ކޮމަންވެލްތު ގޭމްސް: ރޭންކިންގެ ގަދަ 16 ގައި ހިމެނި ރާއްޖޭގެ ޓީޓީ ޓީމު ކޮލިފައިވެއްޖެ

Mar 6, 2022, 9:47 AM
ކޮމަންވެލްތު ގޭމްސް: ރޭންކިންގެ ގަދަ 16 ގައި ހިމެނި ރާއްޖޭގެ ޓީޓީ ޓީމު ކޮލިފައިވެއްޖެ

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މި އަހަރުގެ ޖުލައި މަހު އޮންނަ ކޮމަންވެލްތް ގޭމްސް އަށް ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް ކޮލިފައިވެއްޖެ އެވެ.

ޖުލައި 28 އިން އޮގަސްޓް 8 އަށް އޮންނަ ކޮމަންވެލްތް ގޭމްސް އަކީ ރައްޖޭ އިން މި އަހަރު ވާދަކުރާނެ ފަސް ގޭމްސްގެ ތެރެއިން މި ވަގުތު އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ މުބާރާތެވެ. މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ދިވެހި އެތުލީޓުންނަށް ވަނީ އެކި ކުޅިވަރުތަކުން 17 ޖާގަ ލިބިފަ އެވެ. އަންހެން ޓީޓީ ޓީމު ސީދާ ކޮލިފިކޭޝަންގެ ތެރެއިން ކަމަށްވުމާ އެކު މިއީ ރާއްޖެ އަށް ލިބުނު އިތުރު ސްލޮޓެކެވެ.

މި ގޭމްސް އަށް ކޮލިފައިން މުބާރާތްތަކެއް މިދިޔަ މަހާއި މި މަހު ކުޅެން ނިންމި ނަމަވެސް ފަހު ވަގުތު މި މެޗުތައް ނުކުޅެ ރޭންކިން އަށް ބަލައި ގަދަ 16 ޓީމަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމަށް ފުރުސަތު ލިބުނީ ގޭމްސްގައި ހިމެނޭ ގައުމުތަކުގެ ރޭންކިން އަށް ބަލާއިރު ގަދަ 16 ޓީމުގެ ތެރޭގައި ހިމެނޭތީ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ގަދަ 16 ޓީމަށް ފުރުސަތު ދޭން ކޮމަންވެލްތު ގޭމްސް ފެޑަރޭޝަނުން ނިންމީ ބައެއް ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ކޮލިފައިން މުބާރާތް ކުރިއަށް ގެންދަން އުނދަގޫވާނެތީ އެވެ.

"އަޅުގަނޑުމެންގެ އަންހެން ޓީމު އެބަހިމެނޭ ގަދަ 16 ގެ ތެރޭގައި. އެގޮތަށް ބަލާފައި ކޮލިފައިވީ. މިވަގުތު ރޭންކިން އަށް ބަލާއިރު ރާއްޖެއަށް ފަހިވި ފުރުސަތެއް މިއީ،" އައްޔަ ވިދާޅުވި އެވެ.

އައްޔަ ވިދާޅުވީ މި ފުރުސަތު ލިބުމާ އެކު އެންމެ ފުރަތަމަ ވެސް މި މަސައްކަތްކުރަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އެ ގޮތުން ޓީމުގެ ތަމްރީންތައް ކުރިއަށްގެންދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާތައް ފަށާފައިވާނެ ކަމަށް އައްޔަ ވިދާޅުވި އެވެ.

މާލޭގައި ހުންނަ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރަސްމީ ހޯލް މި ވަގުތު ވަނީ މަރާމާތަށް ބަންދުކޮށްފަ އެވެ. އެހެންވެ، ގައުމީ ޖޫނިއާ ޓީމާއި ސީނިއާ ޓީމު ވެސް ފަރިތަކުރަމުން އަންނަނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޓީޓީ ހޯލުގަ އެވެ.

އައްޔަ ވިދާޅުވީ ކޮމަންވެލްތް ގޭމްސް އަކީ ރާއްޖޭގެ ޓީޓީ އަށް ލިބޭ ބޮޑު ފުރުުސަތެއް ކަމަށާއި، އެހެންކަމުން މި މުބާރާތަށް ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށެވެ. އެހެންވެ، މުބާރާތުގެ ކުރިން ރާއްޖެ އިން ބޭރަށް ޓީމު ފޮނުވައިގެން ތަމްރީން ހެދުމަކީ މައިގަނޑު ވިސްނުން ކަމަށާއި، އެ ކަމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް އައްޔަ ވިދާޅުވި އެވެ.

"ބޮޑަށް ރާއްޖެއިން ބޭރުގައި ތަމްރީން ހެދޭނެ ގޮތެއް މި ބަލަނީ. ރޯދަ މަހަށް ފަހު އެކަންކަން ހަމަޖެހޭނެ ކަމަށް މި ބަލަނީ،" އައްޔަ ވިދާޅުވި އެވެ.

ޓީމު ކުޅިވަރުތަކަށް ބަލާއިރު ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމަކާއި ކާމިޔާބީތަކެއް ހޯދި އެއް ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. އެ ގޮތުން އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދައި، އަންހެން ޑަބަލްސް އަދި އަންހެން ސިންގަލްސް ރަން މެޑަލް ވެސް ރާއްޖެ އިން ހޯދި އެވެ. އެ މުބާރާތުން ރިހި ދެ މެޑަލް ވެސް ރާއްޖެ އިން ހޯދި އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑަލް ވެސް ހޯދައިފަ އެވެ.

ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހުރިހާ ގައުމެއް އަދި ފައިނަލް ނުވިކަމުގައި ވިޔަސް ގާތްގަނޑަކަށް 72 ގައުމުން މި ފަހަރުގެ ގޭމްސްގައި ވާދަކުރާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމަންވެލެތު ގޭމްސްގެ އިތުރުން މި އަހަރު ރާއްޖެ އިން އިތުރު ހަތަރު ގޭމްސް އެއްގައި ވާދަކުރާނެ އެވެ. އެއީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox