ލަންޑަން (މާޗް 12) - ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް، އިނގިރޭސިވިލާތުގައި ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓާލާން އެންގި އެންގުމުގެ ތެރެއިން ޗެލްސީ ހުއްޓުމަކަށް އައިސްފައިވަނިކޮށް، ބާކްލޭސް ބޭންކުން ޗެލްސީގެ އެކައުންޓްތައް ސަސްޕެންޑް ކުރުމާ އެކު އެ ކްލަބް، މާލީ އަޑިގަނޑެއްގެ ތެރެއަަށް ވެއްޓުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔާ، އަބްރަމޮވިޗް، އެ ކްލަބް ވިއްކާލަން ކުރަމުން އައި މަސައްކަތް ވެސް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ. އަބްރަމޮވިޗް, ޗެލްސީ ވިއްކާލަން ނިންމާފައިވާކަން އިއުލާނު ކޮށްފައިވާއިރު، މިހާރު އޮތްގޮތުން އެކަން ކުރެވެން ނެތީ އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ނިންމުމުންނެވެ. އެ ނިންމުމުގެ ތެރެއިން އަބްރަމޮވިޗްގެ އެސެޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. އަބްރަމޮވިޗަށް ފިޔަވަޅު އެޅީ ޗެލްސީ ބޭނުންކޮށްގެން އޭނާ އަށް މާލީ މަންފާއެއް ލިބުމުގެ ދޮރު މި ވަގުތަށް ހުރިހާ ގޮތަކުން ވެސް ބަންދުކުރުމުގެ ބޭނުމުގަ އެވެ.
އިއްޔެގެ ވަގުތެއްގައި ބާކްލޭސް ބޭންކުން ޗެލްސީގެ އެކައުންޓްތަކާއި ކްރެެޑިޓް ކާޑް ފެސިލިޓީސް ސަސްޕެންޑްކުރުމާ އެކު ކްލަބްގެ އެޑްމިނިސްޓްރޭޓިވް ކަންކަން ބޭނުންވާ ފައިސާ ވެސް ވަނީ އިންތިހާ އަށް ދަށްވެފަ އެވެ.
ބޭންކް އެކައުންޓްތައް ސަސްޕެންޑްވެފައި އޮވެ، ދުވަސްތައް ގުނަން ފަށައިފިނަމަ 17 ދުވަސް ތެރޭގައި ޗެލްސީ ހިންގަން ހުރި ފައިސާ ހުސްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިހާރު އޮތްގޮތުން ޗެލްސީން މަހަކު، ކްލަބްގެ މުސާރައިގެ ގޮތުގައި ދައްކަމުން އަަންނަ 28 މިލިއަން ޕައުންޑް (36 މިލިއަން ޑޮލަރު) ދެއްކޭނެ ގޮތެއް ވެސް ނެތެވެ.
ޗެލްސީ އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ކްލަބަށް ދީފައިވާ، އޮޕަރޭޝަންސް ހުއްދަ، ލައިސަންސްގައިވާ ގޮތުން އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށް ގާތްގަނޑަކަށް 652،000 ޑޮލަރު ހަރަދުކުރެވޭނެ އެވެ. އަދި ރަށުންބޭރުގައި ކުޅޭ މެޗަކަށް ހަރަދުކުރެވޭނީ 26،000 ޑޮލަރެވެ. މިއީ ވެސް އެ ކްލަބުން ކުރަން ޖެހިފައިވާ ކަންކަމަށް ބަލާއިރު، އޮތް ބޮޑު ބޮލުގެ ރިހުމެކެވެ.
އިނގިރޭސި ސަރުކާރުން ފިޔަވަޅު މި އެޅި މުއްދަތުގައި ޗެލްސީ ވިއްކާލުމުގެ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުގެންދެވޭނެ އެވެ. އަދި ޗެލްސީގެ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ވެސް ނުވިއްކޭ ގޮތަށް އޮތްއިރު، މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށެވެ. މީގެ އިތުރުން ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމާ އެހެނިހެން ކަންކަން ވެސް މި ވަގުތު ނުކުރެވޭނެ އެވެ. އަދި ކްލަބްގެ ރަސްމީ ފިހާރަތަކުން އެއްވެސް އެއްޗެއް ނުވިއްކޭ ގޮތަށް އުސޫލު އޮތްއިރު، ޗެލްސީ ދަނޑަށް އިދިކޮޅު ސަޕޯޓަރުންނަށް ވެސް ޓިކެޓް ގަނެގެން ނުވަދެވޭނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ވަގުތު ހާލަތުގެ ގޮތުން ޗެލްސީ ވިއްކާލުމުގެ ކަމެއް ކުރިއަށް ގެންދެވޭނީ އެ ޑީލް ނިމޭއިރު، އަބްރަމޮވިޗަށް އަދި ރަޝިއާގެ އެއްވެސް ވިޔަފާރިއަކަށް ފައިދާނުވާނެކަން އިނގިރޭސި ރަސްމީ އިދާރާތަކަށް ކަށަވަރުކޮށްދޭން ވަކި އެއްބަސްވުމެއް ހަދައިގެންނެވެ.
އަބްރަމޮވިޗް، 2003 ވަަނަ އަހަރު ޗެލްސީ ގަތީ 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. އަބްރަމޮވިޗްގެ ވިސްނުން ހުރީ ހަތަރު ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ޗެލްސީ ވިއްކާލުމަށެވެ.
ޗެލްސީގެ ޖޯޒީގެ މެއިން ސްޕޮންސަރުން ކަމަށްވާ ތުރީ އާއި ކިޓް ޕާޓްނަރު ނައިކީ ވެސް ވަނީ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ހުށަހަޅައިފަ އެވެ. ޗެލްސީން 52 މިލިއަން ޑޮލަރުގެ އަގަކަށް ތުރީއާ އެކު ސޮއިކޮށްފައިވާ އެގްރީމެންޓް ބާތިލްކުރަން އެ ކުންފުނިން ޗެލްސީ އަށް ވަނީ އަންގައިފަ އެވެ.
ޗެލްސީއާ އެކު 2016 ވަނަ އަހަރު ނައިކީން 15 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރީ ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ އަގަކަށެވެ. ނައިކީން ވަނީ މިހާރު އޮތް ޗެލްސީގެ އެޑްމިިނިސްޓްރޭޝަނާ އެކު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ބުނެ، އެ ކޮންޓްރެކްޓް އުވާލަން އަންގައިފަ އެވެ.
މިހާރު ޗެލްސީ ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް އޮތީ މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. މާނަ އަކީ މިހާރު މި ކުރިއަށްދާ ގޮތަށް ޗެލްސީ ހިންގުމުގެ ކަންކަން ކުރިއަށްގެންދެވޭނީ އެހާތަނަށެވެ. ޗެލްސީގެ މިހާރު އޮތް މެނޭޖްމަންޓުން އިނގިރޭސި ސަރުކާރާ ވާހަކަ ދައްކައިގެން ހާއްސަ ހުއްދައެއްގެ ދަށުން ވިޔަސް އެހާތަނަށް ޗެލްސީ ވިއްކާލުމުގެ ކަންކަން ނިންމަން ޖެހޭނެ އެވެ. ނުނިންމައިފިނަމަ، އެޑްމިނިސްޓްރޭޝަން އަދަބެއްގެ ތެރެއިން ޗެލްސީ ދަށް ޑިވިޝަނަކަށް ސޮއްސާލުމުގެ ބިރު ވެސް އެބައޮތެވެ.
ޕްރިމިއާ ލީގުގެ ކޯޗުންގެ ވިސްނުންތައް
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ކްލަބްގެ ވަށައިޖެހޭ މާހައުލުގެ ހާލަތު ވަރަށް ގޯސްކޮށް އޮއްވައި، ހަމައެކަނި ފުޓްބޯޅަ އަށް ފޯކަސްކޮށްގެން އޭނާގެ ވަޒީފާ އެންމެ ރަނގަޅަށް އަދާކުރަން އުޅުމަކީ ކިތަންމެ ކުރަން އުޅުނަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ މިހާރު ޓޮޓެންހަމާ ހަވާލުވެހުރި ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޔޫކްރެއިނާއި ރަޝިއާއާ މެދުގައި ކުރެވޭ ހަނގުރާމައެއްގެ ސަބަބުން ފުޓްބޯޅަ ދުނިޔޭގައި ތިބި ބަޔަކަށް މި ޖެހޭ ހާލަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އުންމީދަކީ މީގެ ވަރަށް އަވަސް ހައްލުތަކެއް އައުން ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ އުންމީދަކީ ޗެލްސީގެ މުވައްޒަފުންނަށް ވީ އެންމެ އަވަހަށް ރަނގަޅު ގޮތްތަކެއް މެދުވެރިވުން ކަމަށެވެ. ކްލޮޕްގެ ނަޒަރުގައި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް ފިޔަވަޅު އެޅުމަކީ އިނގިރޭސި ސަރުކާރުގެ ރަނގަޅު ނިންމުމެކެވެ. އެއީ އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލަޑިމިއޭ ޕުޓިންގެ އަރިސް މީހަކަށްވާތީ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް، ބުނީ މިި ވަގުތު ހަނގުރާމައިގެ ސަބަބުން އަސަރު އެކުރަނީ ހަމައެކަނި ޗެލްސީ އަށް ކަމުގައި ވިޔަސް ކައިރި މުސްތަގުބަލެއްގައި ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ކަންކަމުގެ ސަބަބުން އެކި ޓީމުތަކަށް އެކިއެކި ގޮތްގޮތުން އަސަރުކުރާނެ ކަމަށެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އާއި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ޗެލްސީގެ ކޯޗު ޓުޗެލް އަށް މި ވަގުުތު އޮންނާނެ އެންމެ ބޮޑު ޗެލެންޖަކީ ކުޅުންތެރިން ފޯކަސްކޮށް ބަހައްޓައިގެން މެޗަށް ނެރުން ކަމަށެވެ.












