ލަންޑަން (މާޗް 2) - ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔަކަށް ހުރި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބް ވިއްކާލަން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔޫކްރެއިނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޗެލްސީގެ ވެރިޔާ، އަބްރަމޮވިޗް އަތުން އެ ކްލަބް އަތުލަން ގިނަ ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަރިސް މީހަކަށް ވާތީ އެވެ.
އަބްރަމޮވިޗަށް ކުރިމަތިވަމުން އަންނަ ޕްރެޝަރުތަކާ ހެދި އޭނާ އެންމެ ފުރަތަމަ ބަޔާނެއް ނެރެ ބުނެފައިވަނީ ކްލަބް ހިންގުމުގެ ކަންކަން އެ ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.
ކްލަބްގެ ފައުންޑޭޝަނާ ޓީމުގެ ކަންކަން ހަވާލުކުރި ނަމަވެސް ކްލަބްގެ ވެރިޔާގެ ހައިސިއްޔަތާއި ބޮޑު ކޮންޓްރޯލް އަދިވެސް އޮތީ އަބްރަމޮވިޗް އަތުގަ އެވެ.
އިނގިރޭސި ސިޔާސީ ފަރާތްތަކުގެ ޕްރެޝަރު އަބްރަމޮވިޗާއި ޗެލްސީ އަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެކަމުގެ އަސަރު ޗެލްސީ ޓީމަށް ވެސް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ. އެއީ އަބްރަމޮވިޗް ބޭނުންވާ ގޮތެއް ނޫން ކަމަށްވާތީ މިހާރު ކްލަބްގެ ކޮންޓްރޯލްގައި ހުރުމާ މެދު އޭނާ ދެ ވަނަ ވިސްނުމަކަށް ދަނީ އެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 55 އަހަރުގެ އަބްރަމޮވިޗް ވަނީ ރަޝިއާ-ޔޫކްރެއިން މައްސަލައިގައި އޭނާ އަށް ކުރިމަތިވާ ފިއްތުންތަކުގެ އަސަރު ޗެލްސީ އަށް ފޯރާނެކަމަށް ބެލެވޭތީ އެ ޓީމު ވިއްކާލަން ވިސްނަން ފަށައިފަ އެވެ. އަދި އަބްރަމޮވިޗްގެ ވިޔަފާރިތަކުގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޗެލްސީގެ އަގު މާކެޓްގައި އޮތް ވަރެއް ބެލުމުގެ ދިރާސާއެއް ހަދަން ފަށާފައިވާ ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ ޓޯކްސްޕޯޓް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗެލްސީގެ މެޗެއްގެ ތެރެއިން އަބްރަމޮވިޗް: އޭނާ އަންނަނީ ކްލަބް ވިއްކާލުމާ މެދު ވިސްނަމުން.
އަބްރަމޮވިޗް ޗެލްސީ ގަތީ 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. ރިޕޯޓްތައް ބުނާގޮތުން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ކިޔާ އަގު އުޅެނީ ހަތަރު ބިިލިއަން ޑޮލަރުގަ އެވެ.
ރަޝިޔާގެ ކުރީގެ ޖާސޫސަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2018 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނިންމީ އަބްރަމޮވިޗް ހިމެނޭ ގޮތަށް ރަޝިއާގެ ގިނަ މަހުޖަނުންގެ އިންވެސްޓްމަންޓް ވިސާ އާ ނުކޮށްދޭށެވެ. އެހެންވެ، އަބްރަމޮވިޗް ވަނީ އިޒްރޭލުގެ ރަށްވެހިކަން ހޯދައިފަ އެވެ.
އިޒްރޭލުގެ ޓެލް އަވީވްގައި ދިރިއުޅެމުން އަންނަ އަބްރަމޮވިޗަށް ޔަހޫދީންނަށް ދޭ ހާއްސަ ކްރައިޓީރިއާ އަކުން ޕޯޗުގީސް ރަށްވެހިކަން ވެސް ދީފައިވާއިރު، އަބްރަމޮވިޗް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެލްސީ މެޗަކަށް ލަންޑަނަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހު އިޒްރޭލް ރަށްވެއްސެއްގެ ގޮތުގަ އެވެ. ރަޝިއާ-ޔޫކްރެއިން މައްސަލައިގައި އިނގިރޭސި ސަރުކާރުން ވަނީ އެއްވެސް ސިފައެއްގައި އަބްރަމޮވިޗަށް އިންގްލެންޑްގައި ނޫޅެވޭނެ ކަމަށް ނިންމައިފަ އެވެ.
މީގެ ތިން އަހަރު ކުރިން އިންގްލެންޑްގެ އެންމެ މުއްސަނދި މީހާކަމަށް ފޯބްސް މެގަޒިން އިން ރިޕޯޓްކޮށްފައިވާ ޖިމް ރެޓްކްލިފް ވަނީ ޗެލްސީ ގަންނަން ވަނީ ދެ ބިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެކަމަކު، އަބްރަމޮވިޗް ވަނީ އެ ފަހަރު ރެޓްކްލިފްގެ ހުށަހެޅުމަށް އަނބުރާފޮނުވާލައިފަ އެވެ. ފަހުން ރެޓްކްލިފް މީޑިއާގައި ބުނީ އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ބޭނުންނުވަނީ އެ ކްލަބްގެ ކަންތައްތަކުގެ ތެރެއިން ލަންޑަނުގައި އޭނާގެ ނުފޫޒު އެކި ގޮތްގޮތަށް ބޭނުން ކުރުމަށް ކަމަށެވެ.












