ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބަކުން އަންހެން ކުޅުންތެރިންނަށް ހާއްސަ އެކެޑަމީއެއްގެ މަސައްކަތް ކްލަބް އީގަލްސް އިން ދާދިފަހުން ފެށިއިރު، އެ ކްލަބްގެ ޗެއާޕާސަން، ފާތިމަތު ސުއާދު (ތާތު)ގެ ވިސްނުމަކީ ފުޓްބޯޅައިގެ ބޭރުން ވެސް އީގަލްސް ކުޅިވަރުގެ މައިދާނަށް އިތުރަށް ފުޅާކުރުން ކަމަށް ވިދާޅުވެއްޖެ އެވެ.
އީގަލްސް އިން މިދިޔަ ހަފްތާގައި އަންހެން ކުދިންނަށް ހާއްސަ އެކެޑަމީއެއްގެ މަސައްކަތް ފެށިއިރު، ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ މުހައްމަދު ފަރީދު (ފަރިއްޓެ) އާއި ގައުމީ އަންހެން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ހައްވާ ހަނީފާ އާއި ޝިޔާނާ ޒުހައިރު (ތާތީ) އެވެ.
ކްލަބް އީގަލްސް އިން އަންހެން އެކެޑަމީއެއް ފަށައި އަންހެން ޓީމެއް އެކުލަވާލުމަށް ފުރަތަމަ ބޭއްވީ މިދިޔަ ޖެނުއަރީ މަހު ޓްރެއިނިން ކޭމްޕެކެވެ. އެއީ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މުހައްމަދު (މާޔަން) އިސްވެ ހިންގާ ވިމެން ފުޓްބޯލް ކްލަބާ ގުޅިގެންނެވެ. ދިހަ ވަރަކަށް ދުވަހަށް ހިންގި އެ ކޭމްޕްގައި ފެނުނު މަންޒަރާއާ އެކު އީގަލްސް އިން އަންހެން އެކެޑަމީގެ މަސައްކަތް ފަށަން އަވަސްވެގަތެވެ.
"އަންހެން އެކެޑަމީގެ މަސައްކަތް އެއީ، ތާތު، ޗެއާޕާސަން އަކަށް ވީ ހިސާބުން ފެށިގެން ވެސް ޕްލޭން ކުރަމުން އައި ކަމެއް. އީގަލްސް އިން ތާތު ޗެއާޕާސަން ކަމަށް ނެގިއިރު ވެސް ތާތު އަށް ފެނުނީ އަންހެން ކުދިންނަކަށް އެއްވެސް އެެކެޑަމީއަކުންނެއް ނީނދެއޭ ހާއްސަކޮށެއް. އަބަދުވެސް މި އިންނަނީ ފިރިހެން ކުދިންނަށޭ. މިދިޔަ އަހަރުން ފެށިގެން ވެސް މި މަސައްކަތް ކުރަނީ ދަނޑެއް ލިބޭތޯ ސަރުކާރުން ވިޔަސް މިހާތަނަށް ޑިލޭ ވެފައި އިނީ ޓާފެއް ނުލިބިގެން،" ތާތު، "އަދަދު" އަށް ވިދާޅުވި އެވެ.

އީގަލްސްގެ އަންހެން އެކެޑަމީގައި ހިމެނޭ ބައެއް ކުޅުންތެރިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
"ވަރަށް ފިރިހެން ކުދިންގެ ކުޅިވަރަކަށް ފުޓްބޯޅަ ރާއްޖޭގައި މި އިންނަނީ. އެހެންވީމަ އެ ސްޓިގްމާ ބަދަލުކުރަން ކުރަން ބޭނުންވީ،"
ތާތު ވިދާޅުވީ އެފްއޭއެމުން ވެސް އަންހެން ކުދިންނަށް އެކެޑަމީއެއް ހިންގާ ކަމަށާއި އެކަމަކު، އެ އެކެޑަމީގައި އުމުރުފުރާ ގޮތަށް ބަހާލާފައި، އިންނަ ޝެޑިއުލްގެ ގޮތުން ހަފްތާ އަކު އެއް އުމުރުފުރާ އަށް ލިބެނީ އެއް ދުވަސް ކަމަށެވެ. އެހެންވެ، އެ ވަރަށް ޓްރެއިން ކޮށްގެން އަންހެން ކުދިން އެންމެ ރަނގަޅަށް ކުރިއަށްދިއުމުގެ ކަންކަން ނުވާނެތީ ކްލަބްތަކުން ވެސް މި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ތާތު ގަބޫލުކުރައްވަ އެވެ.
"ފިރިހެން ކުދިން މި ޓްރެއިން ކުރާގޮތަށް އަންހެން ކުދިން ވެސް ކުރޭ، ދެން އީގަލްސް އިން އިއުލާންކޮށްލީމަ ވަރަށް ރަނގަޅު މީގެ ތަރުހީބު. އެއީ މުސްތަގުބަލެއް ބިނާކުރަން ކުރާ މަސައްކަތެއް މިއީ. އެެކަޑަމީ އަށް ޖޮއިން ކުރަން ފަސް އަހަރުން މަތި މި ބަލަނީ. ދެން ބޮޑުވެގެން ލިމިޓެއް ނެތް، ޖޮއިންކުރަންވީ،" އޭނާ ވިދާޅުވި އެވެ.
އަށްޑިހައިގެ ފަހު ކޮޅު މާފަންނުން ވުޖޫދުވި ކްލަބް އީގަލްސް 2010 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނައިރު، އެ ކްލަބްގެ ކާމިޔާބީގައި އެންމެ ހާއްސަ މުބާރާތަކީ ޔޫތު ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބްގެ ޝަރަފް އޮތް އީގަލްސް އިން ވަނީ އެ މުބާރާތުގެ ތެރެއިން ކުޅުންތެރިން ޑިވެލޮޕްކޮށް، ސީނިއާ ޓީމަށް ކުޅުންތެރިން ޕްރޮމޯޓްކޮށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން އީގަލްސް އަށް ލިބުނު ހާއްސަ ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އެވެ.

އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ތާތު ޓްރޮފީ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް
ތާތު ވިދާޅުވީ އަންހެން އެކެޑަމީގެ މަސައްކަތް ފަށައި، ފިރިހެން ޓީމުގެ މަސައްކަތް ވެސް ރަނގަޅަށް ގެންދަން ބޭނުންވާ ކަމަށެވެ. މީގެ އެންމެ ބޮޑު އުންމީދަކީ އީގަލްސް މުޅި ކުޅިވަރުގެ ތެރެއަށް ފުޅާވެގެންދިއުން ކަމަށް އޭނާ ވިދާޅުވި އެެވެ.
އީގަލްސް އަކީ ހަަމައެކަނި ފުޓްބޯޅަ ކްލަބެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކުރުމަކީ ކްލަބް ކުރިއަށްގެންދަން މުހިންމު ބަދަލަކަށްވާނެ ކަމަށް ތާތު ވިދާޅުވި އެވެ.
"ފިރިހެން ކުދިންގެ ބައި އީގަލްސްގައި މި އިންނަނީ އެސްޓަބްލިޝްޑްވެފައި. އެ ބައި ވެސްކުރިއަށްދާނެ. ދެން އަސްލު މިހާރު އަޅުގަނޑުމެން ފޯކަސްކޮށްފައި އިނީ. މިއީ ހަަމައެކަނި ފުޓްބޯޅަ އަށް އޮތް ކްލަބެއް ނޫނޭ މިއީ. ވަރަށް ފަހުން ބިލިއާޑްގައި ބައިވެރިވެގެން ވެސް ޗެމްޕިއަންކަން ލިބިއްޖެއޭ. އެހެން ކުޅިވަރުތައް ވެސް ބަލަންޖެހެއޭ،" ޕްލޭނަށް އިޝާރާތްކޮށް ތާތު ވިދާޅުވި އެވެ.
"ވޮލީބޯޅަ ވެސް މުބާރާތެއް ނެތީމަ މި ބައިވެރިނުވަނީ. ބޭނުމަކީ އީގަލްސް އެކްސްޕޭންޑް (ފުޅާކުރުން). މިއީ ކްލަބް އީގަލްސް. ހަމައެކަނި ފުޓްބޯޅަ ކްލަބެއް ނޫން. މި ކްލަބް ފުޅާކޮށްލީމަ މީގެ އަށް ވަންނަ މީހުންގެ މައިންޑް ވެސް ފުޅާ އެބަވޭ ކުޅިވަރަށް،"
މި އަހަރު އެފްއޭއެމުން 19 އަހަރުން ދަށަށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީގަލްސް އިންނެވެ. އީގަލްސްގެ ސީނިއާ ލީޑަޝިޕުން ވަނީ ޔޫތު ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކުރަން ޓާފް ދަނޑުގައި އިވެންޓެއް ބާއްވައިފަ އެވެ.













