ކުށްކުރާ މީހުންގެ ސަބަބުން މާލޭގައި ހިންގާ ވިޔަފާރިތަކަށް ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށްފި އެވެ.
މާލެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ވިޔަފާރިވެރިންގެ ފޯރަމް"ގެ ނަމުގައި ފޯރަމެއް އިސްކަންދަރު ބިލްޑިންގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.
ފުލުހުން ބުނީ އެ ފޯރަމަކީ ވިޔަފާރިތަކަށް، ކުށްކުރާ މީހުންގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެއް ކަމަށެވެ.
މިގޮތުން، ފިހާރަތަކުން ކުރާ ވައްކަންތަކުގެ މައުލޫމާތު ހިއްސާކޮށް އަދި ވައްކަންކޮށްފައި ހުންނަ ގޮތްތައް ފޯރަމްގެ ބައިވެރިން ހިއްސާކޮށްފައި ވެއެވެ.
އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި، ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަނބުރާ ހޯދިފައިވާ ތަކެއްޗާއި އެ މައްސަލަތަކުގެ މައުލޫމާތު ފުލުހުން ވަނީ ފޯރަމްގެ ބައިވެރިވި 30 އެއްހާ ވިޔަފާރިވެރިންނާ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން، ފިހާރަތަކުން ކުރާ ވައްކަން ހުއްޓުވުމަށް ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރެވުނުކަމަށް ފުލުހުން ބުންޏެވެ.
އަދި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ވިޔަފާރިވެރިން ގުޅިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.











