މާލޭގެ ލޯކަލް މާރުކޭޓަށް އޭނާ ގެންދިޔައީ ހައެއްކަ އަށެއްކަ ގަސްމުށްޓެވެ. އެއީ ރާއްޖޭގެ ގިނަ ރަށްރަށުގައި ފަސޭހައިން ހެދޭ ދެބާވަތެކެވެ. އެކައްޗަކީ 1980 ގެ އަހަރުތަކުގައި ވެސް ރަށްފުށުގެ ގިފިލިތަކުގެ ފާރުމަތީގައި، ފުޅިބުރިތަކުގައި އިންދައި އުޅުނު ޖަޕާނު ފިނިފެންމަލެވެ. ދެވަނަ ބާވަތަކީ ހަމަ އެހާ އާއްމު މަލިކުރުވާ އެވެ. އެ ދެބާވަތުން އަހުމަދު ސަމީރު އޭރު މާލެއަށް ގެންދަނީ ހަފްތާއަކު އަށެއްކަ ގަސްމުށްޓެވެ. އޭރު އޭނާ ގަހެއް ވިއްކަނީ ފަންސާހަކަށް ރުފިޔާ އަށެވެ.
ސަމީރުގެ އެ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރާނެ ވިޔާދާ މީހަކާ އޭނާ ބައްދަލުވީ އެހެން މާލެއަށް ގަސް ގެންދާތާ ހައެއްކަ ހަފްތާ ވީފަހުންނެވެ.
"އޭނާ އައިސް މަޑުކޮށްލާފައި ބުނެފި ކޮން ނަމެއް ހެއްޔޯ ކިޔަނީ. އަޅުގަނޑު ދެން ފުރިހަމަ ނަމާ އެއްޗިހި ބުނީމާ ކިޔައިފި، ހަމަ ކޮންމެ ހަފްތާއަކު ދުރުވަން ހެއްޔޯ ގަސްހިފައިންގެން. އަޅުގަނޑު ބުނިން ލައްބައޭ ހަމަ ކޮންމެ ހަފްތާއަކު އަންނަމޭ،" މީގެ 15 އަހަރު ކުރިން ފެށި ގަހުގެ ވިޔަފާރިއަށް ދިރުން ގެނުވައިދިން މުރުޝިދު، ޝަބްނަމީ ހުސައިން ދީދީއާ ބައްދަލުވި ގޮތުގެ ހަނދާން އާކުރަމުން ސަމީރު ބުންޏެވެ.
ހުސައިން ދީދީ އެދުވަހު އެނބުރި ވަޑައިގެންނެވީ އޭނާގެ ގެއަށް ދާން ސަމީރަށް ދައުވަތު ދެއްވައިފަ އެވެ. އެ ފުރުސަތު ނަގައިނުލައި ސަމީރު އެގެއަށް ދިޔަ އެވެ. އެގެއަށް އެ ދުވަހު ދެވުމަކީ ސަމީރުގެ ނަސީބެވެ. ހުސައިން ދީދީ ގަސްތައް ގެންގުޅުއްވާ ގޮތާއި އޭނާގެ ފިހާރަ ވެސް އެދުވަހު ސަމީރަށް ދެއްކެވި އެވެ.
"ދެން ބުނުއްވައިފި އަޅުގަނޑު ދާނަމޭ ތިޔަކޮޅަށް، ކާށިދުއަށް. ގޮސް ގަސްތައް ބަލާފައި ބުނާނަމޯ ބޭނުންވާ ވައްތަރެއްގެ ގަސްތައް. ބަލާފައި ބުނީމާ ދެން ސަމީރު އޭއްޗިހި މިކޮޅަށް [މާލެއަށް] ގެންނާނިއްޔޯ ދެފަރާތް އެއްބަސްވާ އަގެއްގައި،" ހުސައިން ދީދީގެ އިރުޝާދު ލިބެން ފެށި ގޮތުގެ ހަނދާން އާކުރަމުން ސަމީރު، 56، ބުންޏެވެ.

ކާށިދޫގެ ހިތްގައިމު މަގެއް: ގަސް ހައްދައި، މާލެއަށް ވިއްކުމަކީ މި ރަށު މީހުން އެންމެ ގިނައިން ކުރާ މަސައްކަތް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
އެފަހަރު ހުސައިންދީދީ ކާށިދުއަށް ވަޑައިގެން ސަމީރުގެ އަތުން 100 އަށް ވުރެ ގިނަ ގަސް ބައްލަވައިގަތެވެ. ޕޮޓުގައި އިންދައިގެން މާލެއަށް ގެންނަންވީ އިތުރު އެތައް ބާވަތެއް އޭގެ ފަހުން އޭނާ ސަމީރަށް ތައާރަފްކޮށްދެއްވި އެވެ. ބޭނުމިއްޔާ އެ މަސައްކަތުގެ ފަންނީ އިރުޝާދު ދޭނެކަމުގެ ޔަގީންކަމާއި މާކެޓް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް އެ ދަތުރަށް ފަހު ދެއްވި އެވެ.
"އަޅުގަނޑު ބުނެފިން މަރުހަބާއޭ އަޅުގަނޑު މިހރީ ހަމަ މި މަސައްކަތް ކުރާށޭ،" އުސްކޮށް ފާރު ރާނައި ވަރަށް ރަނގަޅަށް އިންތިޒާމްކޮށްފައި އޮތް ބޮޑު ބަގީޗާ ދައްކައިލަމުން ސަމީރު ބުންޏެވެ.
މާލޭގެ ބާޒާރުގައި މިހާރު ވިއްކަން ހުންނަ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ ގަސް އެތަނުގައިވާ އެކިވަރުގެ ޕޮޓުތަކުގައި އިންދާފައި ހުއްޓެވެ. ބިން މަަތީ އަތުރާފައިވާ ޕޮޓުތަކާއި ތަރުތީބަކުން އެލުވާފައި ހުރި ޕޮޓުތަކެވެ.
ސަމީރުއާއެކު ފުރަތަމަ ބައްދަލުވި ވަގުތު ދެކެވުނު ވާހަކައިން ވެސް އެނގުނީ އޭނާގެ މުރާލިކަމެވެ. ކާށިދޫ ދަތުރުގައި އަހަރެމެންނަށް މަގު ދައްކަން ތިބި އެރަށު ދެމީހުން ސަމީރުބެއަށް ގުޅަން އުޅެ ނުގުޅިގެން ދިޔައީ އޭނާގެ ބަގީޗާއަށެވެ. ސަމީރު އައިސް ވަނީ އެތަނަށް ވަދެ އޭނާއަށް ގޮވަނިކޮށެވެ.
"ގަދަވެ ސަލާމަތުން ހުރިއްޔާ ފަތިހު 4:00 ގެ ފަހުން އަހަރެން ނިދައިފައެއް ނޯންނާނެ،" ހޭލައި އެބަ އުޅެންހޭ އަހައިލުމުން، ހިނިތުންވުމަކުން މީހެއްގެ މޫނަށް އަރާނެ ހުރިހާ ރުލަކާއި އެކު ހިނިތުން ވެލާފައި، ފަހުރުވެރިކަމާއެކު ސަމީރު އޭނާގެ އާދަކާދަ ހުންނަ ގޮތް ކިޔައިދިނެވެ.

ސަމީރު އޭނާގެ ގަސްތަކަށް ފެން ދެނީ: އޭނާއަކީ ގަސްތަކަށް އަޅައިލުމަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
އޭނާގެ ބަގީޗާއަށް ބަލައިލުމުން އެ ބުނި ބަހުގެ ތެދުކަން ސާފުކޮށް ފެނަން އޮތެވެ. ހެނދުނު ހަތެއް ވެސް ނުޖަހަނީސް ބަގީޗާއަށް ދިޔަ އިރު، ތަނުގެ ހުރިހާ ގަސްތަކަށް ހުރީ ފެންދީ ނިންމައިފަ އެވެ. އެތަން އޮތީ އެހައި ރީތިކޮށް ތަރުތީބު ވެސް ކޮށްފަ އެވެ. މިއީ ވަރަށް ފުރިހަމަ ބަގީޗާއެކެވެ.
ސަމީރުގެ އިތުރުން ކާށިދޫގެ ގިނަ ބަޔަކު ގަހުގެ ވިޔަފާރިއަށް ނެރެން ހުސައިންދީދީ ކުރެއްވި މަސައްކަތުގެ ހަނދާން ވެސް ސަމީރު އާކުރި އެވެ. އޭނާ ބުނި ގޮތުގައި ދެ ވަނަ ދަތުރެއްގައި ހުސައިންދީދީ ކާށިދުއަށް ވަޑައިގެންނެވި ތައާރަފްވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ. އެފަހަރު ވަޑައިގެންނެވީ އަނބިކަނބަލުން ވެސް އަރިހުގައި ލައްވައިގެންނެވެ.
"ހުސައިންދީ އަޅުގަނޑު ގާތު ބުނުއްވީ ތިމަންނާ ބޭނުމޯ ގިނަ ކުދިން ލައްވާ މިކަންތައް ކުރުވަން. އެހެންވީމާ ކުދިންކޮޅެއް އެއްކޮށްލައިގެން ކުދިންނަށް އިރުޝާދު ދޭނިއްޔޯ މިކަމުގެ،" ހުސެއިންދީ އެއިރު ގެންގުޅުއްވި ހިޔާލު ސަމީރު ހިއްސާ ކުރި އެވެ.
އެފަހަރު ހުސައިންދީ ވަޑައިގެން ކާށިދޫ ސްކޫލަށް ކުދިން އެއްކުރައްވައި ގަހުގެ ވިޔަފާރީގެ ފައިދާތަކާއި އެ މަސައްކަތް ކުރަންވީ ގޮތުގެ ފުރިހަމަ އިރުޝާދުތަކެއް ދެއްވި އެވެ. އެ އިރުޝާދުތައް ދެއްވަން ހަގީގަތުގައި އޭނާއަކީ ވަރަށް ލާއިގް ބޭފުޅެކެވެ. އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަގީޗާ ބެލެހެއްޓުމުގެ މޭސްތިރިއަކީ އޭނާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރެ، ރީތި މާބަގީޗާއެއްގެ ގޮތުގައި ބެލެހެއްޓުމުގައި ވެސް އިސްކޮށް ހުންނެވީ އޭނާ އެވެ.
މިހާރު ރަނގަޅު އާމްދަނީއެއް ލިބޭ
ގިނަ ބާވަތްތަކެއްގެ ގަސްތައް ސަމީރު މާލެއަށް ގެންދަން ފެށީ ހުސައިންދީދީގެ ވިޔަފާރީގެ އިރުޝާދު ލިބެން ފެށި ހިސާބުންނެވެ. ކާށިދޫގެ އެހެން ގިނަ ބަޔަކު ވެސް ފުޅާ ދާއިރާއެއްގައި ގަހުގެ ވިޔަފާރިއަށް ވަނީ އެހިސާބުންނެވެ.
"ދެން އަޅުގަނޑު މާލެއަށް ގެންދަން ފެށީ ތަންކޮޅެއް ގިނަ އައިޓަމްތައް. ގިނަ އައިޓަމްތައް މާލެއަށް ގެންދަން ފެށުމުން މާލެއިން ހަމަ ރަނގަޅު އާމްދަނީއެއް ލިބެން ފަށައިފި،" ސަމީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގަސްވިކޭ އަދަދަށް ބޮޑު ބަދަލެއް ނާންނައިރު، ގަސް ވިއްކައިގެން ލިބުނު އާމްދަނީ ހުރީ މަހަކަށް 30،000 ރ. އަރާ ފަހަރު ވެސް އާދެ އެވެ. ދަށް ވެގެން 15،000ރ. އަށް ވުރެ އޭރު އާމްދަނީ ދަށެއް ނުވެ އެވެ. މުޅި ދުވަހު ގަސްތަކަށް ހިދުމަތް ކުރުމުގައި މުރާލިކަމާއެކު އުޅެން އެއީ ރަނގަޅު ސަބަބެކެވެ.
ބަލިމަޑުކަން އައުމުގެ ކުރީގައި ގަސް ވިއްކުމުގެ ދެ ގޮތެއް އޮވެ އެވެ. އެއީ ކާށިދޫގެ ދަނޑުވެރިކަމުގެ އެހެން އުފެއްދުންތަކެކޭ ވެސް އެއްފަދައިން ކޮންމެ ހަފްތާއަކު މާލެއަށް ގެންގޮސް މާރުކޭޓުގައި ވިއްކުމާއި ރިސޯޓްތަކުގެ މީހުން ސީދާ ކާށިދުއަށް އައުމުން އެމީހުންނަށް ގަސް ވިއްކުމެވެ. އެކަމަކު ބަލިމަޑުކަމާ އެކު އެ ދެކަން ވެސް މުޅިން ހުއްޓުމަކަށް އައެވެ. ސަމީރާއި ކާށިދޫގެ އެހެން ބައެއް މީހުންގެ ފަރާުތުން ވެސް އެނގުނު ގޮތުގައި ކޮވިޑާއެކު ވިޔަފާރިއަށް އައި ހީނަރުކަމުން އަދިވެސް މުޅިން އަރައިނުގަނެވެ އެވެ.
"ކޮވިޑާ ގުޅިގެން ވަރަށް ބޮޑު ވެއްޓުމެއް، ހަމަ ވަރަށް ބޮޑު ވެއްޓުމެއް ދިމާވި. އޭރު ލިބުނު އާމްދަނީން ދެބައިކުޅަ އެއްބައި ވަރު ކެނޑިފައި އޮންނީ މިހާރު ގާތްގަނޑަކަށް. މިހާރު ވާގޮތަކީ ހިފައިގެން މާލެއަށް ގޮހެއް އެހާވަރަކަށް ނުއެއް ވިއްކޭ،" ސަމީރު ބުންޏެވެ.

ސަމީރު އޭނާގެ ބަގީޗާގައި ހަރަކާތްތެރިވަނީ: ކޮވިޑާއެކު ވިޔަފާރި މަޑުޖެހި، މިހާރު ގިނައިން ގަސް ވިކެނީ އޮންލައިންކޮށް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ގަހުގެ ވިޔަފާރީގެ ބޮޑުބަޔަކީ އޭނާ ބުނިގޮތުގައި މިހާރު އޮންލައިންކޮށް ކުރާ ވިޔަފާރިއެކެވެ. އޭނާވެސް މިހާރު ގިނައިން މާލެއަށް ފޮ ނުވަނީ އޮންލައިންކޮށް މީހުން ގަންނަ ގަސްތަކެވެ. އެގޮތަށް ހަފްތާއަކު ދެ ދުވަހު މާލެއަށް ގަސް ފޮނުވާ އިރު އެއިން ކޮންމެ ދުވަހަކު ވެސް 120 އާއި 150 އާ ދެމެދުގެ އަދަދަކަށް އޭނާ މާލެއަށް ގަސް ފޮނުވަ އެވެ.
އެކަމަކު ހުސައިންދީދީގެ ފިހާރައަށް ސަމީރު މިހާރު ވެސް ގަސް ފޮނުވަ އެވެ. ހުސައިންދީދީ އަވަހާރަވިތާ އެތައް އަހަރެއްވިއިރު ވެސް އޭނާގެ އާއިލާއިން އެ ފިހާރަ އަދިވެސް ހިންގަ އެވެ. ސަމީރު ބުނި ގޮތުގައި ފިހާރައަށް މިހާރު ގެންދަނީ ފޮނުވާ ފަހަރަކު ތިރީސް ނުވަތަ ސާޅީސް ގަހެވެ. ޕޮޓުގައި ގަސް ހެއްދުމުގެ މަސައްކަތަށް އިސްކަން ދިނަސް، އޭނާ އެންމެ ކުރިން ފެށިގެން ވެސް ކުރަމުން އައި ދަނޑުވެރިކަމުގެ މަސައްކަތް ވެސް ސަމީރު ދުލެއް ނުކުރެ އެވެ. ފަތްކޭލާއި ބަޓާނާ ފަދަ ބާވަތްތައް އޭނާ ހައްދަ އެވެ. އޭނާ ހައްދާފައި ހުރި ޗައިނީޒް ކެބެޖްގަސްތަކެއް ވެސް އަހަރެމެން ދުށީމެވެ. މާލޭގެ ބާޒާރަށް ފޮނުވާނެ ބާވަތްތައް ދަނޑުވެރިކަމުން ވެސް އޭނާއަށް ލިބެ އެވެ.
އެންމެ ޑިމާންޑްބޮޑީ ރާއްޖޭގެ ބާވަތްތަކަށް
އަގު ބޮޑުވެފައި ގިނަ މީހުން ގަންނަނީ އަހަރެން ކުރިން ހީކުރާ ގޮތުގައި ބޭރުން ގެންނަ ފާޑުފާޑުގެ ގަސްތަކެވެ. ރާއްޖޭން އާއްމުކޮށް ނުފެންނަ ބާވަތްތަކެވެ. އެކަމަކު ސަމީރުގެ ތަޖުރިބާ މިކަމުގައި މުޅިން ތަފާތެވެ.
"އަބަދުވެސް އެންމެ ޑިމާންޑް ބޮޑީ މާ އަޅާ ގަހަށް. ރާއްޖޭގައި އުފެދިފައި ހުންނަ ރާއްޖޭގެ ވައްތަރުތަކަށް،" މިހާރުވެސް ވިއްކަން ފޮނުވޭ ވަރަށް ހެދިފައިވާ ބޯގަން ވިލާ ގަސްތަކެއް ދައްކައިލަމުން އޭނާ ބުންޏެވެ.
ރާއްޖޭގެ ގަސްގަހާގެހީގެ ވައްތަރުތައް ކަމަށް ސަމީރު އެ ބުނީ ބޯގަންވިލާގެ އެކި ކުލަތަކާއި ކަނީރުމަލުގެ ބާވަތްތަކާއި ސައިމަލުގެ ކުލަތަކެވެ. ބޯގަންވިލާ ގަސްތަކުގެ ތެރޭގައި ގިނައީ ހުދުކުލަ އާއި ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ގިނައިން ހައްދާ އަސުރުމާ ކުލަ އެވެ. ކަނީރުގެ ވެސް ދެތިން ވައްތަރެއް ހުއްޓެވެ. ފިޔަތަކުގެ ބައްޓަން މާ ސާފުކޮށް ވަކިނުވާހެން ބޮނޑިކޮށް ހުންނަ މަލެއް އަޅާ ކަނީރަކީ ރާއްޖޭގެ ރަށްރަށުގެ މަގުތަކުން ކުރިން ގިނައިން ފެނަން ބާވަތެވެ. އެކަމަކު މިހާރު ގިނައީ ފިޔަތަކުގެ ބައްޓަން ރީއްޗަށް ވަކިވާ، ގަދަ ރަތްކުލައަކަށްދާ މަލެއް އަޅާ ވައްތަރުގެ ކަނީރެވެ.
ރަށްރަށުގެ ފެހިކަމުގެ ބޮޑުބައެއް ހިއްސާކުރާ، ހޭޅިމައްޗާއި ވަލުތެރެއިން ފެންނަ ބާވަތްތައް ހޯދަން ގަސް ގަންނަ މީހުން ނޫޅޭހޭ އަހައިލީމާ ސަމީރު އަހަރެމެންނަށް ދައްކައިލީ ކުރުކުރުކޮށް ހައްދާފައި ހުރި ނިކަގަހެކެވެ. އެންމެ ފުރަތަމަ ހަށިން ހިތްވަރެއްލުމަށްފަހު އޭނާ ޕޮޓުން ގަސް އުފުރައިލި އެވެ. އެއަށްފަހު ގަސް ބެހެއްޓީ، ހުދު ކުލައިގެ ބޮޑު ކެންވަހެއްގެ ކައިރީގަ އެވެ. އެއީ މާލެއަށް ވިއްކާ ގަސްތައް، ފޮޓޯ ނެގުމަށް ސަމީރު ގެންގުޅޭ ސްޓޫޑިއޯ ތަންކޮޅެވެ. އޮންލައިންކޮށް ވިއްކާއިރު ރީތިކޮށް ފޮޓޯ ނެގުމަކީ، ގަސް ވިކުމާއި ނުވިކުމާ ދެމެދު ހުންނަ ތަފާތެވެ.
ބަގީޗާއިން ނުކުމެގެން ގޮސް މަގުގެ އަނެއް ފަރާތުގައިވާ ސަމީރުގެ ގޭގެ ގޯތި ތެރެއަށް ވަދެލި އިރު އެކި ބާވަތްބާވަތުގެ ގަސް އިންދާފައިވާ ޕޮޓްތަކުން އެތަން ވެސް އޮތީ ފުރާލައިފަ އެވެ. ބޯގަންވިލާ ކުރިތައް އެންމެ ފަހުން އިންދި ޕޮޓުތައް ބަހައްޓާފައި ހުރީ މަގުމައްޗަށް ހިޔާ އަޅައި، މަލުން ބަރާވެފައިވާ ބޯގަންވިލާ ގަހުގެ ދަށުގަ އެވެ.
ކާށިދޫގެ މަގުތަކުން މިފެންނަ ރީތި ބޯގަންވިލާގެ ބަގީޗާތަކުގެ ހަގީގަތީ ވެސް މި އެވެ. އެއީ ހަމަ އެކަނި ޒީނަތްތެރިކަމެއް ނޫނެވެ. މަހެއްގެ މައްޗަށް އެތައް ހާސް ރުފިޔާއެއް އެރަށުގެ އިގުތިސާދަށް ވައްދައިދޭ ގަހުގެ ވިޔަފާރި މޫލާފައި ވަނީ އެ ގަސްތަކަށެވެ. އެެ ގަސްތަކުގެ ދަށުން ރާއްޖޭގެ އެހެން ރަށްތަކުގެ ޒުވާނުންނަށް ސަމީރު ފޮނުވައިލާ މުހިއްމު މެސެޖެއް އެބަ އޮތެވެ.
އަތް އުރާލައިގެން ތިބޭނެކަމެއް ނެތެވެ. މިއީ ވެސް ބޮޑު އާމްދަނީއެއް ހޯދޭނެ ރަނގަޅު މަސައްކަތެކެވެ.












