މި އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮންނަ ކޮމަންވެލްތް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 12 ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި އެވެ.
އެތުލެޓިކްސް އަކީ 2022 ކޮމަންވެލްތް ގޭމްސްގައި ރާއްޖެ އިން ވާދަކުރާނެކަން ޔަގީންވާ ކުޅިވަރުތަކުގެ ތެރެއިން އެއް ކުޅިވަރެވެ. އަދި މި ގޭމްސް އަށް އެންމެ ދުރާލާ ތައްޔާރީތައް ފެށި އެއް ކުޅިވަރަކީ ވެސް އެތުލެޓިކްސް އެވެ.
އެތުލެޓިކްސްގެ 12 ދުވުންތެރިންގެ ސްކޮޑު އެކުލަވާލާފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ އާއި އަތޮޅު ތެރޭގައި ބޭއްވި ޓައިމް ޓްރައަލްގެ ނަތީޖާތަކަށް ބެލުމަށްފަހުގަ އެވެ. ޓައިމް ޓްރަޔަލް ކުރިއަށްދިޔައީ މާލެއާއި އަތޮޅުތަކުގެ ތަމްރީން ކުރިއަށްދާ ރަށްތަކުގަ އެވެ.
އެސޯސިއޭޝަނުން އެކުލަވާލި 12 ކުޅުންތެރިންގެ ސްކޮޑުގައި މާލޭ އާއި އަތޮޅު ތެރޭގައި މި ވަގުތު އެސޯސިއޭޝަނުން ޓްރެއިނިން ކުރިޔަށް ގެންދާ ހުރިހާ ރަށެއްގެ އެތުލީޓުން ހިމެނޭއިރު އެސޯސިއޭޝަންގެ މެމްބަރު އެކަޑަމީތަކުގެ އެތުލީޓުން ވެސް ހިމެނެ އެވެ.

ސްކޮޑުގައި ހިމެނޭ ފިރިހެން ފަސް އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިބާދުﷲ އާދަމް، އަހުމަދު ވިސާމް، ހުސައިން ރިޒާ، އިބްރާހިމް ނާހިލް ނިޒާރު އެވެ. އަންހެން އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، ސާރާ މަސްއޫދު، އައިޝަތު ޝަބާ ސަލީމް، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ގޭމްސް އަށް ފޮނުވާ ޓީމް ފައިނަލް ކުރާނީ ފަހުގެ ތާރީޚެއްގައި މާލޭގައި ބާއްވާ ޓައިމް ޓްރައަލް އަށް ފަހުގައި ކަމަށެވެ. މި ވަގުތަށް ހުރިހާ އެތުލީޓުންވެސް އެ އެތުލީޓަކު ތަމްރީން ހަދާ ޓްރެއިނިން ސެންޓަރެއްގައި ތަމްރީންތައް ކުރިއަށް ގެންދާނެ އެވެ.
ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ.
ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.
ކޮމަންވެލްތު ގޭމްސް އޮންނާނީ މި އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ.













