މިޑްލްސްބަރާ (މާޗް 19) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ރޮމެލޫ ލުކާކޫގެ ގޯލާ އެކު 2-0 އިން މިޑްލްސްބަރާ ބަލިކޮށް ޗެލްސީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފި އެވެ.
ޔޫކްރެއިނާއި ރަޝިއާ ހަނގުރާމައިގެ މައްސަލައިގައި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އަންނަ ފިއްތުންތަކުގެ އަސަރު އެ ޓީމަށް ވެސް ދަނީ ކުރަމުންނެވެ. ހުރި ގޮންޖެހުންތަކާ ކުރިމަތިލައިގެން ވެސް ޗެލްސީން އަންނަނީ މެޗުތަކުގައި ނަތީޖާ ނެރެމުންނެވެ.
ޗެލްސީ އެންމެ ފަހުން ދެ ފަހަރު އެފްއޭ ކަޕްގެ ފައިނަލުގައި ކުޅެގެން ވަނީ ބަލިވެފަ އެވެ. ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އާސެނަލް އަތުން ބަލިވިއިރު، މިހާރު ހުރި ތޯމަސް ޓުޗެލްގެ ޗެލްސީ މިދިޔަ އަހަރުގެ ފައިނަލުގައި ބަލިކުރީ ލެސްޓާ ސިޓީ އެވެ.
އެފްއޭ ކަޕްގައި މި ފަހަރު މިޑްލްސްބަރާ އިން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކަޓުވާލިއިރު، މިރޭ މިޑްލްސްބަރާ ދަނޑުގައި ޗެލްސީ ނުކުތްއިރު އޮތީ ސަމާލުވެގެންނެވެ. ޗެލްސީން މިރޭ ލީޑުނެގި ގޯލަކީ 15 ވަނަ މިނިޓްގައި މޭސަން މައުންޓް އަރިމަތިން ނަގައިދިން ހުރަހަކުން ލުކާކޫ ޖެހި ގޯލުންނެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލުކާކޫ ޖެހި 12 ވަނަ ގޯލެވެ.
ޗެލްސީން ލީޑުނެގި ފަހުން މިޑްލްސްބަރާ އަށް ރަނގަޅަށް ހަަމަޖެހިނުލެވި އުޅެނިކޮށް، ޗެލްސީން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ މެޗުގެ 31 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ޖެހި ގޯލެކެވެ. އޭރިއާބޭރުން ޒިޔެޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ލުކާކޫ، އެ ޓީމުގެ ތިން ވަނަ ގޯލު ޖަހަން ފޮނުވާލި ބޯޅަ މިޑްލްސްބަރާ ކުޅުންތެރިން ވަނީ ގޯލު ރޮނގުމަތިން ނަގައިފަ އެވެ.
ދެ ވަނަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭނުންނުކުރެވިފަ އެވެ. ޗެލްސީގެ ގޯލުގައި ހުރި އެޑޮއާޑް މެންޑީ ކައިރިން ގޯލެއް ޖަހަން ކުރި މަސައްކަތް މިޑްލްސްބަރާ އަށް ކާމިޔާބެއްނުވި އެވެ.
އެފްއޭ ކަޕްގެ ސެމީގެ ބާކީ ތިން ޖާގަ ކަށަވަރުވާނީ މާދަމާރޭގެ މެޗުތަކަށް ފަހު އެވެ. މާދަމާ ކުޅޭ ކުއާޓާ ފައިނަލުގެ ތިން މެޗަށް ބަލާއިރު، ކްރިސްޓަލް ޕެލަސް ކުޅޭނީ އެވަޓަންއާ އެވެ. ސައުތެމްޓަން ދަނޑުގައި މެންޗެސްޓާ ސިޓީ ކުޅޭއިރު، ލިވަޕޫލުން ރަށުންބޭރުގައި ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓްއާ އެވެ. ނޮޓިންހަމް އިން ވަނީ އާސެނަލް، ލެސްޓާ ސިޓީ އަދި ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ.












