ހުލާސާކޮށް އިއްޔެ: އޭސީސީގެ ގާނޫނީ ހުސްކަން ނިމުމަކަށް ގެނެސް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން

Mar 18, 2022, 10:59 AM
އޭސީސީގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ފަސް މެމްބަރުންނަށް މަގާމުގެ ހުވާ ލައިދިނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާން -- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ފަސް މެމްބަރުންނަށް މަގާމުގެ ހުވާ ލައިދިނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާން -- ފޮޓޯ: ރައީސް އޮފީސް

ގާނޫނީ ހުސްކަމެއްގެ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން އައްޔަނު ކުރުމަށް ފަހު ހިޔާނާތަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލީ އިއްޔެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޭސީސީ އަށް އަލަށް އައްޔަނުކުރި ފަސް މެމްބަރުންނަށް މަގާމުގެ ހުވާ ލައިދިނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާނެވެ. މަގާމުގެ ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.

ކޮމިޝަންގެ އާ ދައުރުގެ ރައީސްއަކަށް އައްޔަން ކުރެއްވީ އާދަމް ޝާމިލެވެ. އަދި ނައިބަކަށް އަބްދުއްސަލާމް އެވެ.

ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފަ އެވެ.

ސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގަ އެވެ. އޭނާ ވެސް ތައުލީމް ހާސިލްކުރެއްވީ ގާނޫނީ ދާއިރާއިން ކަމަށެވެ.

ދެން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އައްޔަން ކުރެއްވީ ތޯހާ މުހައްމަދާއި، ޝަޒްނާ ހާޝިމް އަދި ޝިޔާމާ މުހައްމަދެވެ.

ތޯހާއަކީ ރައީސް އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ދަ ލިޓިޖެންޓްސް އެލްއެލްޕީ ލޯ ފާމްގެ ޕާޓްނަރެއް ވެސް މެއެވެ. ތޯހާ ވެސް ތައުލީމް ހާސިލްކުރީ ގާނޫނީ ދާއިރާއިންނެވެ.

ދެން އެ ކޮމިޝަނަށް އައްޔަން ކުރި ޝަޒްނާ ހާޝިމް އެންމެ ފަހުން ހުންނެވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެކައުންޓް ދާއިރާއިން ފުރަތަމަ ޑިގްރީ އޭނާ ހާސިލްކުރެއްވީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީންނެވެ.

ޝިޔާމާ މުހައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލު ކުރައްވާފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން

އެސެޓް ރިކަވަރީ ކޮމިޝަނަކީ ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގުކުރުމުގެ މަގުސަދުގައި ނޮވެންބަރު 17، 2018 ގައި ރައީސްގެ ހާއްސަ ގަރާރަކުން އުފެއްދި ކޮމިޝަނެކެވެ.

އެ ކޮމިޝަންގައި ތިއްބެވި މެމްބަރުން:

  1. އަހްމަދު އަސްއަދު
  2. އާސް އަބްދުﷲ
  3. އަލްއުސްތާޒު ނަދީމް އިބްރާހީމް
  4. އާމިނަތު ހަސަން
  5. ފާތިމަތު ސަރީރާ އަލީ ޝަރީފު

ކޮމިޝަން އުވާލުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް އިއްޔެ ރައީސް އޮފީހުން ބުންޏެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު، އެ ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ބޭރުކޮށްލި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ދަށު ކޯޓުގައި ފާހަގަނުކުރާ ވައިބާ ޗެޓްލޮގްތަކަކަށް ދައުލަތުން ހަވާލާދީފައިވާ މައްސަލާގައި ބޮޑު ބަހުސެއް ކޯޓުގައި ކުރީ އިއްޔެ އެވެ.
  • މީގެ 12 އަހަރު ކުރިން މާލޭގައި ހަދަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ހުކުމް، ސުޕްރީމް ކޯޓުން ދެމެހެއްޓީ އިއްޔެ އެވެ.
  • މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށް ދިނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެތުލީޓުންނާއި ކުޅިވަރު އާއިލާ ބަލައިގަނެ، ހިތްވަރުދީ، އަދި އަގުވަޒަންކުރުމަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބޭއްވުމަކީ މުހިންމު ކަމެއް ކަން ފާހަގަކުރަމުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ރޭ އޮތް ހަފްލާގައި ވިދާޅުވީ:

"އެކުވެރި ބައެއް ގައުމުތަކުގެ ވަޒީރުންނާއި ދުނިޔޭގެ ވަރުގަދަ ލެޖެންޑުންނާ އެކު، އެހެން ބައެއް ގައުމުތަކެކޭ އެއްފަދައިން މިއަދު މިއަޅަނީ ކުޑަ ގައުމަކުން ކުރިއަށް އަޅާ ބޮޑު ފިޔަވަޅެއް،"

ދުވަހުގެ ފޮޓޯ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަށް ރައީސް ސޯލިހު އެވޯޑް ހަވާލުކޮށްދެއްވަނީ. އޭނާއާ ވާދަކުރީ އައިމިނަތު ނަބީހާ އާއި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަށް ރައީސް ސޯލިހު އެވޯޑް ހަވާލުކޮށްދެއްވަނީ. އޭނާއާ ވާދަކުރީ އައިމިނަތު ނަބީހާ އާއި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަށް ރައީސް ސޯލިހު އެވޯޑް ހަވާލުކޮށްދެއްވަނީ. އޭނާއާ ވާދަކުރީ އައިމިނަތު ނަބީހާ އާއި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އެސެސްމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އޭސީސީސް ރެކޮމެންޑޭޝަންސް ޓު ޕަބްލިކް އިންސްޓިޓިއުޝަންސް"

މިއީ ސަރުކާރުގެ ވުޒާރާތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާ އެންގުންތަކަށް އަމަލުކުރާ މިންވަރު ދެނެގަތުމަށް އެ އިދާރާ އިން 2019 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ މިފަދަ އެންގުންތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ތަންފީޒުކުރާ ގޮތް މޮނީޓާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރެވޭޏެ ގޮތްތައް ވެސް ދެނެގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox