ތަރައްގީގައި ކުރިއަށް ދިއުމަށްޓަކައި ދިގު ރާސްތާގެ ތަރައްގީގެ ޕްލޭނެއް ރާއްޖެ އަށް ބޭނުންވާ ކަމަށް އދ. އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއެއްގައި ކެތަރިން ވިދާޅުވީ އދ. ގެ މެންބަރު 193 ގައުމަށް ބަލާއިރު ވެސް ތަރައްގީވެފައި ވަނީ ދިގު ރާސްތާގެ ޕްލޭނެއް ގެންގުޅުނު ގައުމުތަކުން ކަމަށާއި ރާއްޖެ އިން ވެސް އެ މަގަށް ދަތުރުކުރަން ޖެހޭ ކަމަށެެވެ.
"ތަކުރާރުކޮށް މި ދައްކާ ވާހަކަ އަކީ، އުމުރާނީ ސީލަތްތަކަށް ވުރެ މުހިންމީ މީހުން ބިނާ ކުރުމޭ، ތަރައްގީ ވާނީ މީހުން ކުރިއަރައިގެން، ދިގު ރާސްތާގެ ޕްލޭނެއް އެބަ އޮންނަން ޖެހޭ، އެހެން ކަންކަމުގެ ކުރިއަށް އެ ޕްލޭން އެބަ ނެރެން ޖެހޭ،" ކެތަރިން ވިދާޅުވި އެވެ.
ކެތަރިން ވިދާޅުވީ ތަރައްގީގެ ޕްލޭނަށް ވުޖޫދަށް ގެނައުމަށް ހުރިހާ އިދާރާއެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ދެމެހެއްޓެވިނި ތަރައްގީގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށް އެންމެން ވެސް ގަބޫލުކުރޭ، އެކަމަކު އެކަކުގެ ވެސް ހިތްވަރެއް ނެތް މަޖިލީހާ ހަމައަށް ގެންގޮސް އެންމެން އެއްބަސް ކުރުވާކަށް، އެއަށްވުރެ ސިޔާސީ ވާދަވެރިކަން މާ ބޮޑު."

ކެތަރިން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު އެންމެ ފަހުން ދެއްވި ރިޔާސީ ބަޔާނަކީ އުންމީދީ ބަޔާނެކެވެ. އދ. ގެ މެންބަރު ގައުމުތަކުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ރައީސް އިސްކަން ދެއްވާފައިވާކަން އެ ބަޔާނުން ފާހަކަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫ އަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން، އެކަށީގެންވާ ތަޢުލީމާ ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފާ އޮތުން، އިންސާނީ ވަސީލަތް ފައްކާވެ، އަރާ އަރަފޯދުމަށް ވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ،" މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު ދެއްވި، ރިޔާސީ ބަޔާނުގަ ރައީސް ސޯލިހު ވިދާޅުވި އެވެ.
ކެތަރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އދ. އިން އަދާކުރާ އެންމެ ބޮޑު ދައުރަކީ، 2030 ގެ ނިޔަލަށް ހާސިލް ކުރުމަށް، މެންބަރު ގައުމުތަކުން އެއްބަސްވެފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"މީހުންނަށް އޮޅިފަ އޮންނަ ކަމެއް އެއީ، އެސްޑީޖީ ތަންފީޒު ކުރަން ޖެހޭނީ އދ. އިން ކަމަށް. އެސްޑީޖީ އަކީ މެންބަރު ގައުމު ތަކުން ހާސިލް ކުރަން ޖެހޭ ކަމެއް، އެކަން ކުރަން ޖެހޭނީ ސަރުކާރުން. އދ. އިން އެކަމުގައި ލާފާދީ އެހީތެރިވެ، އެކަން ހާސިލު ކުރުމަށް ބާރު އަޅާނެ،" ކެތަރިން ވިދާޅުވި އެވެ.
އދ. ގެ 193 މެންބަރު ގައުމުން 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެއްބަސްވި 17 ލަނޑުދަނޑީގެ ތެރޭގައި ހިމެނެނީ ފަގީރުކަން ނައްތާލުމާއި އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމާއި ހައްގުތަކުން އެއްވެސް މީހަކު ބާކީ ނުކުރުމެވެ. ފުދުންތެެެރިކަން އިތުރުކުރުމާއި ތައުލީމާއި ސިއްހަތާއި އިޖުތިމާއީ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ހަދަ ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ލަނޑުދަނޑިތަކާ މެދު ހޭލުންތެރިކަން އުފެެއްދުމަށް ރާއްޖޭގައި ހުންނަ އދ. އޮފީހުން ތަފާތު ކެމްޕޭނުތައް ކުރިއަށް ގެންދެ އެވެ. އދި. އެ ލަނޑުދަނޑިތައް ހާސިލުވަމުން ދަނީ ކިހާވަރަކަށްތޯ ބަލަ އެވެ.













