ލަންޑަން (މާޗް 10) - ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް، އެ ކްލަބް ވިއްކާލަން ކުރަމުން އައި މަސައްކަތް މަޑުޖައްސާލަން ޖެހިއްޖެ އެވެ.
އަބްރަމޮވިޗް, ޗެލްސީ ވިއްކާލަން ނިންމާފައިވާކަން އިއުލާނު ކޮށްފައިވާއިރު، މިހާރު އޮތްގޮތުން އެކަން ކުރެވެން ނެތީ އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ނިންމުމުންނެވެ. އެ ނިންމުމުގެ ތެރެއިން އަބްރަމޮވިޗްގެ އެސެޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.
އަބްރަމޮވިޗްގެ އިތުރުން ރަޝިއާއާ ބައިވެރިވުން އޮންނަ ގިނަ ވިޔަފާރިތަކަކަށް އިނގިރޭސި ސަރުކާރުން މިއަދު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަބްރަމޮވިޗަށް ފިޔަވަޅު އެޅީ ޗެލްސީ ބޭނުންކޮށްގެން އޭނާ އަށް މާލީ މަންފާއެއް ލިބުމުގެ ދޮރު މި ވަގުތަށް ބަންދުކުރުމުގެ ބޭނުމުގަ އެވެ.
އިނގިރޭސި ސަރުކާރުން ފިޔަވަޅު މި އެޅި މުއްދަތުގައި ޗެލްސީ ވިއްކާލުމުގެ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުގެންދެވޭނެ އެވެ. އަދި ޗެލްސީގެ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ވެސް ނުވިއްކޭ ގޮތަށް އޮތްއިރު، މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށެވެ.
މީގެ އިތުރުން ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމާ އެހެނިހެން ކަންކަން ވެސް މި ވަގުތު ނުކުރެވޭނެ އެވެ. އަދި ކްލަބްގެ ރަސްމީ ފިހާރަތަކުން އެއްވެސް އެއްޗެއް ނުވިއްކޭ ގޮތަށް އުސޫލު އޮތްއިރު، ޗެލްސީ ދަނޑަށް އިދިކޮޅު ސަޕޯޓަރުންނަށް ވެސް ޓިކެޓް ގަނެގެން ނުވަދެވޭނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ވަގުތު ހާލަތުގެ ގޮތުން ޗެލްސީ ވިއްކާލުމުގެ ކަމެއް ކުރިއަށް ގެންދެވޭނީ އެ ޑީލް ނިމޭއިރު، އަބްރަމޮވިޗަށް އަދި ރަޝިއާގެ އެއްވެސް ވިޔަފާރިއަކަށް ފައިދާނުވާނެކަން އިނގިރޭސި ރަސްމީ އިދާރާތަކަށް ކަށަވަރުކޮށްދޭން އެއްބަސްވުމެއް ހަދައިގެންނެވެ.
އަބްރަމޮވިޗް، 2003 ވަަނަ އަހަރު ޗެލްސީ ގަތީ 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. އަބްރަމޮވިޗްގެ ވިސްނުން ހުރީ ހަތަރު ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ޗެލްސީ ވިއްކާލުމަށެވެ.
ރަޝިޔާގެ ކުރީގެ ޖާސޫސަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2018 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނިންމީ އަބްރަމޮވިޗް ހިމެނޭ ގޮތަށް ރަޝިއާގެ ގިނަ މަހުޖަނުންގެ އިންވެސްޓްމަންޓް ވިސާ އާ ނުކޮށްދޭށެވެ. އެހެންވެ، އެ ފަހަރު އަބްރަމޮވިޗް ވަނީ އިޒްރޭލުގެ ރަށްވެހިކަން ހޯދައިފަ އެވެ.
އިޒްރޭލުގެ ޓެލް އަވީވްގައި ދިރިއުޅެމުން އަންނަ އަބްރަމޮވިޗަށް ޔަހޫދީންނަށް ދޭ ހާއްސަ ކްރައިޓީރިއާ އަކުން ޕޯޗުގީސް ރަށްވެހިކަން ވެސް ދާދި ފަހުން ދީފައިވާއިރު، އަބްރަމޮވިޗް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެލްސީ މެޗަކަށް ލަންޑަނަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހު އިޒްރޭލް ރަށްވެއްސެއްގެ ގޮތުގަ އެވެ.
ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި އިނގިރޭސި ސަރުކާރުން ވަނީ އެއްވެސް ސިފައެއްގައި އަބްރަމޮވިޗަށް އިންގްލެންޑްގައި ނޫޅެވޭނެ ކަމަށް ނިންމައިފަ އެވެ.












