ސިޑްނީ، އޮސްޓްރޭލިއާ (މާޗް 5) - މުޅި ކްރިކެޓް ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އޮސްޓްރޭލިއާގެ ޝޭން ވޯން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އުމުރުން 52 އަހަރުގެ ވޯން މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުން އައި ތައި އައިލެންޑްގައި ހުންނަ ވިލާ އިންނެވެ. ވޯންގެ މެނޭޖްމަންޓް ކުންފުނިން ބުނީ ވޯން މަރުވެފައި އޮއްވައި ފެނުނީ ހަބަރެއް ނުވެގެން ހޯދި ހޯދުމުގައި ކަމަށާއި މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ހާޓްއެޓޭކެއް ޖެހިގެން އައި މަރެއް ކަމަށް ބެލެވޭ ކަމަށެވެ.
ވޯންގެ އާއިލާ އަށް މިއީ ވަރަށް ހިތާމަވެރި ވަގުތެއްކަން ފާހަގަކޮށް، މެނޭޖްމަންޓް ކުންފުނިން ބުނީ އިތުރު މައުލޫމާތު ކުރިއަށް އޮތް ވަގުތުތަކުގައި ހާމަކުރެވޭނެ މިންވަރަށް މީޑިއާ އަށް ފޯރުކޮށްދޭނެ ކަމަށެވެ. އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވަނީ ރަސްމީ އިއްޒަތުގައި ވޯންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

އައިޕީއެލްގެ މެޗެއްގެ ތެރެއިން ވޯން: އޭނާ ވަނީ އައިޕީއެލްގައި ރާޖަސްތާން ރޯޔަލް އަށް މޮޅު ކުޅުމެއް ދައްކާފައި.
ލެޖެންޑަރީ ލެގް ސްޕިނަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯން ވަނީ އޭނާގެ ކެރިއަރުގައި 708 ޓެސްޓް ވިކެޓް އެއްކޮށްފަ އެވެ. ފަނަރަ އަހަރުގެ ކެރިއަރުގައި ވޯން އެކަން ހާސިލްކުރީ 145 މެޗު ކުޅެގެންނެވެ. މިއީ ކްރިކެޓް ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ވިކެޓް ނެގުމުގެ ރެކޯޑެވެ. އެއް ވަނައިގައި އޮތީ 800 ވިކެޓް ނެގި ސްރީލަންކާގެ އުކުންތެރިޔާ މުތިއާ މުރާލިތަރަން އެވެ.
އޮސްޓްރޭލިއާ އަށް 1999. ވަނަ އަހަރު 50 އޯވަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން އެހީތެރިވި ވޯންގެ ވަންޑޭ އިންޓަނޭޝަނަލްސްގެ ރެކޯޑަކީ 194 މެޗުން 293 ވިކެޓެވެ.
ކްރިކެޓްގައި 2000 ވަނަ އަހަރު ހޮވި ގަރުނުގެ އެންމެ މޮޅު ފަސް ކްރިކެޓަރުންގެ ތެރޭގައި ވޯން ހިމެނުނެވެ. ވޯންގެ އިތުރުން ދެން ތިބީ ޑޮނާލްޑް ބްރަޑްމަން، ގާފީލްޑް ސޮބާސް، ޖެކް ހޮބްސް އަދި ވިވް ރިޗާޑްސް އެވެ. ވޯން ކްރިކެޓުން ރިޓަޔާކުރީ 2007 ވަނަ އަހަރު އެވެ. އެކަމަކު، ޓީ20 ކްރިކެޓް 2013 ވަނަ އަހަރާ ހަމައަށް ކުޅުނުއިރު، ބޮޑަށް ފެނުނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިންނެވެ.












