރާހިމް އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވީ ކުޅިވަރަށް އިހުލާސްތެރި މަސައްކަތެއް ކުރުމުގައި ކުޅިވަރާބެހޭ ހުރިހާ މުއައްސަސާތަކާއި ކުޅިވަރު އެސޯސިއޭޝަންތައް ދެމިތިބުމަށެވެ. ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ މަތީގައި ދެމިތިބެއްޖެނަމަ ރާއްޖޭގެ ކުޅިވަރަށް ވަރަށް ފާގަތި މުސްތަގުބަލެއް ހޯދިދާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީ ހިންގުމާ ބެހޭ މުހިންމު ބަދަލުތަކެއް މިއަދުގެ ޖަލްސާގައި ފާސްކުރެވިގެންދިޔައިރު، އަގުވަޒަންކުރުމުގެ ގޮތުން އެކި ފަރާތްތަކަށް އެވޯޑް ދިނުން ވެސް އޮތެވެ. އެ ގޮތުން ބާމިންހަމް، ކޮމަންވެލްތު ގޭމްސް 2022 ގެ ކުއީންސް ބެޓަން ރިލޭގެ އެކި ކަންކަމުގައި ބައިވެރިވި ފަރާތްތަކާއި 2019 ވަނަ އަހަރާއި 2020 އަދި 2021 ވަނަ އަހަރުގެ އަގުވަޒަންކުރުމުގެ އެވޯޑްތަކެއް ވަނީ ދީފަ އެވެ.

ސްކޮލަޝިޕް އެއްބަސްވުމުގައި ބެޑްމިންޓަން ތަރި ނިބާލް ސޮއިކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިއަދުގެ ޖަލްސާގައި އެތުލީޓްސް ކޮމިޝަން ތަމްސީލްކުރުމުގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ބައިވެރިވި އެވެ. މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ކުރިއަށް އޮތްތަނުގައި އެތުލީޓްސް ކޮމިޝަންގެ ފަރާތުން ހިންގާ ކޮމިޓީގެ ގޮނޑި ތަމްސީލްކުރާނީ ނަޝްފާ އާމިރާ ކަމުގަ އެވެ. އަދި އެތުލީޓްސް ކޮމިޝަންގެ ފަރާތުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވާނެ އެތުލީޓުންގެ ގޮތުގައި ކަނޑައަޅާގައިވަނީ އަފާ އިސްމާއިލް އާއި މުބާލް އައްޒާމް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން ދާދި ފަހުން ޕެރިސް އޮލިމްޕިކްްސް 2024، ގެ ސްކޮލަޝިޕް ލިބުނު ފަސް އެތުލީޓުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ވެސް އޮތެވެ. ސްކޮލަޝިޕް ލިބުނު އެތުލީޓުންނަކީ ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އެވެ. މި އެތުލީޓުންނާ އެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ އެންމެ މުހިންމު އެއް ނުކުތާ އަށް ބަލާއިރު، އެ ކުޅިވަރެއްގައި މަދުވެގެން 10 އަހަރު ހިދުމަތްކުރުން ހިމެނެ އެވެ.
ދީމާ ފިޔަވައި، ހަތަރު އެތުލީޓުން ވެސް މިއަދުގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އޮލިމްޕިކް ކޮމިޓީން މިއަދުގެ އާންމު ޖަލްސާގައި ވަނީ ކުރިން އެ އެސޯސިއޭޝަން ހިންގުމުގައި އިސް މަސައްކަތްތަކެއް ކުރެވި ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ފިލައެއް ދީފަ އެވެ. އަގުވަޒަންކުރުމުގެ ފިލާ ދިން ފަރާތްތަކުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ)، އިބްރާހިމް އިސްމާއިލް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ހަޒާންދާރު ހުސެއިން ރަޝީދު ހިމެނެ އެވެ.












