އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކޮށް ބިރު ދައްކަމުންދާ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއިރު، މިދިޔަ މަހު ބޭއްވުނު ރައްޔިތުން މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެކަން މައްސަލައަކަށް ނުވި ކަމަށް އިދިކޮޅުން ބުނެފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ މެމްބަރުންނަށް، އޭނާއާ ވާދަކުރާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވާ މެމްބަރުން ސަރުކާރުގެ ތެރެއިން ފިއްތުންތަކެއް ކުރިމަތިކޮށް، ބިރުދައްކާ ކަމަށް ތުހުމަތުކޮށް ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު މަޖިލީހަށް އެކަން ވެއްދި އެވެ.
އިމްތިޔާޒުގެ ކެމްޕެއިން ޓީމުގެ ތަރުޖަމާނަކަށް އުޅުއްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި އެ މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގި އެވެ.
އެ ބަހުސަށް އިދިކޮޅުގެ ޝައުގު ނެތް ކަމުގައި ވީނަމަވެސް، އެމީހުންގެ ކަންބޮޑުވުމަކަށްވީ، ވަޒީފާގެ ބިރުވެރިކަން، ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި މައްސަލައަކަށް ނުވުމެވެ.
"އެ ދުވަހަކު މި ވާހަކަ ބައެއް ބޭފުޅުންނަކަށް އަޑު އައްސަވާކަށް ފަސޭހައެއް ނުވި. އެހެން ނަމަވެސް މިއަދު، އަޅުގަނޑު ހިތުން މަޖިލިސްގައި ރެކޯޑުކުރެވިގެން މި ދަނީ، ހަގީގަތުގައި ވެސް މީހުންނަށް ވަޒީފާގެ ބިރު އޮތްކަން،" އެ ދާއިރާގެ ގިނަ ބަޔަކަށް އިންތިހާބާ ދިމާކޮށް، ސަރުކާރު ވަޒީފާތައް ދީފައިވާކަން ފާހަގަކުރަމުން އިދިކޮޅު ޕީޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލުކުރައްވާ އާދަމް ޝަރީފް ވަނީ އެ އިންތިހާބާ ދިމާކޮށް، ވަޒީފާގެ ބިރު އޮތް މިންވަރު ހާމަކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް، އެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުލިބުނު ކަމަށް ވިދާޅުވެފަ އެވެ.
ކޮމަންޑޫ އިންތިހާބުގައި ފެނަކައިގެ މުވައްޒަފަކަށް ބިރު ދެއްކި ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ހަނދާން އާކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް އެ ބަހުސަށް ފާޑުވިދާޅުވި އެވެ.
"ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ގާނޫނު އަސާސީއާ ހިލާފަށް، ހިންގަވާ ވާހަކަ މިތާގައި މިދައްކަވަނީ އިއްޒަތްތެރި ރައީސް، މި މައްސަލަ އައުމުގެ ކުރިން އަންނަން ޖެހޭނެއެއްނުތޯ ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވި ވާހަކަ، އިއްޒަތްތެރި ރައީސް، މި މައްސަލަ އައުމުގެ ކުރިން އަންނަން ޖެހޭނެއެއްނުތޯ އިހަށް ދުވަހު ކޮމަންޑޫ ދާއިރާގައި ހަމަ މިވަރަށް ނުފޫޒު ފޯރުވި ވާހަކަ." ޝިޔާމް ވިދާޅުވި އެވެ.
ކޮމަންޑޫ އިންތިހާބަށް އެއް ދުވަހަށްވެފައި ވަނިކޮށް ދައުރުވި އޯޑިއޯއެއްގައި، ފެނަކައިގެ މުވައްޒަފަކަށް ބިރު ދެއްކި ކަމަށް ތުހުމަތުވާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، އެ އޯޑިއޯ މަޖިލީހުގެ ތަޅަމުގައި އިއްވަނިކޮށް ރިޔާސަތުން އޭނާގެ މައިކް އަޑު ކަނޑާލުމުން ހިތާމަ ކުރައްވާ ކަމަށް ވެސް މިއަދު ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމްގެ ފާޑުކިޔުން އަމާޒުވީ އެ މައްސަލަ ދިފާއުކޮށް، މިއަދު އެ ވާހަކަ މަޖިލީހުގެ ތަޅަމުގައި ދައްކަވާތީ އެވެ.












