ވިޔަފާރި ކުންފުނިތައް ހަދަން ކައުންސިލްތަކަށް ހުއްދަ ނުދީ ސަރުކާރުން އެކަން ހިފަހައްޓައިގެން ތިބޭ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
މަހަށް ހަމަ އަގު ހޯދައިނުދޭ ކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވަހީދު ވިދާޅުވީ "ގޭދޮށު މަސްފެކްޓްރީ" އުފެއްދުމަކީ ވިޔަފާރިކުރުމުގެ ޖާގަ، ކައުންސިލްތަކަށް ދީގެން ކުރަން ކަނޑައަޅާފައި އޮތް ކަމެއް ކަމަށެވެ.
އެކަމަކު ސަރުކާރަށް ހަތަރު އަހަރުވާން ދާއިރު، ކުންފުނި އުފެއްދުމުގެ ހުއްދަ އެންމެ ކައުންސިލަކަށް ވެސް ދީފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް އާއްމުކޮށްފައިވާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތަރު އަހަރުވާން މިދަނީ އިއްޒަތްތެރި ރައީސް އަދި އެންމެ ކައުންސިލަކަށް ވިޔަފާރިކުރުމުގެ ހުއްދަ ނުދީ ހިފަހައްޓާލައިގެން އެތިބެނީ. އެއީ ކޮވިޑާ ހެދިތޯ؟ އެއީ ކީއްވެގެންތޯއޭ، ޔުކްރޭން ހަނގުރާމައާ ހެދިތޯ އެއީ؟،" ވައްޑެ ސުވާލުކުރެއްވި އެވެ.
އެމްޑީޕީން ވެފައިވާ އެފަދަ ވައުދުތައް ނުފުއްދަންޏާ އެވާހަކަ ދައްކަވާނެ ކަމަށާއި އެމްޑީޕީ އައީ ޖަވާބުދާރީ ކުުރުވަނިވި މަޖިލީހެއް އުފައްދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ގިނަ ކަންތައްތަކެއް ފާސްކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ގިނަ ހުށަހެޅުންތަކުގެ މެސެޖަކީ ހަމަ އެކަނި ޓޫރިޒަމަށް ބަރޯސާވެގެން ތިބެވެން ނެތްކަމުގެ މެސެޖް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން އެ ހުށަހެޅުންތަކުގައި ބާރުއަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް، [އެކަމަކު] ހަމަ ބުރަކޮށް މި ފެންނަނީ ފިޝަރީޒް މިނިސްޓަރުވެސް ހަމަ ޕާޓީގެ އެތެރޭގެ އިންތިހާބުގައި، އިކޮނޮމިކް މިނިސްޓަރު ވެސް އިގުތިސާދާ ބެހޭ ކަންކަން ފިޔަވައި ދެންހުރި ހުރިހާ ކަމެއްގައި ބުރަކޮށް އުޅުއްވާތަން މިފެންނަނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައިގައި މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމަށެވެ.
ނަމަވެސް އެ ވައުދު ފުއްދަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާއަކީ މަސްވެރިންގެ ބޮޑު ޝަކުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފިރުޝާން ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު ބޮޑުނުވެ، ތެލުގެ އަގުބޮޑުވުމުގެ ސަބަބުން، ތެލުގެ އަގަށް ކަނޑާފައި މަސްވެރިންނަށް ބަހާނެ ފައިސާ ނުހުންނަަކަމުގެ ޝަކުވާ، އޭނާއާ ބައްދަލުވާ މަސްވެރިން ކުރެ އެވެ.
"މަސްވެރިންނާ ބައްދަލުވެ ވާހަކަދައްކައިލުމުން، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަހަށް ހަމަ އަގު ނުލިބުމާއި ތެލުގެ އަގާ އެއްވަރަށް މަހުގެ އަގު ނޫފުލުމުގެ ސަބަބުން، ތެލަށް ލާރިކޮޅު ދައްކައިލީމާ އެވްރެޖްކޮށް، މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެތި، ރެޔާ ދުވާލު ކުރާ މަސައްކަތް ބޭކާރުވެގެންދާކަމުގެ ކަންބޮޑުވުން،" މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވި އެވެ.
މަސްކިރާ ބޯޓުފަހަރާއި މަސްގަތުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމަކީ ވެސް އޭނާ ވިދާޅުވިގޮތުގައި މަސްވެރިންގެ ބޮޑު ޝަކުވާ އެކެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ގެންގުޅުނު "
އެޖެންޑާ 19" މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް، މަސްވެރިކަމާ ބެހޭ ގާނޫނު މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެެގާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ. އެ ގާނޫނުން ލާޒިމުކުރާ، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދައި ތަންފީޒުކުރަން ސަރުކާރުން ފަސްޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












