އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އެކެޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓ ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޖަޔަޝަންކަރު މިރޭގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވަޑައިގަންނަވާނީ ސީދާ އައްޑޫއަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ. މިއީ މިފަދަ ހައި ލެވެލްގެ ރަސްމީ ދަތުރުފުޅެއް މާލޭން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ޖަޔަޝަންކަރު އައްޑޫއަށް ވަޑައިގެން ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ދެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، ޑރ. ޖަޔަޝަންކަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެއަށްފަހު އައްޑޫ ޕޮލިސް އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ޖަޔަޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފުވައްމުލަކާއެކު އައްޑޫއަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޕޮލިސް އެކެޑެމީ ރަސްމީކޮށް ހުޅުވައި ދެއްވުމަށް އެ މަނިކުފާނު އައްޑޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރުގެ މަގާމަށް 2019 ވަނަ އަހަރު ޖަޔަޝަންކަރު ހަވާލުވެވަޑައިގެންނެވުމަށްފަހު، މިއީ އޭނާ ރާއްޖެއަށް ވަޑައިގަންނަވާ ތިންވަނަ ފަހަރެވެ.
އައްޑޫގައި ޕޮލިސް އެކަޑަމީއެއް އިމާރާތްކުރުމުގެ މަޝްވަރާތައް 2009 ގައި ފަށައި އެތަން އިމާރާތްކުރަން އިންޑިއާގެ ސަރުކާރާ އެކު ސޮއިކުރީ 2012 ގަ އެވެ.
އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ޕޮލިސް އެކަޑަމީ އަކީ އެ ގައުމުގެ މިލިޓަރީ ބޭސްއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމުގެ ފާޑުކިއުން އެބައޮތެވެ.
އެކަމަކު ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ވެސް ވަނީ އެކަން ދޮގުކުރައްވައި އެތަނުގައި އެއްވެސް އަސްކަރީ ހަރަކާތަކަށް ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން ދެެއްވައިފަ އެވެ.












