މިދިޔަ އަހަރު ރިސޯޓުތަކަށް 57 ބިލިއަން ރުފިޔާ ލިބުނު، މިއީ ރެކޯޑެއް

އެޓްމޮސްފިޔާ ކަނިފުށި ރިސޯޓު. -- ފޮޓޯ: އެޓްމޮސްފިޔާ

އެޓްމޮސްފިޔާ ކަނިފުށި ރިސޯޓު. -- ފޮޓޯ: އެޓްމޮސްފިޔާ

މިދިޔަ އަހަރު ރިސޯޓުތަކުގެ އާމްދަނީ ރެކޯޑް އަދަދަކަށް އުފުލި 57.7 ބިލިއަން ރުފިޔާ (3.7 ބިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އާންމުކޮށްފައިވާ 2016-2021 އަށް ރިސޯޓުތަކަށް ލިބުނު އާމްދަނީ އާއި ރިސޯޓުތަކުން ދައުލަތަށް ލިބުނު އާމްދަނީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރަކީ ތާރީހުގައި ވެސް ޓޫރިޒަމް ސެކްޓާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

އޭގެ ކުރިން ރިސޯޓުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި 2019 ވަނަ އަހަރު އެވެ. އެ އަހަރު ލިބުނީ 51.7 ބިލިއަން ރުފިޔާ (3.3 ބިލިއަން ޑޮލަރު) އެވެ.

ރިސޯޓުތަކަށް ލިބުނު އާމްދަނީގެ އިތުރުން ޓޫރިޒަމް ސެކްޓާއިން ލިބުނު ޖީއެސްޓީ އާމްދަނީއަކީ ވެސް ރެކޯޑެކެވެ. މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ (316.5 މިލިއަން ޑޮލަރު) ލިބުނެވެ. މިދިޔަ އަހަރު ދައުލަތަށް އެއް ރެވެނިޔު ކޯޑުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީވެސް ޓީޖީއެސްޓީންނެވެ.

މީރާގެ ރިޕޯޓުގައި އަތޮޅުތައް ވަކިކޮށްފައި ހުރި ނަމަވެސް މަދުން ރިސޯޓުތައް ހުރި އަތޮޅުތައް ހުރީ އެއްކޮށްލާފަ އެވެ. މިއީ ޓެކްސްޕެޔަރުންގެ މަސްލަހަތު ހިމާޔަތްކުރަން ކުރި ކަމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ވަކި އަތޮޅުތަކަށް ބަލާއިރު ސޭލްސް އެންމެ ރަނގަޅީ އެންމެ ގިނަ ރިސޯޓު އޮންނަ ކ. އަތޮޅެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅު ރިސޯޓުތަކަށެވެ.

ރިސޯޓުތައް ހުންނަ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ނ. އަތޮޅު ރިސޯޓުތަކަށެވެ. އެ އަތޮޅުގައި ރިސޯޓުތައް މަދު ނަމަވެސް އެއަށް ވުރެ ގިނައިން ރިސޯޓު ހުންނަ ރ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅަށް ވުރެ ބޮޑު އާމްދަނީއެއް ނ. އަތޮޅު ރިސޯޓުތަކަށް ލިބުނެވެ.

ނ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މަތީފަންތީގެ ރިސޯޓުތައް ކަމުގައިވާ ސޮނޭވާ ޖާނީ އާއި ޝެވަލްބްލަންކް ރަންދެއްޔާއި ވެލާ ޕްރައިވެޓް އައިލެންޑާއި ސަން ސިޔާމް އިރުފުށި ހުންނަ އަތޮޅެވެ.

ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރި ކޮންމެ ރެއަކަށް ހަރަދު ކުރީ 436.16 ޑޮލަރު (6725.99ރ.) އެވެ.

މިއީ މީރާއިން މިހާ ތަފުސީލުކޮށް ރިސޯޓުތަކަށް ލިބުނު އާމްދަނީއާއި ރިސޯޓުތަކުން ލިބުނު ޓެކްސް އާމްދަނީ އާންމުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox