މާލޭގެ ލޯކަލް މާރުކޭޓަށް ރޯދަމަހު ބާރުބޮޑުވާތީ ހަދާ ވަގުތީ ދެ މާރުކޭޓްގެ ގޮޅި ހޯދަން ކުރިމަތިލުމުގެ މުއްދަތު ސިޓީ ކައުންސިލުން މިއަދު އިތުރުކޮށްފި އެވެ.
ސިޓީކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަގުތީ މާރުކޭޓްގެ ގޮޅިއަށް ކުރިމަތިލުވުމުގެ ސުންގަޑިއަކީ މިދިޔަ ބުރާސްފަތި ދުވަސް ކަމަށް ކުރިން އިއުލާނުކޮށްފައި އޮތަސް، އެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރުކީ އެ މުއްދަތު އިތުރުކޮށްދޭން ގިނަ ފަރާތްތަކަކުން އެދޭތީ ކަމަށެވެ.
ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވި ގޮތުގައި ރޯދަމަހަށް ހާއްސަކޮށްގެން މާލޭގައި ހަދާ ވަގުތީ މާރުކޭޓްގެ ގޮޅިތައް ހަދަނީ ދެ ސަރަހައްދެއްގަ އެވެ. އެއީ ދަރުބާރުގޭގެ އިރުން، އޮތް ސަރަހައްދުގައިވާ ހުސްތަނަކާއި ރަސްފަނުން ކައިރީގައި އޮތް ހުސްތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހު ގިނަ އަދަދެއްގެ މީހުން މާރުކޭޓަށް ދަނީ އެއް ގަޑިއެއްގައި ކަމަށް ވާތީ ލޯކަލް މާރުކޭޓް ސަރަހައްދަށް ވަރަށް ބާރުބޮޑުވެ އެވެ. އެކަމަށް ހައްލެއް ހޯދަން މީގެ ކުރިން ވެސް ވަގުތީ މާރުކޭޓްތައް ހެދި އެވެ.













