ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޫނުވެ މުރަކަތަކަށް ގެއްލުންވެދާނެތީ، އެފަދަ މައްސަލައެއް ފާހަގަވާ ފަރާތްތަކުން އެކަން ރިޕޯޓު ކުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު އެދެފި އެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން އެދުނީ، ކަނޑަށް ނިކުމެ އުޅޭއިރު، ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވުމުގެ އަސަރު ފެނިއްޖެ ރިޕޯޓު ކުރުމަށެވެ. ސޯޝަލް މީޑިއާގައި ނުވަތަ ގޫގަލް ފޯމެއް ބޭނުންކޮށްގެން ވެސް ފޯމު މުރަކަ ހުދުވުމުގެ މައްސަލަ ރިޕޯޓް ކުރެވިދާނެ އެވެ.
އެންއޯއޭއޭ ސެޓަލައިޓް އެންޑް އިންފޮމޭޝަން ސާވިސް އިން ބުނާ ގޮތުގައި އިއްޔެއިން ފެށިގެން ކުރިއަށް އޮތް ނުވަ ހަފްތާގެ ތެރޭގައި ރާއްޖެ ހިމެނޭ ސަރަހައްދު ވަރަށް ބޮޑަށް ހޫނުވަމުންދާނެ އެވެ.

އެންއޯއޭއޭ އިން ނެރެފައިވާ އެލާޓް: ހޫނުވުމުގެ ސަބަބުން މުރަކަ ހުދުވުމުގެ މައްސަލަ ދިމާވާތާ އަހަރުތަކެއްވެއްޖެ -- ފޮޓޯ: އެންއޯއޭއޭ
ނުވަ ވަނަ ހަފްތާގައި "ވޯނިން ލެވެލް" އަށް ރާއްޖެ ސަރަހައްދު ހޫނުވާނެ ކަމަށް ބެލެވެ އެވެ. އެއާ ޖެހިގެން އޮތް ކެޓަގަރީއަކީ އެލާޓް ލެވެލް އެކެއް އަދި ދޭކެވެ. މި ހޫނުގަނޑުގައި މުރަކަ ހުދުވުމުގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުން ފެންނާނެ ކަމަށް ބެލެވެ އެވެ.

މުރަކަ ހުދުވުމުގެ މައްސަލަ ރިޕޯޓް ކުރުމުގެ ބޭނުމަކީ އެފަދަ ފަރުތަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ދިނުމެވެ. މުރަކަ ހުދުވުމުގެ އަސަރު ކުޑަ ކުރުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރެ އެވެ. އެގޮތުން މުރަކަ އިންދުމަކީ އޭގެ ތެރެއިން އެއް ގޮތެވެ.
ކަނޑު ހޫނުވާ މިންވަރު އެންއޯއޭއޭ އިން ދަނެގަންނަނީ ތާމަލް ސެޓަލައިޓް އިމޭޖިން ބޭނުންކޮށްގެނެވެ.












