ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ކާށިދޫ އަދި އެ ރަށުގެ ފަޅުގެ ސެޓްލައިޓު ފޮޓޯއެއް : ރަތްކުލައިގެ މާކަކީ ރިސޯޓު ތަރައްގީކުރާ ސަރަހައްދު --- ފޮޓޯ: ގޫގުލް އާތު

ކާށިދޫ އަދި އެ ރަށުގެ ފަޅުގެ ސެޓްލައިޓު ފޮޓޯއެއް : ރަތްކުލައިގެ މާކަކީ ރިސޯޓު ތަރައްގީކުރާ ސަރަހައްދު --- ފޮޓޯ: ގޫގުލް އާތު

ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ރިސޯޓެއް ނާޅާ ގޮތަށް މީގެ ކުރިން ނިންމާފައި އޮތް. ކ. ކާށިދޫ ފަޅު (ކާށިދުއްފަރު) ގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކާށިދޫ ފަޅުގައި ތަރައްގީ ކުރަން ދޫކުރަނީ ޖުމްލަ 115 ހެކްޓަރުގެ ސަރަހައްދެއް ކަމަށެވެ. ރިސޯޓު ތަރައްގީ ކުރުމަށް ހިއްކޭނީ 10 ހެކްޓަރުގެ ރަށެކެވެ. މި ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.25 މިލިއަން ޑޮލަރެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރިސޯޓު ތަރައްގީކުރަން ދޫކުރަނީ ކާށިދުއްފަރުގެ ހުޅަނގު އުތުރު ކަނުން ހިކި ދިޔައިގައި ހިކޭ ފިނޮޅާ ދިމާލުންނެވެ. ކާށިދުއްފަރަކީ ރާއްޖޭގެ އެހެން ފަޅުތަކާ އަޅާބަލާއިރު ގިނަ އަދަދަކަށް މޫދު ވިނަ ހެދިފައިވާ ފަޅެކެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ ކެމްޕޭނުގެ ތެރެއިން ސެޕްޓެމްބަރު 5، 2023 ގައި ކާށިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރާނީ ކާށިދޫއަށް ފައިދާވާނެ ގޮތެއްގެ މަތިން ކަމަށެވެ.

މިއަދު ކުރި އިއުލާނުގެ ދަށުން ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ ޖޫން 5، ގެ ހެދުނު 10:00 އެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ ފަސްފަހަތް

ކާށިދޫ ފަޅުން ބަޔެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ އިއުލާނުކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަހު އަހަރު، މީހުން ދިރިއުޅޭ ރަށްތަކުގެ ފަޅު ތެރޭގައި ރިސޯޓު ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ދަށުންނެވެ.

2008 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް މައުމޫނުގެ ސަރުކާރުން ހަތް ރަށެެއްގެ ފަޅު ހިއްކައިގެން ރިސޯޓުތަކެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ ރަށާ ކައިރިން ވަޒީފާގެ ފުރުސަތު ދިނުމަށް ކަމަށް ބުނެ އެވެ. ނަމަވެސް އެތަނުން އެއްވެސް ރަށެއްގެ ފަޅެއްގައި މިއަދާ ހަމައަށްވެސް ރިސޯޓެއް ތަރައްގީކޮށްފައި ނުވެ އެވެ.

އޭރުގެ ނޫސް ރިޕޯޓުތަކުން އެނގޭ ގޮތުގައި، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރި ހަމައެކަނި ފަރާތް ކަމުގައިވާ މއ. ނިވިކޯ، އަހުމަދު ޝަފީގުއަށް ޖޫން 22، 2008 ގައި ވަނީ މި ފަޅު ކުއްޔަށް ދީފަ އެވެ. މި އެއްބަސްވުމާ ގުޅިގެން ޝަފީގުއަށް ލިބިދޭ ހުރިހާ ހައްގުތަކަށް ފަހުން ބަދަލުކުރީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ނަންމައްޗަށެވެ.

ފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބުނެ އެންވަޔަރަމެންޓަށް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކާށިދުއްފަރުގައި ރިސޯޓު ތަރައްގީ ނުކުރާން ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އެގޮތަށް ނިންމާ ރިލޮކޭޝަން އެއްބަސްވުމުގެ ދަށުން ބަދަލުގައި ދިނީ ދިއްފުށީ ފަޅެވެ.

ކާށިދުއްފަރުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެ ފަޅުގެ 180 ހެކްޓަރުގެ ސަރަހައްދެއްގެ ބެތިމެޓްރިކް ސާވޭ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ ސެޕްޓެމްބަރު 2022، ގަ އެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެވެސް ރިޔާސީ ވައުދުކެވެ. ޓޫރިޒަމުން 2022 ގައި ބުނީ ދިރާސާ ކުރަނީ އެ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއްތޯ ބެލުމަށެވެ.

މިދިޔަ ސަރުކާރުން ކާށިދުއްފަރުގައި އަލުން ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށި އިރު އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބުނު ކަން ސާފެއް ނޫނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އެންވަރަމަންޓުން މިނިސްޓްރީ ހިންގަނީ ޓޫރިޒަމް މިނިސްޓްރީއާ އެއް ފުރާޅެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox