ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ހުކުރު ދުވަހު ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.
ޗައިނާއިން މިހާތަނަށް ރަޝިއާގެ އަމަލުތައް ކުށްވެރިކޮށްފައި ނުވާ އިރު، ހާލަތު ގޯސްކުރުމަށް އެމެރިކާ އާއި ނޭޓޯއިން މަގުފަހި ކުރުވި ކަމަށް ތުހުމަތު ކުރި އެވެ.
"ދެ ގައުމުގެ މެދުގައި އޮންނަ ވާދަވެރިކަން މެނޭޖް ކުރުމާއި، ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމަ އާއި އެހެން ކަންކަމާ ގުޅޭ މަޝްވަރާތައް ދެ ލީޑަރުން ކުރައްވާނެ،" ވައިޓް ހައުސްގެ ބަޔާނެއްގައި ބުންޏެވެ.
ޗައިނާއާ ގާތް ގުޅުމެއް އޮންނަ ރަޝިއާއާ ދުރުވުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ދަނީ ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ހަނގުރާމައަށް ތިން ހަފްތާ ވި އިރު ވެސް ޗައިނާގެ ވިސްނުމަށް ބަދަލެއް ނާދެ އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސް ޑިޕްލޮމެޓް ޔާންގް ޖިއެޗީ މި ހަފްތާގައި އިޓަލީގެ ރޯމްގައި ބައްދަލުކުރެއްވި އެވެ.
ވައިޓް ހައުސްއިން ބުނީ އެއީ "ހަރުދަނާ" ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ރަޝިއާ އާއި ޗައިނާ "ގުޅިގެން އުޅޭ" ކަމަށް ބުނެ، އެމެރިކާއިން ފަހުން ކަންބޮޑުވުން ފާޅުކުރި އެވެ.










