ބުރާސްފަތި ދުވަހުން ފެށިގެން މަންޓާ އެއާ އިން އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަން މިއަދު އިއުލާނުކޮށްފި އެވެ.
މި މަހުގެ ތެރޭގައި ދަތުރުތައް ފަށާނެކަން ކުރިން އިއުލާނުކޮށްފައިވާއިރު، އޭރު ތާރީހެއް އިއުލާނު ނުކުރީ ސިވިލް އޭވިއޭޝަނުން ބޭނުންވާ ހުއްދަތައް ނުލިބޭތީ އެވެ. އެ ހުއްދަތައް ލިބުމާއެކު މަންޓާ އިން ވަނީ ޝެޑިއުލް ދަތުރުތަކުގެ އަގުތައް އިއުލާނުކޮށްފަ އެވެ.
އެގޮތުން މަންޓާގެ ކޮމްފަޓް ކުލާހުން ޓިކެޓެއް ވިއްކަނީ ކޮޅަކަށް 1250ރ. އަށެވެ. ސެފަޔާ ކުލާހުގެ ޓިކެޓެއް ވިއްކަނީ 1850ރ. އަށެވެ. މަންޓާ އިން ބުނި ގޮތުގައި މިހާރު މަންޓާ އާއި މަންޓާގެ އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ޓިކެޓު ގަނެވޭނެ އެވެ.
މަންޓާ އިން ދަތުރުތައް ފަށާއިރު މާލެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާނީ ދުވާލަކު ފްލައިޓެކެވެ.
މި ދަތުރުތައް ފަށާ ސަބަބާ ގުޅިގެން މަންޓާގެ ޑެޕިޔުޓީ ސީއީއޯ އަހުމަދު މައުމޫން (މާނު) "އަދަދު"އަށް ވިދާޅުވީ، އެ އެއާލައިނުގެ ހިދުމަތަށް އައްޑޫއިން ރަނގަޅު ޑިމާންޑެއް އޮތުމުން ކަމަށެވެ.
މަންޓާ އެއާ އަކީ އެތެރޭގެ އުދުހުންތަކުގައި ފަސް ތަރީގެ ހިދުމަތްދޭ ހަމައެކަނި އެއާލައިނުގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެއާލައިނެކެވެ. އެންމެ ހަގު ދިވެހި އެއާލައިނު ކަމުގައިވީ ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަންޓާއިން ވަނީ ހިދުމަތުގެ ފުރިހަމަކަމަށް ކަސްޓަމަރުންގެ މެދުގައި އިތުބާރު ހޯދައިފަ އެވެ.
އެ އެއާލައިނުން ބޭނުންކުރާ ފްލައިޓުތަކަކީ އޭޓީއާރު 600-72 މަރުކާގެ ޒަމާނީ، ދެ ގޮނޑި ދޭތެރޭގައި ޖާގަ ތަނަވަސް ފްލައިޓުތަކެކެވެ.
އައްޑޫ ދަތުރުތައް ފެށުމުން އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތައް ތިނަކަށް އިތުރުވާނެ އެވެ. މިހާރު މަންޓާ އިން ދަތުރުކުރަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ.










