މެޑްރިޑް (މާޗް 6) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 4-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ރެއާލް އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 27 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 26 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ބާސެލޯނާ އާއި ފަސް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތީ 45 ޕޮއިންޓެވެ. އެތުލެޓިކޯ އިން 26 މެޗު ކުޅެފައިވާއިރު، ބާސެލޯނާގެ އެއް މެޗު މަދެވެ.
ރެއާލް ދަނޑުގައި ރޭ ލީޑުނެގީ ޕެނަލްޓީ އަކުން ސޮސިއެޑާޑް އިންނެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ރެއާލްގެ ޑެނީ ކާވަހާލް ސޮސިއެޑާޑްގެ ޑޭވިޑް ސިލްވާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ މިކޭލް އޮޔާޒަބާލް ވަނީ ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ ގޯލު ޖަހައި ރެއާލުން ނަތީޖާ އަނބުރާލިއެވެ. މެޗުގެ 40 ވަނަ މިނިޓްގައި ރެއާލަށް އެއްވަރުކޮށްދިން ގޯލު ޖެހީ އެޑޮއާޑޯ ކަމަވިންގާ އެވެ. އޭރިއާބޭރުން ކަމަވިންގާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ރެއާލަށް ލީޑުނަގައިދިން ގޯލު ޖެހީ ލޫކަ މޮޑްރިޗް އެވެ. އޭރިއާބޭރުން މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ރެއާލުން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. ރެއާލްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 76 ވަނަަ މިނިޓްގައި ޕެނަލްޓީ އަކުން ކަރިމް ބެންޒެމާ އެެވެ. މިއީ ވިނީޝިއުސް ޖޫނިއާ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓި އެކެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއިން ކާވަހާލް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން މާކޯ އަސެންސިއޯ ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހި އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އޮސަސޫނާ ވަނީ 1-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. އެސްޕަންޔޯލުން 2-0 އިން ގެޓަފޭގެ މައްޗަށް ކުރިހޯދިއިރު، ވެލެންސިއާ އިން ގްރަނާޑާ ބަލިކުރީ 3-1 އިންނެވެ.












