އިނގިރޭސިވިލާތުގެ ބާމިންހަމްގައި މި އަހަރުގެ ޖުލައި މަހު އޮންނަ ކޮމަންވެލްތް ގޭމްސް އަށް ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޗެމްޕިއަން މޫސާ މުންސިފް ކޮލިފައިވެއްޖެ އެވެ.
ޖުލައި 28 އިން އޮގަސްޓް 8 އަށް އޮންނަ ކޮމަންވެލްތް ގޭމްސް އަކީ ރައްޖޭ އިން މި އަހަރު ވާދަކުރާނެ ފަސް ގޭމްސްގެ ތެރެއިން މި ވަގުތު އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ މުބާރާތެވެ. މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ދިވެހި އެތުލީޓުންނަށް ވަނީ އެކި ކުޅިވަރުތަކުން 17 ޖާގަ ލިބިފަ އެވެ.
ރާއްޖޭގެ ގައުމީ ޗެމްޕިއަން މުންސިފް މި ގޭމްސް އަށް ކޮލިފައިވެފައިވާއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމުވެސް ވަނީ މި ގޭމްސް އަށް ކޮލިފައިވެފަ އެވެ. އަދި ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމު އަންނަނީ މި ވަގުތު ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން ބުރުގައި ކުޅެމުންނެވެ.
މުންސިފް ވަނީ ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފަ އެވެ. އަދި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ނުވަ ފަހަރު ހޯދި އެވެ. މީގެ އިތުރުން އޭނާ ވަނީ 2005 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ ޓީމް އިވެންޓުން ތިން ވަނަ ހޯދި ޓީމުގައި އޭނާ ހިމެނެ އެވެ.
މުންސިފް ވަނީ މިހާތަނަށް ބައިނަލްއަގްވާމީ 17 ކުޅިވަރު މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. މިގޮތުން 2011، 2015، 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2006، 2010، 2016، 2019ގެ ސައުތު އޭޝިއަން ގޭމްސް، 2014 ގެ ކޮމަންވެލްތް ގޭމްސް އަދި 2008، 2013، 2015، 2016 ގެ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެ އެވެ. މި މުބާރާތްތަކުގެ އިތުރުން 2014 އަދި 2018 ގެ އޭޝިއަން ގޭމްސްގައި ވެސް މުންސިފް ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.
ޖުލައި މަހުގައި އޮންނަ ކޮމަންވެލްތު ގޭމްސް އަށް ރާއްޖެއިން ސީދާ ކޮލިފައިން ލިބުމުގެ ފުރުސަތު ދެން އެންމެ ބޮޑުކޮށް އޮތީ ބީޗް ވޮލީބޯޅަ އަށެވެ.
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހުރިހާ ގައުމެއް އަދި ފައިނަލް ނުވިކަމުގައި ވިޔަސް ގާތްގަނޑަކަށް 72 ގައުމުން މި ފަހަރުގެ ގޭމްސްގައި ވާދަކުރާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމަންވެލެތު ގޭމްސްގެ އިތުރުން މި އަހަރު ރާއްޖެ އިން އިތުރު ހަތަރު ގޭމްސް އެއްގައި ވާދަކުރާނެ އެވެ. އެއީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ.













