މެޑްރިޑް (މާޗް 19) - ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ސްޕެނިޝް ލީގުގެ ފޯރިގަދަ އެލް ކްލަސިކޯ މެޗާއި ފްރާންސްގެ މެޗުތައް ވެސް ނުކުޅެވޭނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލުން އާދިއްތަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކްލަސިކޯ މެޗުގައި ކުޅޭއިރު، ފްރާންސް އިން ވަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އައިވަރީ ކޯސްޓާއި ދެކުނު އެފްރިކާއާ ކުޅެން ނިންމައިފަ އެވެ. އެ މެޗުތަކަށް ނެގި ފްރާންސް ސްކޮޑުގައި އެންމެ ފުރަތަމަ ބެންޒެމާ، 34، ހިމެނި ނަމަވެސް މިހާރު ވަނީ ބާކީކުރަން ޖެހިފަ އެވެ.
ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ ކްލަސިކޯ މެޗުގައި ބެންޒެމާ ރިސްކު ކުރުވައިގެން ކުޅެން ބޭނުންނުވާ ކަމަށެވެ. އަދި ބޭނުންވަނީ ފްރާންސް މެޗުތަކުގައި ވެސް ނުކުޅެ އިންޓަނޭޝަނަލް ބްރޭކަށް ފަހު ބެންޒެމާ ރިކަވާވެގެން އެނބުރި ގެނައުމަށް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
ދާދި ފަހުން ޗެމްޕިއަންސް ލީގުން ފްރާންސްގެ ޕީއެސްޖީ ކަޓުވާލަން ހެޓްރިކް ހެދި ބެންޒެމާ، ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ މަޔޯކާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ޖެހި ގޯލުތަކާ އެކު ފްރާންސް ފުޓްބޯޅައިގެ މުހިންމު ރެކޯޑެއް ގާއިމްކޮށްފަ އެވެ. ބެންޒެމާ ވަނީ މިހާތަނަށް 413 ގޯލު ޖަހައި، ފްރާންސްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
މި ވަގުތު ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ބެންޒެމާ ވަނީ މިހާތަނަށް އެ ޓީމަށް ލީގުގައި 22 ގޯލު ޖަހައިދީފަ އެވެ. މުޅި ސީޒަނުގެ ޖުމްލަ އަށް ބަލާއިރު، ބެންޒެމާ ވަނީ 34 މެޗުން 32 ގޯލު ޖަހައިފަ އެވެ.
ރެއާލް، ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.












