އަނދަވަޅަކަށް ވެއްޓިފައިވާ މަސްވެރި ސިނާއަތް؛ ހައްލަކީ ކޮބާ؟

އަނދަވަޅަކަށް ވެއްޓިފައިވާ މަސްވެރި ސިނާއަތް؛ ހައްލަކީ ކޮބާ؟

ތެދު ވާހަކައެކެވެ. ދިވެހި މަސްވެރިކަމުގެ ސިނާއަތް މިއަދު ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކި ފަހަރު މަތިން މަސްވެރިން ވަނީ އިހުތިޖާޖަށް ނިކުމެފައެވެ. ހަޅުތާލު ކޮށްފައެވެ. މައިގަނޑު ސަބަބަކީ މަހުގެ އަގު ދަށްވެގެން ދިއުމާއި، މަސްވެރިން ބާނާ މަހަށް ދޭންޖެހޭ އަގު އެކިފަހަރު މަތިން ލަސްވެގެން ދިއުމެވެ. އަމިއްލަ ފަރާތެއްގެ މަސް ފެކްޓަރީ ހުއްޓާލުމާ ގުޅުވައި، ބޮޑު އަގުގައި އެ ފެކްޓަރީ ގަތުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި މަސްވެރި ސިނާއަތަށް ވެވަޑައިގެންނެވި ވައުދުތައް އެއްވެސް ވަރަކަށް ފުއްދިފައެއް ނެތެވެ. އަޖައިބު ކުރުވަނިވި ކަމަކީ، ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރިތަން ފެނިގެން ދިޔައީ ވައުދު ތަކާ ދިމާ އިދިކޮޅަށް ކަމަށް ވުމެވެ.

މަސްވެރި ސިނާއަތް ނިކަމެތި ވަމުންދާ މިދަނޑިވަޅުގައި، މަސްވެރިކަމާ ގުޅޭ ގޮތުން މަހުފޫޒް ސައީދު ލިޔުއްވި މަޒުމޫނެއް 12 ޑިސެމްބަރުގައި 'އަދަދު' ނޫހުގައި ޝާއިއުކޮށްފައި އޮއްވައި އަޅުގަނޑަށް ފެނުނެވެ. އެ ލިޔުން ވަރަށް ފުރިހަމައެވެ. ދުނިޔޭގެ އިގުތިސާދު ވިޔަސް، މަސްވެރިކަމުގެ އިގުތިސާދު ވިޔަސް، ވިޔަފާރި ބައްޓަން ކުރެވިފައިވަނީ ފަގީރު ގައުމުތައް މުއްސަނދި ގައުމުތަކަށް ބަރޯސާވާންޖެހޭ ގޮތަށް ކަމަށް ބުނާ "ޑިޕެންޑަންސީ ތިއަރީ" އާއި ގުޅޭގޮތުން ޝާއިއު ކުރެއްވި ލިޔުމެކެވެ. ފެންނަން އޮތް ހަގީގަތަކީ، ކަންކަން ބައްޓަން ކޮށްފައި ހުރީ އެންމެ ބާރުގަދަ ފަރާތުން އެފަރާތަށް ފައިދާ ބޮޑުވާ ގޮތަށް ކަމެވެ.

އެހެންނަމަވެސް މިހާލަތަކީ ތާއަބަދު އަޅުގަނޑުމެންގެ ކަސްތޮޅަކަށް ވާކަށް ނުޖެހެއެވެ. މިހާލަތުން އަރައި ގަނެވޭނެކަން ޔަގީނެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވަރަށް ސާފުކޮށް މިކަން ދައްކުވައިދީފައި ވެއެވެ. ހުޅަނގުގެ ނުފޫޒުގެ ބޭރުން "ބްރިކްސް" (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ) އުފެއްދި ފަސް ގައުމަކީ މީގެ މިސާލެކެވެ. މި ގްރޫޕު މިހާރުވަނީ ފުޅާވެ، ދިހަ ގައުމަށް އިތުރު ވެފައެވެ. ބޭނުންވަނީ ވިސްނުންތެރިކަމާއި އިހުލާސްތެރިކަމެވެ. ކަންކަން ކުރިއަށް ގެންދާނެ ހިއްވަރާއި ބުންވަރެވެ.

ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވަން ކުރެވޭނެ ގިނަ ކަންކަން އެބަ ހުއްޓެވެ. ކުރަން ފަށާފައި ހުރި ކަންކަންވެސް އެބަ ހުއްޓެވެ. އަޅުގަނޑަކީ އެމްޑީޕީ ސަރުކާރުގައި އިގްތިސާދު ކުރިއެރުވުމާއި ބެހޭ ވުޒާރާގައި އިސް މަގާމެއް އަދާކުރަން ފުރުސަތު ލިބުނު މީހެކެވެ. އެ ވުޒާރާއިން މަސްވެރިކަން ކުރިއެރުވުމަށްޓަކައި ހިންގި މަސައްކަތްތައް އަޅުގަނޑަށް ވަރަށް ގާތުން ފެނުނެވެ. މީގެ ތެރޭން، ވުޒާރާގެ ދަށުން ކުރިއަށް ގެންދިޔަ ތިން ކަމަކާ، މިހާރުގެ ހާލަތާ ބެހޭގޮތުން އަޅުގަނޑު ދެކޭގޮތް ބަޔާން ކޮށްލާނަމެވެ.

މަސްބޭނުން އިތުރު ކުރުމާއި މަހުގެ ކޮލިޓީ ރަނގަޅު ކުރުން

މަސްވެރި ސިނާއަތުގެ ސަޕްލައި ޗޭނުގެ ފުރަތަމަ ބޮޅަކީ މަސްބޭނުމުގެ މަރުހަލާއެވެ. މަސްވެރިންނާއި އޮޑީގެ ދައުރެވެ. އަމާޒަކީ މަސް ގަންނަ ފަރާތްތަކަށް އެންމެ ގިނަ މަސް އެންމެ ރަނގަޅު ކޮލިޓީގައި ފޯރުކޮށްދިނުމެވެ. އޭގެ ބޭނުމަކީ ހަރަދު ކުޑަ ކުރުމާއި މާލީ މަންފާ ހުރިހާ ފަރާތަކަށްވެސް އިތުރު ކުރުމެވެ.

މި އަމާޒު ހާސިލު ކުރުމަށް މަސްވެރިންނާއި އޮޑިވެރިން ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަމިއްލައަށް ފައިސާ ހޯދައިގެންނެވެ. ލޯނުވެސް ނަގައިގެންނެވެ. ގިނަދުވަހު ކަނޑުމަތީގައި އޮވެވޭ ބޮޑެތި އޮޑިފަހަރު ވުޖޫދު ކުރިއެވެ. އެއީ ތައުރީފު ހައްގު މަސައްކަތެކެވެ. ތައުރީފުގެ ބަދަލުގައި ފާޑުކިޔުން ރައްދުކުރި ބަޔަކުވެސް ދުށީމެވެ. "އޮޑިތައް ބޮޑުކޮށް… ނުގަނެވޭ ވަރަށް މަސްބޭނުން އިތުރު ކުރީ ކީއްކުރަން ހެއްޔެވެ؟" މިއީ އެއްވެސް މިންގަނޑަކުން ހަމަޖެހޭ ފާޑުކިޔުމެއް ނޫނެވެ. ފާޑުކިޔުމާއި ނުރުހުމުގެ އަސްލު ރައްދުވެރިޔަކީ ދިވެހި ސަރުކާރެވެ. މަސްވެރިން ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް ސަރުކާރަކަށް މަސްވެރި ސިނާއަތެއް ތަރައްގީއެއް ނުކުރެވުނެވެ.

މިކަންކަމަށް ބަލައި އެމްޑީޕީ ސަރުކާރުގައި މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. އޮޑީގައި މަސްފިނި ކުރެވޭނެ ނިޒާމު ހަރުކުރުމާއި އައިސް ލިބުން ފަސޭހަ ކުރުން ފަދަ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ފެށުމާއި ފުޅާކުރުމުގެ މަސައްކަތް ކުރެވުނެވެ. ޕީއެންސީ ސަރުކާރުގައި މި މަސައްކަތްތައް ކުރިއަށްދާ ތަނެއް ނުފެނެއެވެ. ތަރައްގީގެ މަސައްކަތް ނުފެންނަ އިރު ނިމިފައި ހުރި ތަންތަނުގެ މަރާމާތުގެ މަސައްކަތެއް ވެސް ކުރިއަކަށް ނުދެއެވެ. މުޅި ހުވަދު އަތޮޅުގައި މަސައްކަތްކުރާ އެންމެ އައިސް ޕްލާންޓެއް ހުރިދުވަސް ވެސް މި ދެއަހަރު ތެރޭގައި ފެނިފައި ވެއެވެ.

މަހުގެ ކޮލިޓީ އާއިއެކު މަސްބޭނުން އިތުރު ކުރަން އެމްޑީޕީ ސަރުކާރުން ފެށި އައު މަޝްރޫއަކީ އައު ޖީލެއްގެ މަސްއޮޑިއެއް ޑިޒައިންކޮށް ބަނުމެވެ. ޑިޒައިން މަސައްކަތަށް ބޭރުން ފައިސާ ހަމަޖައްސައި، ކޮންޓްރެކްޓަރެއް ހޮވައި، ސިނާއަތުގެ މާހިރުންގެ މަޝްވަރާ ހިމަނައިގެން އޮޑީގެ ޑިޒައިން ވަނީ ނިންމާފައެވެ. އަމާޒަކީ 100 މޭލު ބޭރުން ފަސޭހަކަމާއިއެކު މަސްބާނަން ގިނަދުވަހު އޮވެވޭނެ އޮޑިއެއް ހޯދުމެވެ. ފިނި ކުރުމާއެކު ގިނަ އަދަދެއްގެ މަސް ރައްކާ ކުރެވޭ ނިޒާމެކެވެ. ރިޔަލަކާ އެކު ތެލުގެ ހަރަދު ކުޑަ އޮޑިއެކެވެ. ފުރަތަމަ ނަމޫނާ އޮޑި ބަނުމަށް ބޭރުން ފައިސާ ހަމަޖައްސައި ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާނު ވެސް ކުރެވުނެވެ. ވެރިކަން ބަދަލުވީ މި ހުރިހައި ކަމެއް ހަމަޖެހިފައި އޮއްވައެވެ.

ސުވާލަކީ މި މަޝްރޫއަށް ވީ ކިހިނެއް ހެއްޔެވެ؟ ބޭރުން ހަމަޖެއްސި ފައިސާއަށް ހެދީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މައުލޫމާތެއް މި ސަރުކާރަކުން ހިއްސާއެއް ނުކުރެއެވެ.

ކޯލްޑް ސްޓޯރެޖް ކެޕޭސިޓީ

ހަތްދިހައިގެ ފަހުކޮޅުއްސުރެ ފެލިވަރުގައި މަސް ބަންދު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭގެ ފަހުން ފެކްޓަރީ އަޅައި، އަދި އޭގެ ސާޅީހަކަށް އަހަރު ފަހުން ބަލާލި އިރު މުޅި ރާއްޖޭގެ ކޯލްޑް ސްޓޯރެޖް ކެޕޭސިޓީ އަކީ އެންމެ 4000 ޓަނެވެ. މިއީ ލަދުވެތި ކަމެކެވެ. މަސްވެރިކަމަކީ ގައުމުގެ ލޭނާރޭ ބުނަމުން ދިޔަސް، އަމަލުން މިކަމެއް ނުދެއްކުނެވެ. ބާނާ މަސްކޮޅު އުކާލަން ޖެހެނީ މިހެންވެއެވެ. ނުއަގުގައި ގަނޑުކުރިމަސް ވިއްކާލަން މަޖުބޫރުވަނީ ވެސް ހަމަ މިސަބަބާ ހެދިއެވެ.

ހައްލަކީ ކޯލްޑް ސްޓޯރެޖް ކެޕޭސިޓީ ބޮޑުތަނުން އިތުރު ކުރުމެވެ. އެމްޑީޕީ ސަރުކާރުން ނިންމީ ކެޕޭސިޓީ ތިން ގުނައަށް އިތުރު ކުރުމަށެވެ. ޖުމްލަ 11500 ޓަނަށް އިތުރު ކުރުމަށެވެ. މިއީ ހުވަދޫ އާއި އައްޑޫ އާއި ފާދިއްޕޮޅާއި އަދި އެހެން އަތޮޅުތަކަށްވެސް މަސްވެރިކަމުގެ ބެޑެތި ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ. މި މަޝްރޫތަކަށް އިންޑިއާއިން ފައިސާ ހަމަޖައްސައި، ކޮންޓްރެކްޓަރުން ހޮވައި، މަސައްކަތް ހަވާލުކޮށް، އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ވެރިކަން ބަދަލުވިއިރު މި މަސައްކަތްތައް ކުރިއަށް ދެއެވެ.

މި މަޝްރޫއުތައް ނިމުމުން ހަމަ ނޭވާއެއް ލެވޭނެ ކަމަށް ދެކެމެވެ. ނަމަވެސް މިވަރަކުން އަދި ހަމަ އިސްކޮޅަށް ތެދުވެވޭ ވަރެއް ނުވާނެއެވެ. މަސްވެރި ސިނާއަތާ އެއްވަރު ކުރުމަށް އަދިވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މި މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތެއް މި ސަރުކާރަކުން ހިއްސާއެއް ނުކުރެއެވެ. ހާމަކުރަނީ އަމިއްލަ ވާހަކަތަކެކެވެ. ކެޕޭސިޓީ 9500 އިން 25000 އަށް އިތުރުކުރާނެ ވާހަކައެވެ. ބުނެލަން ފަސޭހަވިޔަސް މިއީ އެއް ބިލިއަން ޑޮލަރުގެ ވާހަކައެކެވެ. މި ފައިސާ ހޯދަނީ ކިހިނެއް ތޯއެވެ؟ ވާހަކަ ގިނަޔަސް، އަމަލީ ހަރަކާތެއް ނުފެނެއެވެ. ފެނިގެންދިޔައީ 2025 ވަނަ އަހަރުގައި ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައެޅި 12 ބިލިއަން ރުފިޔާއިން 5 ބިލިއަން ރުފިޔާ ހަރަދު ނުކޮށް، އަހަރު ނިމުނުއިރު ބަޖެޓު ހުސްކޮށްލި ތަނެވެ. މިކަހަލަ އިގުތިސާދީ އަރަތެއްގެ ތެރެއިން ތަރައްގީ ގެނެވޭނެ ތޯއެވެ؟

ހުރަހެއްނެތި ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުން

ސަޕްލައި ޗޭނުގައި މަސްބޭނުން އިތުރުކޮށް އުފެއްދުންތައް އިތުރު ކުރެވިދާނެއެވެ. އެހެންނަމަވެސް، ވިއްކާނެ ބާޒާރެއް ނެތްނަމަ ހުރިހާ މަސައްކަތެއް ބޭކާރެވެ. މަސްވެރި އުފެއްދުންތަކުގެ އެކްސްޕޯޓުގައި ރާއްޖޭގެ އެންމެ ބޮޑު ބާޒާރަކީ ޔޫރަޕެވެ. ޔޫރަޕުގެ ތެރޭން އިނގިރޭސިވިލާތެވެ. އެގައުމުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ 50 އިން ސައްތައަށް ވުރެ ގިނައިން ގަނެއެވެ.

ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމުން، ކުރީގައި ޑިއުޓީ ނެތި އެކްސްޕޯޓު ކުރި މަހަށް 20-24 އިންސައްތަ ޑިއުޓީއަކާ ކުރިމަތި ލާންޖެހުނެވެ. މިއާ ހިލާފަށް އިންޑިއާ ކަނޑުގެ ވާދަވެރި ގައުމުތައް ކަމަށްވާ މޮރިޝަސް އާއި ސީޝެލްސް އިން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރަމުން ދިޔައީ އެއްވެސް ޑިއުޓީގެ ހުރަހެއް ނެތިއެވެ. ރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ޔޫރަޕްގެ އިއްތިހާދާއެކު އޮންނަ ކޮންމެ ބައްދަލުވުމެއްގައި މިވާހަކަ ދައްކައެވެ. ޑިއުޓީ ކަނޑާލުމަށް އެދެއެވެ. ޖަވާބަކީ އެކައްޗެކެވެ. ރީތި ބަސްތަކުން ކޮންމެ ފަހަރަކުވެސް ބުނަނީ އެކަން ވާކަށް ނެތް ކަމަށެވެ.

މި މައްސަލައިގައި ފުރަތަމަ އަލިމަގެއް ފެނުނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވިއިރު އެވެ. ބްރެކްސިޓަށްފަހު އިނގިރޭސިވިލާތުން ވިޔަފާރީގެ ސިޔާސަތު އަލުން ކަނޑައެޅި އިރު، ފަރުދާގެ ފުރަގަހުގައި ރާއްޖޭގެ ސަރުކާރުން ދިޔައީ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ވަކާލާތު ކުރަމުންނެވެ. އާހިރުގައި 2020 ފެބްރުއަރީގައި އިނގިރޭސިވިލާތުން ރަސްމީކޮށް ޔޫރަޕް އިއްތިހާދުން ވަކިވިއިރު، އާންމުކޮށް މަހުގެ ޑިއުޓީ 20 އިންސައްތައަށް ކުޑަ ކުރުމުގައި، ރާއްޖޭގެ ސަރުކާރުން ކުރި މަސައްކަތުން ބާރެއް އެޅުނު ކަމަށް ގަބޫލު ކުރަމެވެ. ކުޑަ ނަމަވެސް، މިއީވެސް ކާމިޔާބީއެކެވެ.

މިއަށްފަހު ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ވާހަކަ ދެކެވުނެވެ. އެ މަސައްކަތް ކުރިއަށް ގޮސް، ރަސްމީކޮށް މިކަން އިނގިރޭސިވިލާތުން އިއުލާނުކޮށް، މިކަމާ މެދު އިނގިރޭސިވިލާތުގެ ރައްޔިތުންގެ ހިޔާލުވެސް ހޯދައި ނިންމުނެވެ. ދެން ފަށަން އޮތީ އިމްޕޯޓު ޑިއުޓީއަށް ދޭނެ ލުއިތަކުގެ މަޝްވަރާއެވެ. މި ދަނޑިވަޅުގައި ވެރިކަން ބަދަލުވީއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމީކޮށް ހާމަ ނުކުރިނަމަވެސް، އިނގިރޭސިވިލާތާއެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ހުއްޓާލާފައެވެ.

އެމްޑީޕީ ސަރުކާރުން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެތެރޭގެ ތަސައްވަރަކީ 2025 ފެށޭއިރު މި އެއްބަސްވުން ތަންފީޒު ކުރުމެވެ. މި ތާވަލާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެއެވެ. ޖަވާބަކީ އޭރުގައި ދެފަރާތުން އެއްބަސްވީ ވިޔަފާރި ހިދުމަތްތައް ("ސާވިސަސް") އެއްކޮށް އުނިކޮށް ހަމައެކަނި ތަކެތި ("ގުޑްސް") އާއި ބެހޭ މިނިވަން ވިޔަފާރި އެއްބަސްވުމަކަށް ދާށެވެ. ކުރުކޮށް ބުނާނަމަ، ދެފަރާތުންވެސް އިމްޕޯޓް ޑިއުޓީން ދޭނެ ލުއިތައް ކަނޑައެޅުމުން ނިމުނީއެވެ.

އެމްޑީޕީ ސަރުކާރުން ފެށި މި މަސައްކަތް ރައީސް މުއިއްޒު ކުރިއަށް ގެންދިޔަނަމަ، މިއަދު ދިވެހި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާނީ ޑިއުޓީގެ ހުރަހެއް ނެތިއެވެ. އެކްސްޕޯޓު އިތުރުވެ މަސް ގަންނަ އަގުވެސް ބާޒާރުގެ އުސޫލުން ހުންނާނީ އުފުލިފައެވެ.

މިހިސާބުން ނިމުނީއެއް ނޫނެވެ. ރައީސް މުއިއްޒު ނިންމެވީ ޗައިނާ އާއިއެކު މިނިވަން ވިޔަފާރި އެއްބަސްވުމެއް ތަންފީޒުކުރުމަށެވެ. ރާއްޖެއިން ޗައިނާއަށް މަހުގެ އެކްސްޕޯޓެއް ނުކުރާއިރު، ކުރިއަށް ނެރުއްވީ ޗައިނާގެ ބޮޑު ބާޒާރަށް މަސް އެކްސްޕޯޓު ކުރެވޭނެ ވާހަކައެވެ. ބަދުބަހެއް ބުނާކަށެއް ނޫނެވެ. މިއީ ހަމަ ސީދާ ހޮޅި ވާހަކައެވެ.

  1. ވޭތުވެދިޔަ 10 އަހަރުގައި ޗައިނާއަކީ ކަނޑުގެ ބާވަތްތަކުގެ ދުނިޔޭގެ އެއްވަނަ ނުވަތަ ދެވަނަ އެކްސްޕޯޓަރެވެ. ކަނޑުމަހާއި ކަންނެލި މަހުގެ އުފެއްދުމުން ނަމަ ދުނިޔޭގެ ތިންވަނަ ނުވަތަ ހަތަރުވަނަ އެކްސްޕޯޓަރެވެ. ރާއްޖެ މާދުރުގައި އޮވެ، ޗައިނާއަށް ހަމަ މިބާވަތް އެކްސްޕޯޓު ކުރެވޭނެ ތޯއެވެ؟ މިއީ ބަސްރާއަށް ކަދުރު ވިއްކަން އުޅުމުގެ ފުރިހަމަ މިސާލެކެވެ.
  2. ފަނަރަ އަހަރު ކުރިން (2010 ގައި) ޗައިނާއިން ވަނީ ތައިލެންޑު ފަދަ ކައިރި މަސްވެރި ގައުމުތަކާ އެކު ހަމަ ރާއްޖެ ފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައެވެ. ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއިން އެއްވެސް ގައުމަކުން ޗައިނާއަކަށް ކަނޑުމަސް ނުވަތަ ކަންނެލި މަހުގެ މަސްވެރި އުފެއްދުމެއް އެކްސްޕޯޓެއް ނުކުރެއެވެ. ކީއްވެގެން ތޯއެވެ؟ އޮތީ ސާދާ ޖަވާބެކެވެ. ބަސްރާއަށް ކަދުރު ވިއްކުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.
  3. އުފެއްދުމުގެ ހަރަދުގެ ތަފާތަކީ، ހޮންގްކޮންގް (ޗައިނާ) ދަޅުމަސް 35 އިންސައްތަ އިމްޕޯޓް ޑިއުޓީ ރާއްޖެއަށް ދައްކާފައިވެސް ރާއްޖޭގެ ސުޕަމާކެޓް ތަކުގައި ވިއްކަން ބެހެއްޓުމެވެ. ހަރަދާއި އަގުގެ ގޮތުން ޗައިނާ ބާޒާރުގައި ރާއްޖޭގެ އުފެއްދުންތަކަށް ވާދަ ކުރެވޭނެ ތޯއެވެ؟
  4. އާހިރުގައި ޗައިނާ މިނިވަން ވިޔަފާރި އެއްބަސްވުމުން ރާއްޖޭގެ މަހުގެ އެކްސްޕޯޓަށް ސަލާމަތް ކޮށްދެނީ ކިތައް އިންސައްތަ ޑިއުޓީ ތޯއެވެ؟ އެއީ އެންމެ 5 ޕަސެންޓެވެ. އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރީ 20 ޕަސެންޓު ޑިއުޓީ ކަނޑާލުމަށެވެ. މަސްވެރި ސިނާއަތަށް އެންމެ މުހިންމު ބާޒާރު މިއޮތީ އޮޅިފައި ނޫންތޯއެވެ؟

މީގެ އިތުރުން، މި ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރާ މަސްދަޅު ފަދަ ބާވަތްތަކުން ޑިއުޓީ އެއްކޮށް ކަނޑާލާފައެވެ. އަދި މަހުގެ އެހެން ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކުޑަކޮށްފައެވެ. މި އަމަލަކީ ދިވެހި މަސްވެރި ސިނާއަތަށް ދިން ހަމަލާއެކެވެ. ދިރިދެމި ހުރި ނުރައްކަލެކެވެ. ސިއްރުން ކަންކަން ކުރަނީ ކީއްވެތޯއެވެ؟ ފައިދާއެއް ނުވާތާނގައި ތިޔަ ހުޅުވާލެވުނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ދޮރެކެވެ. ވާނުވާ ނޭގޭތީއެވެ.

މިއީ އޭރުގަވެސް، މިހާރުވެސް ފެންނަން ހުރި ކަންކަމެވެ. އިތުރަށް މިހާރު ފެންނަން ހުރީ ރާއްޖެ ކަސްޓަމްސްގެ ތަފާސް ހިސާބެވެ. ޑިސެމްބަރު މަހު މެދަކާ ހަމައަށް ދިޔައިރު ކަސްޓަމްސް އިން ހާމަ ކޮށްފައިވަނީ އަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސް ހިސާބެވެ. އެ ހިސާބުތަކުން ފެންނަ ގޮތުގައި؛

  1. އެކްސްޕޯޓު ކުރި ރާއްޖޭގެ މަހުގެ އުފެއްދުމުގެ 82 ޕަސެންޓު ގަތީ އިނގިރޭސިވިލާތުންނެވެ.
  2. ރާއްޖޭގެ މަހުގެ އުފެއްދުމެއް ޗައިނާއަށް އެކްސްޕޯޓު ކޮށްފައެއް ނެތެވެ.
  3. ޗައިނާއިން ރާއްޖެއަށް ސުން ޑިއުޓީގައި މަސްދަޅު ފަދަ ބާވަތްތައް އިމްޕޯޓް ކޮށްފައެއް ނެތެވެ.
  4. ކުރީ އަހަރާ އަޅައި ކިޔާއިރު، ރާއްޖެއަށް ޑިއުޓީ ދައްކައިގެން އިމްޕޯޓް ކުރާ މަސްދަޅު ފަދަ ބާވަތްތައް ވަނީ ތިން ގުނަ އިތުރުވެފައެވެ. މީގެ ތެރޭގައި ހޮންގްކޮންގް (ޗައިނާ) ހިމެނެއެވެ. މިއީ މަސްވެރިކަމުގެ މުސްތަގުބަލު އިތުރަށް ބަނަވެދާނެ ކަމުގެ ރަތް ސިގުނަލެކެވެ.

ނިންމުން

މަސްވެރި ސިނާއަތަކީ ގައުމަށް ބޮޑެތި ފައިދާ ފޯރުކޮށްދޭ ސިނާއަތެކެވެ. ވަޒީފާގެ ގޮތުންނާއި ވިޔަފާރީގެ ގޮތުންނެވެ. ވިސްނައިގެން ރާވައިގެން މަސައްކަތް ކޮށްފިނަމަ ސަބްސިޑީ އާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ސިނާއަތެކެވެ. މުއްސަނދި ގައުމުތަކަށް ބަރޯސާވާންޖެހޭ ކަސްތޮޅުތަކުން މިންޖުވާނެ މަގުވެސް ފެނެއެވެ. އެކަމަކު، އެ މަގުގައި ކުރިއަށް ދެވޭނީ އިހުލާސްތެރި ވެގެންނެވެ.

މިއަދު ފެންނަނީ މަސްވެރިންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ތަނެވެ. ސަރުކާރުން މަސްވެރިންނާ ކުރިމަތިލާތަނެވެ. މަސްވެރި ހައްޔަރީންގެ ވާހަކައެވެ. އިތުބާރު ހޯދުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ ތެދުބުނެ ސިނާއަތުގެ ހަގީގީ ހާލަތު ބަޔާން ކުރުމެވެ. މަހުގެ އަގު ނުދެއްކޭ ހާލުގައި ބިލިއަނުން އިންވެސްޓު ކުރާނަމޭ ބުނީމާ އެވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox