ކޮލަމް: ޤައުމީ ހެދުމެއް ލާން އަހަންނަށް ކޮންމެ ބަހަނާއެއްވެސް ފުދޭ

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ތުއްތު ދަރިވަރުންތަކެއް ގައުމީ ހެދުމުގައި. -- ފޮޓޯ: ހުސެއިން އާހިލް

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ތުއްތު ދަރިވަރުންތަކެއް ގައުމީ ހެދުމުގައި. -- ފޮޓޯ: ހުސެއިން އާހިލް

މި ހަފުތާގެ އެކި ދުވަސް ދުވަހު، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި އެ ނޫންވެސް ބަހާއި އަދަބަށް ޚިދުމަތްކުރާ އެކި އިދާރާތަކާއި ޖަމިއްޔާތަކުން ގެންދަނީ، ވަރަށް ކުލަގަދަ ކޮށް، މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންނެވެ. މި ދުވަސް އެކި ފެންވަރުގައި ފާހަގަކުރަމުންދާއިރު، ފެންނަ އެންމެ ހިތަށް ފިނިވާ އެއް މަންޒަރަކީ، ޘަޤާފީ އެކި ހެދުންތައް އަޅައި ނަލަވެލައިގެން ތިބޭ، އެކި އުމުރުގެ ދެ ޖިންސުގެ މީހުން ފެނުން އިތުރުވުމެވެ. އެހެންނަމަވެސް ހަމަ މިއާއެކު، މާދަރީ ބަސް ކުރިއެރުވުމާ ދިވެހި ހެދުންއެޅުމާ އޮތީ ކޮން ގުޅުމެއްހޭ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށަ އެވެ. ޚުދު އަހަރެންނަކީވެސް އެ ސުވާލު އުފެއްދި މީހަކީމެވެ. ބަހުގެ ދުވަސް ފާހަގަކުރާނީ ލާ ހެދުމަކުން ނޫނެވެ. އެހެންނަމަވެސް، ޤައުމީ އަދި ބަހަވީ ދުވަސްތައް ފާހަގަކުރުމަށް ދިވެހި ހެދުން އެޅުމުގެ އާދަކާދަ ތަޢާރަފުވީއްސުރެ، ޤައުމީ ހެދުން އެޅުމަށް އޮތް ލޯބި އިތުރުވެގެންދިޔަ، އަދި މިހާރުވެސް އިތުރުވަމުންދާ މަންޒަރު ނުފެނޭ ހެއްޔެވެ؟

ހަނދާނަށް އަންނަނީ އަހަރެމެން ތުއްތު އިރު، ހިރު އެޅި ލިބާސް ލައިގެން ފެންނަ ހަމައެކަނި މީހުންނަނީ އިސްރަށްވެހިން ކަމުގައި ވެފައި އޮތް ޒަމާނެވެ. އަމުދުން ފޮތި ބޯވަޅު އެޅި ލިބާހެއް، ޒުވާނެއް ލާފައި ހުއްޓާ ފެނުމަކީ އޭރު ނާދިރު ކަމެކެވެ. ފިރިހެންވެރިންވެސް ފޭލި ނުވަތަ މުންޑު އަނދެފިނަމަ، މަގު ހިނދާނީ އަސްކަނިތަކުގެ ހިޔަނިން ބޮނދަމުންނެވެ. އަންހެނަކު ނަމަ، ޤައުމީ ހެދުމެއް އަޅައިފިއްޔާ ލަދުން ކޮލަށް ޖަންބު ކުލަ އަރަ އަރައެވެ. އަދި ކިއެއްތަ، ކުޑަ އިރު، ޤައުމީ ހެދުމެއް ލައިފިއްޔާ "މާމަ-ކާފަ" އޭ ކިޔާ ސަމާސާކުރާތީ، އަހަރެމެން ތުއްތު ކުދިން ތިބެނީ ލަދުންނެވެ.

އެކަމަކު އޭރުވެސް، ބައެއް ސަރުކާރު މުވައްޒަފުންނާއި، ސްކޫލްދޮށަށް ދާ ބެލެނިވެރިންނާއި، އެއާ މޯލްޑިވްސްގެ ކެބިން ކުރޫއިން ދިގުހެދުން ލައިގެން ބޮލުފޮތިކޮޅު އަޅައިގެން މަގުމަތިން ފެންނަ އިރު ހާދަ ނަލަ އެވެ. އެކަމަކު ދެން ފެންނާން ފެށީ، މި މަންޒަރުވެސް ބަދަލުވަމުންދިޔަ ހަލުވި ދުވެއްޔެވެ. ޢާއްމު ދިރިއުޅުމުގައި ދިގުހެދުން ލަމުންދިޔަ ގިނަ އަންހެންވެރިންނަށްވެސް ދިގުހެދުން "ކަޓުވެ" ބިޑިހެދުންލާން ފެށުމެވެ. އެއާ މޯލްޑިވްސްގެ ޔުނީފޯމުވެސް ބަދަލުވާން ފެށުމެވެ. ދެން ޤައުމީ ހެދުމެއް ފެންނަ ނަމަ ފެންނާން ފެށީ "މޮޑިފައި" ކޮށްފައި ހުންނަ ޤައުމީ ހެދުން އެކަންޏެވެ. ޒަމާނީ ފަރުމާތަކެއް ކުރުން ގޯހެކޭ ނުބުނަމެވެ. އެހެންނަމަވެސް އެ ހެދުންތަކުގެ އަޞްލުގޮތް ކަމުދާ މީހުން އޭރު މަދުވެގެންދިޔައޭ ހީވި އެވެ.

އައު ސާސްކަފާއެކު، ދިވެހި ހެދުމަށް ލޯބިކުރުމުގެ އާ ދައުރެއް އުފަންވީ ދިވެހި ޘަޤާފަތާއި އާދަކާދަތަކަށް ލޯބިކުރާ މީހުންނަށް އުއްމީދު ހޯދައިދެމުންނެވެ. އަދި ވަކިން ޚާއްޞަކޮށް މި ފަހަކަށް އައިސް، ދިވެހި ހެދުމަކީ ހަމައެކަނި ޤައުމީ މުނާސަބާތަކަށް އޮންނަ ހެދުމެއްގެ ގޮތުގައި އޮތް އޮތުމަށް އެދެވޭ ބަދަލުތަކެއް އަތުވެއްޖެކަމަށް ބެލެވިދާނޭ މަންޒަރުތަކެއް ފެންނަމުން ނުދޭތޯ އެވެ. ބޮޑުބެރު މުބާރާތްތަކާއެކު ބޮޑުބެރު ޢާއްމުވެގެން ދިޔައީ، އެ ކުޅިވަރުގެ ތެރެއިން ފޭލި އަނުމާއި، ބޮޑު ގަމީހާއި މުންޑާ ފޮށާވެސް ޢާއްމުކުރަމުންނެވެ. ކައިވެންޏާއި ރަންކިޔުމުގެ ހަފުލާތަކުގައި ކައިވެނީގެ ޢަރޫޝާ ހިރުއެޅި ރަތް ލިބާހުގައި، ރަން ފައްޓަރުބައި އަޅާފައި ތިބޭ އިރު، ޢާއިލާ އާއި ރަޙުމަތްތެރި އަންހެނުން ތިބެނީ ދިގުހެދުމުގަ އެވެ. ޢަރޫޝް ބޮޑުގަމީސްލައި މުންޑު އަނދެ ބޮލު ފޮށާ އަޅާފައި ހުންނައިރު، ކައިރީގައި ރައްޓެހި ތިމާގެ ފިރިހެންވެރިން ތިބެނީ ފޭލި އަނދެގެންނެވެ. ހާދަ ރީތި، ހާދަ އުފާވެރި މަންޒަރެކެވެ.

ލިބާސް މޫވްމަންޓާއެކު، ދިވެހި ޒުވާން އަންހެނުން، ޢާއްމުކޮށް ލިބާސް ލައި ނޫޅޭ މާހައުލުތަކުގައި ހިރު އެޅި ލިބާސް ލައިގެން ރާޅާއެޅުމާއި ސްކޭޓްކުރުން ފަދަ ކަންކަންކުރަންފެށީ ފަޚުރުވެރިކަމާއެކުގަ އެވެ. ލިބާސްލައިގެން އައިޑީކާޑުގެ ފޮޓޯނެގީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާތީ އެވެ. ލިބާހާއި ދިގުހެދުމުގައި އަންހެންވެރިން މަގު ހިނގާފައި ދާއިރު، މިއަދު، "މާމަ ކާފަ" އޭ ކިޔާ މީހުން ވަރަށް މަދެވެ. ފޭއްޔެއް އަނދެގެންދާ ފިރިހެނަކު "ކަޓު" ކަމަށް ބުނާ މީހުންވެސް މިއަދު ނެތޭ ބުނަން ކެރިދާނެ އެވެ.

ތެދެކެވެ. މާދަރީ ބަހުގެ ދުވަހާއި، ޤައުމީ އެހެނިހެން މުނާސަބާތަކުގައި ދިވެހި ހެދުން އެޅުމަށްވުރެ ދުވަހާ ގުޅޭ މަޢުލޫމާތު ދީ، ދުވަހާ މުނާސަބު ހަރަކާތްތައް ހިންގުން މާ ރަނގަޅެވެ. އެހެންނަމަވެސް، އެ ހަރަކާތްތައް ކުރިއަށްގެންދާއިރު، ޤައުމީ ހެދުން އެޅުމަކީ ގޯހެއް ކަމުގައި އަހަރެން ނުދެކެމެވެ. މި ޒަމާނުގެ ކުޑަކުދިންނަށް މި ގޮތް އާދަވެފައި ވާތީ، އެކުދިން އެ ހެދުންލަނީ އުފަލުންނެވެ. ކޮންމެ ދިރާސީ އަހަރެއްގެ ފޮތް ލިސްޓާ އެއްކޮށް، ކޮންމެ ކުއްޖަކަށް ދިވެހި ހެދުމެއް ހޯދުން އެއީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު މިހާރު، މިކަން ނުކުރާ ބެލެނިވެރިން މަދުވާނެ އެވެ. ކޮންމެ ތުއްތު ކުއްޖެއްގެ އަތުގައިވެސް ކޮންމެވެސް ދިވެހި ވަންތަ ހެދުމެއް ނެތުމަށްވުރެ އޮތުން ގާތެވެ. މިކަމުގެ ނަތީޖާ ތޯއްޗެކެވެ.

އަހަރެންގެ "ބައިކުޅަބައި" ދިވެހި، ފިރިހެން ދަރިފުޅުވެސް މި ފަދަ ދުވަހެއް އައުމާއެކު ހެނދުނު ބާލީހުން ބޯހިއްލާލާ ގޮތަށް ޤައުމީ ހެދުން އިސްތިރިކުރިންތޯ ސުވާލުކުރަނީ، އެ ހެދުން ލާހިތްވާތީ އެވެ. އެ ހެދުމަށް ފަރިތަ ވެފައިވާތީ އެވެ. ޚާއްޞަ އިހުތިފާލުތަކުގައި ނޫނަސް، "މަންމާއޭ! މިއަދު އަންނާނީ ފޭއްޔޭ" ބުނަނީ ދިވެހި ޘަޤާފަތަށް ލޯބިކުރެވޭތީތާ އެވެ. ދިވެހިވަންތަ އާދަކާދަތަކަށް ފަރިތަވަމުންދާތީތާއެވެ. މި ގޮތަށް މި ކުދިން މި ޘަޤާފަތްތަކަށް ފަރިތަވަނީ، ޚާއްޞަ ކަންކަމާ އެ ހެދުން ގުޅުވޭތީ ނޫން ހެއްޔެވެ؟ ތުއްތު އިރުއްސުރެ، ދުވަސްދުވަސްކޮޅުން އެ ހެދުންތައް އަޅުވައި، އެއަށް އާދަކުރެވޭތީ ނޫން ހެއްޔެވެ؟ މި މަންޒަރުތައް ލޮލަށް ފެންނާން ފެށުމުން، އަދި މި "އާދަޔާޚިލާފު" ވިސްނުމުގެ ނަތީޖާތައް ކުލަވާން ފެށުމުން، އަހަރެންނަށް، ޤައުމީ ހެދުން އެޅުމަށް ހަމަ ކޮންމެ ބަހަނާއެއްވެސް ފުދެ އެވެ. އިސާހިތަކު، ބަހަނާއެއް ބޭނުންވުމެއް ނެތި، އޮފީހަށްދާން ޓައީ އަޅާ އުޞޫލުން، ރަސްމީ އިޙުތިފާލުތަކަށް ދިވެހި ހެދުން އެޅުމުގެ އާދަ، ކަށީގައި ހިފާނޭކަމުގެ ފެހި ސިގުނަލުތައް މިހާރުވެސް ދަނީ ފެންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox