ބެލްގްރޭޑް، ސާބިއާ (މާޗް 10) - ދާދި ފަހުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ގެއްލުނު ސާބިއާގެ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް، އެމެރިކާގައި ކުރިއަށް އޮތް ދެ ޓެނިސް މުބާރާތް ކަމަށްވާ އިންޑިއަން ވެލްސް އާއި މަޔާމީ އޯޕަންގައި ބައިވެރިނުވާނެ ކަމަށް ބުނެފި އެވެ.
ޖޮކޮވިޗް، މި ދެ މުބާރާތުގައި ވެސް ބައިވެރިނުވާން ނިންމަން ޖެހުނީ ކޮވިޑް-19ގެ ވެކްސިން ނުޖަހައި ހުރުމުން، އެމެރިކާ އަށް އެތެެރެވުމުގައި މައްސަލަތަކެއް ކުރިމަތިވާނެތީ އެވެ. ޖޮކޮވިޗް ކުރި ޓްވީޓެއްގައި ވެސް ވަނީ މުބާރާތުގެ ބައެއް ގަވާއިދުތައް ހުރި ގޮތުންނާއި އެމެރިކާ އަށް އެތެރެވުމުގެ އުސޫލުތައް ހުރި ގޮތުން އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިއުމުން ދެ ފަހަރެއްގެ މަތިން ކޯޓުގައި ކުރިއަށްދިޔަ ކޮވިޑް-19ގެ ވެކްސިން މައްސަލައެއްގައި ޖޮކޮވިޗް އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލި އެ ގައުމުގެ އިމިގްރޭޝަނުންނެވެ. އެއީ ވެކްސިން ނުޖަހައި ހުރިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި ހުރި މުއްދަތެއްގައި އުސޫލާ ހިލާފަށް ކަންތައްތަކެއް ކުރެވުނުއިރު، އޮސްޓްރޭލިއާގެ ވިސާ ފޯމުގައި ގޯސް މައުލޫމާތެއް ހިމަނާފައިވާތީ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ހިތި ތަޖުރިބާގެ ފަހުން ރަސްމީ މެޗެއްގައި ނުކުޅެ ހުރެފައި ޖޮކޮވިޗް ފުރަތަމަ ކުޅުނު މުބާރާތަކީ މިދިޔަ މަހު ދުބާއީގައި ކުރިއަށްދިޔަ ޑިއުޓީ ފްރީ ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުން ޖޮކޮވިޗް ކެޓީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޔިރީ ވެސެލީ އަތުން ބަލިވެގެންނެވެ.
ދުބާއީ މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ޖޮކޮވިޗަށް ވަނީ ދުނިޔޭގެ ރޭންކިން އެއް ވަނަ ގެއްލިފަ އެވެ. ކޮވިޑް-19 ވެކްސިން މައްސަލައިގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޖޮކޮވިޗަށް، ރޭންކިން އެއް ވަނަ ގެއްލުނީ 361 ހަފްތާގައި މަގާމު ދެމެހެއްޓި ފަހުންނެވެ. ޖޮކޮވިޗަކީ އެންމެ ދިގު މުއްދަތަކަށް ރޭންކިން އެއް ވަނަ ދެމެހެއްޓުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.
ދާދި ފަހުން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް ވަނީ ކޮވިޑް-19 އަށް ވެކްސިން ނުޖަހައިގެން ޓެނިހުގެ ބޮޑެތި މުބާރާތްތައް (ގްރޭންޑް ސްލޭމް)ތަކުގައި ނުކުޅެވުނު ކަމުގައި ވިޔަސް އެކަމާ މާބޮޑު ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.












